"ކުޑަކުއްތާއެއް މަރާލުމުން އަދަބުދޭ، ފަލަސްޠީނުގެ މައުސޫމް މީހުން މަރާ މީހުންނަށް ކޮބާ އަދަބު؟" ޙުސާމް ޙަސަން

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު، 2026 ގެ ވޯލްޑް ކަޕްގެ ފޯރި ގަދަވެ، މުޅި ދުނިޔޭގެ ސަމާލުކަން އެމެރިކާގެ އެޓްލާންޓާ ދަނޑަށް ހުއްޓިފައި އޮތް ވަގުތެކެވެ. މުބާރާތުގެ ގަދަ 16 ގައި ދުނިޔޭގެ ގަދަބާރު އާޖެންޓީނާއާ ދެކޮޅަށް މިސްރު ނިކުންނަން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ. އެންމެން އިންތިޒާރުކޮށްގެން ތިބީ ޓެކްޓިކްސްތަކާއި، މެސީ ހުއްޓުވާނެ ގޮތްތަކުގެ ވާހަކަ އަޑުއަހާށެވެ. ނަމަވެސް، މިސްރުގެ ގައުމީ ޓީމުގެ ކޯޗު އަދި ފުޓްބޯޅަ ލެޖެންޑް ޙުސާމް ޙަސަން، އެ ބައްދަލުވުން ބަދަލުކޮށްލީ މުޅި އިންސާނިއްޔާތުގެ ޟަމީރާ ކުރިމަތިލާ ހިތްދަތި، އެހެން ނަމަވެސް ހޫނު މެސެޖަކަށެވެ.

ދުނިޔޭގެ ލޯތައް މެޗަށް ހުއްޓިފައި އޮތް ދަނޑިވަޅެއްގައި، އޭނާ އިސްކުރީ ޣައްޒާގެ ކުޑަކުދިންނާއި މައުސޫމް ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކާށެވެ. ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުތަކަށް އަމާޒުކޮށް އޭނާ ދޫކޮށްލި ބަސްތަކަކީ ހަމައެކަނި ކުޅިވަރު ޚަބަރެއް ނޫނެވެ. އެއީ އިންސާނިއްޔަތުގެ ކަރުނައެވެ.

"އެމީހުންގެ ތަދު އިހުސާސް ނުވާނަމަ ތިއީ އިންސާނެއް ނޫން"

މައިކްތަކުގެ ކުރިމަތީގައި އިށީނދެ، ފުން ނޭވާއެއްލަމުން ޙުސާމް ޙަސަން އޭނާގެ ވާހަކަ ފެށީ ހިތުގެ އެންމެ ފުނުންނެވެ.

"މި ދުނިޔޭގައި ފަލަސްޠީނުގެ ރައްޔިތުންގެ ވޭނާއި ކެކުޅުން އިހުސާސް ނުކުރެވޭ އެއްވެސް މީހަކު ހުރިނަމަ، އެއީ އިންސާނެއް ނޫން. އޭނާއަކީ ޔޫރަޕް މީހެއް ކަމުގައިވިޔަސް، އެމެރިކާ މީހެއް ކަމުގައިވިޔަސް، ނުވަތަ އަރަބިއެއް ކަމުގައިވިޔަސް  ކޮންމެ ތަނަކަށް ނިސްބަތްވިޔަސް، ފަލަސްޠީނަށް އެވަމުންދާ ގޮތް ފެނި ހިތަށް އަސަރު ކުރަންޖެހޭނެ،" މަޑުމައިތިރި، ނަމަވެސް ބާރުގަދަ އަޑަކުން އޭނާ ބުންޏެވެ.

އޭނާގެ ބަސްތަކުން ދުނިޔޭގެ އަރާމު ދިރިއުޅުމާއި ޣައްޒާގެ ހާލަތާ ދެމެދު އޮތް ބޮޑު ފަރަގު ސިފަކޮށްދިނެވެ. އަހަރެމެން މިތިބީ ފިނިކޮށްފައިވާ ކޮޓަރިތަކުގައެވެ. މޮޅު ކާނާ ކައިގެން، ރީތި ހެދުންލައިގެންނެވެ. އެކަމަކު ހަމަ އެ ވަގުތު، ފަލަސްޠީނުގެ އާއިލާތައް ތިބީ ހިޔާވަހިކަމެއް ނެތް ބިކަ ހާލުގައެވެ.

