ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ ފަރުވާއަށް އެދި "ވެއިޓިން ލިސްޓު" ގައި 641 ދިވެހިން އެބަތިއްބެވެ. މިއީ ހަމައެކަނި ނަންބަރުތަކެއް ނޫނެވެ. މިއީ އެހީއަށް އެދި އަތްދިއްކޮށް، ދައުލަތުގެ ދޮރުތަކުގައި ޓަކައިދެމުންދާ އެތައް އާއިލާއެއްގެ ހިތްދަތި ކަރުނައެވެ.
މަސްތުވުމުގެ ބަލިމަޑުކަމުން ސަލާމަތްވުމަށް އަމިއްލައަށް އެދިގެން، ނުވަތަ ކޯޓު އަމުރެއްގެ ދަށުން ފަރުވާ ބޭނުންވެފައި ތިބި މި 641 މީހުންނަށް ކަނޑައެޅިފައިވާ މަރުކަޒުތަކުން ޖާގައެއް ނުލިބެއެވެ. ނަމަވެސް، މި މައްސަލައިގައި ފޮރުވިފައިވާ އެންމެ ބިރުވެރި ހަގީގަތަކީ މިއެވެ. ދައުލަތުގެ ނިޒާމީ ބަލިކަށިކަމުގެ ސަބަބުން ފަރުވާ ނުދެވި ކިޔޫގައި ބައިތިއްބާފައި ތިބޭ ތިބުމުގައި، ޤާނޫނުލްޢުޤޫބާތާއި މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ތިލަފަތް ބަރުވާނީ ދައުލަތުގެ އިހުމާލުގެ ބަދަލުގައި، އެ ނިކަމެތި ބަލިމީހާ އާ ދިމާއަށެވެ.
އެންޑީއޭއިން ހާމަކުރި ގޮތުގައި ވެއިޓިން ލިސްޓުގައި ތިބި މީހުންގެ ތެރޭގައި މުޖުތަމައުގެ ތެރެއިން ފަރުވާ ބޭނުންވާ 360 މީހަކާއި، މަރުކަޒީ ފަރުވާއަށް އެދޭ 142 މީހެއްގެ އިތުރުން މެތަޑޯން ފަރުވާއަށް އިންތިޒާރުކުރާ 139 މީހުން ހިމެނެއެވެ.
މި މީހުން ފަރުވާގެ ކިޔޫގައި ތިއްބާ، މަގުމަތިން ކުޑަ މިންވަރެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ހިނގައްޖެނަމަ، ނުވަތަ ކުޑަކަމުދާ ތަކެތި ޕޮޒިޓިވްވެއްޖެނަމަ، ޤާނޫނުގެ ކުރިމަތީގައި އެމީހުންނަކީ "ބަލިމީހުންނެއް" ނޫނެވެ. އެއީ "ކުށްވެރިން" ނެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ޤާނޫނު ފަރުމާކޮށްފައިވަނީ ފަރުވާއަށް އިސްކަންދޭ ގޮތަށެވެ. ނަމަވެސް، ދައުލަތަށް ފަރުވާ ފޯރުކޮށްނުދެވި، އެމީހާ އަލުން ކުށުގެވެށީގައި އުޅެނިކޮށް އަތުލައިގެންފިނަމަ، ޤާނޫނުން އޭނާއަށް އޮތް ރިހެބިލިޓޭޝަންގެ ޙައްޤު ގެއްލި، ބޮޑެތި ޖަލު ހުކުމްތަކާ ކުރިމަތިލާންޖެހެއެވެ. މިއީ ނިޒާމުން އުފައްދާ ބޭއިންސާފެކެވެ.
ސަރުކާރުން މި މައްސަލައިގެ ސީރިއަސްކަން ޤަބޫލުކުރެއެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭނެ ބިޔަ ސެންޓަރެއް ހެދުމުގެ މަޝްރޫޢެއް ޖުލައި މަހު ފަށާނެކަން އިޢުލާންކުރައްވާފައެވެ. އަމާޒަކީ 18 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމެވެ.
މިއީ އުންމީދީ މެސެޖެކެވެ. ނަމަވެސް، އިޤްތިޞާދީ އަދި އިޖުތިމާޢީ ނަޒަރަކުން ބަލާއިރު އުފެދޭ ސުވާލަކީ މިއެވެ. އެ ބުނާ 18 މަސްދުވަސް ހަމަވަންދެން، މިހާރު ތިބި 641 މީހުންގެ ދިރިއުޅުން އޮންނާނީ ކޮން ފަދަ ހާލަތެއްގައި ހެއްޔެވެ؟
- ޖަލުތައް ތޮއްޖެހުން: ފަރުވާ ނުލިބި މަގުމަތިވާ މީހުން ޖަލަށްލާން ޖެހުމުން، ދައުލަތުން ބަލަހައްޓަންޖެހޭ ޚަރަދު ބޮޑުވެ، ޖަލުތަކުގެ ޖާގަ ފުރެއެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގައި ޖަލު އާބާދީ އެންމެ ގިނަ ގައުމެވެ!
- އިޖުތިމާޢީ ބުރަ: މި މީހުންނަކީ އުފެއްދުންތެރި މަސައްކަތްތެރިންނަށް ހެދުމުގެ ބަދަލުގައި، ކިޔޫގައި ބޭތިއްބުމުން ކުށުގެ ވެށި ފުޅާވެ، ވައްކަމާއި ފޭރުން އިތުރުވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ދައުލަތުގެ އިހުމާލުން ނުވަތަ ޖާގަ ނެތުމުން ފަރުވާ ނުދެވި ހުންނަ މުއްދަތުގައި، އެ މީހަކު ކުރާ ކުދިކުދި ކުށްތަކަށް ޖަލު ހުކުމް އިއްވުމުގެ ބަދަލުގައި 'ޑިފާޑް ސެންޓެންސިންގ' ނުވަތަ ހުކުމް ތަންފީޛުކުރުން ފަސްކުރުމުގެ އުޞޫލުތައް ގެންގުޅެއެވެ. ނަމަވެސް ރާއްޖޭގައި އަދިވެސް އޮތީ ބަލިމީހާއަށް އަދަބެއް ދިނުމުގެ ބޯދާ ވިސްނުމެވެ.
641 މީހުންގެ ވެއިޓިން ލިސްޓަކީ ހަމައެކަނި ސަރުކާރުގެ ވައުދެއް ފުއްދުމަށް އޮތް ހުރަހެއް ނޫނެވެ. އެއީ ދައުލަތުގެ ނިޒާމުން ރައްޔިތުންނަށް ދެމުންދާ "ޤާނޫނީ އަނިޔާއެއް" ކަން ހާމަކޮށްދޭ ދަލީލެކެވެ. ފަރުވާދޭ ބިޔަ ޢިމާރާތް ނިމޭއިރު، މި 641 މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ތިބޭނީ ރިހެބިލިޓޭޝަން ސެންޓަރެއްގެ ބަދަލުގައި، ކުށްވެރިންގެ ގޮތުގައި ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. މިއީ ބަދަލުކުރަންޖެހޭ، ކަންބޮޑުވާންޖެހޭ ޙަޤީޤަތެކެވެ.





