ފާއިތުވި 45 ދުވަހު އިންޑިއާގެ އާގްރާގެ އާއިލާއަކުން ކުރަމުން އައީ ފިރިމީހާ ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތެވެ. ގެއްލުނު ފިރިމީހާގެ ޚަބަރެއް ނުވެ، އާއިލާއިން އިންތިޒާރު ކުރަމުން ދިޔައީ އޭނާ އެނބުރި އަންނާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް، އެ ހުރިހާ ދުވަހަކު ވެސް އެ 44 އަހަރުގެ ފިރިހެން މީހާގެ ފުރާނަ ނެތް މަސްގަނޑު އޮތީ، އޭނާގެ އަނބިމީހާ އުޅެމުން ދިޔަ ގޭގެ ފާޚާނާގެ ތަޅުމުގައި ޖަހާފައިވާ ތަށިމުށިގަނޑު ދަށުގައި ވަޅުލާފައިކަން ފުލުހުންގެ ތަހުގީގުން މިވަނީ ހާމަވެފައެވެ.
މި ހިތްދަތި ހާދިސާ ފެންމަތިވީ، ގެއްލުނު ސުރެންދުރަ ކުމާރު ޝަރުމާގެ މަރާ ގުޅޭގޮތުން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރޭގައި ލިބުނު ޝައްކުތަކެއްގެ މައްޗަށް ބިނާކޮށެވެ.
ސުރެންދުރަ ގެއްލުނު ކަމަށް ރިޕޯޓުކުރީ މެއި 18 ވަނަ ދުވަހުއެވެ. އޭނާގެ އަނބިމީހާ ރޫބީ، އާއިލާއަށާއި އަވަށްޓެރިންނަށް ކިޔައިދެމުން ދިޔައީ އޭނާ ކޮންމެވެސް ތަނަކަށް ދިޔައީ ކަމަށާއި އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. މެއި 26 ގައި ގެއްލުނު މީހެއްގެ ގޮތުގައި ރިޕޯޓުކުރި ނަމަވެސް، މައްސަލައިގެ ތެރޭގައި ހުރި އޮޅުންބޮޅުންތައް ފުލުހުންނަށް ފާހަގަކުރެވުނެވެ.
ފުލުހުން ހުކުރު ދުވަހު އަލުން އެ ގެއަށް ގޮސް ބެލިބެލުމުން، ރޫބީގެ އަމަލުތައް ހުރިގޮތުން ޝައްކުތައް އިތުރުވިއެވެ. ހަމައެއާއެކު، ސުރެންދުރަގެ ކޮއްކޮ އަނިލް ޝަރުމާ ފުލުހުންނަށް ދިން މުހިންމު މައުލޫމާތުތަކާއެކު، ފުލުހުން އެ ގެ ފާސްކުރަން ފެށިއެވެ. ފާޚާނާގެ ތަށިމުށިތައް ވަރަށް ފަހުން ޖަހާފައިވާކަން ފާހަގަކުރެވި، އެތަން ކޮނެގެން ބެލިބެލުމުން، ކުނިވެފައިވާ ސުރެންދުރަގެ ހަށިގަނޑު ފެނުނީ އެ ތަށިމުށިގަނޑު ދަށުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކުރި ސުވާލުތަކުގައި، ރޫބީ ވަނީ ފިރިމީހާ މަރާލިކަމަށް އިއުތިރާފުވެފައެވެ. ފުލުހުން ބުނާ ގޮތުގައި، މިކަން ކުރުމުގެ ކުރިން ފާޚާނާ މަރާމާތު ކުރުމަށް އޭނާ ވަނީ މަސައްކަތު މީހުންނަށް ވެސް ކުރިން ރާވައިގެން ގެނެސްފައެވެ. މިއީ މަރާލުމަށްފަހު އެކަން ފޮރުވުމަށް އެޅި ރޭވުންތެރި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ސުރެންދުރަގެ ކޮއްކޮ ބުނިގޮތުގައި، ސުރެންދުރަ އާންމުކޮށް ރާ ބޯތީ ދެމަފިރިންގެ ދެމެދުގައި އަބަދުވެސް ޒުވާބުތައް ހިނގައެވެ. މި ހާދިސާގެ ފަހަތުގައިވާ ހަގީގީ މަގުސަދާއި، މިކަމުގައި އެހެން ބަޔަކު ބައިވެރިވެފައިވޭތޯ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.