ދެފުށް ދެގޮތް ދުނިޔެއަށް ދިން ހޫނު ރައްދެއް

ޙުސާމް ޙަސަންގެ ވާހަކައިގައި އެންމެ އަސަރުގަދަވީ، ދުނިޔޭގައި ޖަނަވާރުންގެ ހައްގުތަކަށް ވަކާލާތުކުރާ މިންވަރާއި، ފަލަސްޠީނުގެ އިންސާނުންގެ ފުރާނައަށް ދޭ އަހައްމިއްޔަތުކަން ކުޑަވުމާ ދެމެދު ހުށަހެޅި އަޅާކިޔުމެވެ.

"މަގުމަތީގައި އުޅޭ ކުއްތާއަކަށް އަނިޔާއެއްވިޔަސް، ޖަނަވާރުންގެ ހައްގުތަކުގައި އުޅޭ ޖަމްއިއްޔާތައް ތެދުވެ އެކަން ކުރި މީހަކަށް އަދަބުދޭން ގޮވާލާ. އެކަމަކު، ކޮންމެ ދުވަހަކު ޔަހޫދީ ރޮކެޓާއި މިސައިލް ހަމަލާތަކުގައި ޣައްޒާގެ އެތައް ސަތޭކަ މައުސޫމް ކުޑަކުދިންނާއި އިންސާނުން މަރަމުންދާއިރު، ހުޅަނގުގެ ދުނިޔެއިން އެކަމާ އެކަށީގެންވާ އަޑު އުފުލާތަނެއް ނުފެނޭ. މިއީ މުޅި ދުނިޔެއަށާއި، ބާރުގަދަ ގައުމުތަކުގެ ވެރިންނަށް އޮތް ލަދެއް،" ރުޅިއާއި ހިތާމަ އެކުވެފައިވާ ރާގަކަށް އޭނާ ބުންޏެވެ.

އޭނާ ފާހަގަކުރި ގޮތުގައި އެއް ހަމަލާއަކުން އެތައް ހާސް ބަޔަކު ޝަހީދުވެގެންދާއިރުވެސް، ބައިނަލްއަޤްވާމީ މުޖުތަމައުން ފެންނަނީ ހިމޭންކަމެވެ.

ވޯލްޑް ކަޕް ފަދަ ބޮޑު މަންސައެއްގައި ފީފާއިން އަބަދުވެސް ހަމަހަމަކަމާއި އިންސާނީ ހައްގުތަކުގެ ޝިއާރުތައް އުފުލައެވެ. ޙުސާމް ޙަސަން އޭނާގެ ވާހަކަ ނިންމާލީ އެ ޝިއާރުތައް ހަގީގަތަކަށް ހެދުމަށް ގޮވާލަމުންނެވެ.

"ފަލަސްޠީނުގެ ރައްޔިތުން އެ ދިރިއުޅެނީ ފެނެއް، ކާނާއެއް، ބޯހިޔާވަހިކަމެއް ނެތި. އަހަރެމެން އެމީހުންނަށް އެދެނީ ދިރިއުޅުމުގެ ހައްގާއި އިންސާފު. ފީފާއިން އަދުލުވެރިކަމަށް ގޮވާލާ ބެނާތައް ހަރުކުރާއިރު، ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހައްގަށްވެސް އަޑުއުފުލަންޖެހޭނެ."

އިންފެންޓީނޯގެ ވެރިކަމުިގައި ފީފާ އިން ވަނީ ފަލަސްޠީނު މީހުންނާ ދެކޮޅަށް ނަސްލީ ދެކޮޅުވެރިކަމެއް ދައްކާފައެވެ

ހިއްސާ ކުރައްވާ!