ޝަހީދު އިމާމް އަލީ ޚާމަނާއި

މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރޭގައި ހިމެނޭ، އަދި ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައި އީރާނުން ދުށް އެންމެ ވަރުގަދަ ޝަޚުޞިއްޔަތުތަކުގެ ތެރޭގައި ގުނާލެވޭ އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ސައްޔިދު ޢަލީ ޚާމަނާއީއަކީ، ގާތްގަނޑަކަށް 40 އަހަރު ވަންދެން އީރާނުގެ ޒަމާނީ ތަރައްގީއާއި ބާރުވެރިކަމާއި ސިޔާސީ ނިންމުންތަކުގެ މޭސްތިރިއެވެ. ސިޔާސީ ހޭލުންތެރިކަން ބޮޑު ޤައުމެއް ހިންގުމުގައި އޭނާ ވަނީ ސާބިތުކަން ދަމަހައްޓާފައެވެ.

އޭނާގެ ފުރިހަމަ ނަންފުޅަކީ ޢަލީ ޖަވާދު ޙުސައިނީ ޚާމަނާއީއެވެ. އުފަންވެވަޑައިގަތީ 1939 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ގައި ޚުރާސާން ޕްރޮވިންސްގެ މަޝްހަދު ސިޓީގައެވެ. އޭނާގެ ނަސަބު ގުޅިފައިވަނީ ޝިއައީންގެ ހަތަރުވަނަ އިމާމް، އަހުމަދު ބިން ޢަލީ ޒައިނުލްޢާބިދީން އައްސައްޖާދު ބިން ޙުސައިން އާ އެވެ.

އޭނާގެ ބައްޕަ ޖަވާދު ޚާމަނާއީއަކީ ތުރުކީގެ އާޒަރީ ދަރިކޮޅުގ ެބޭފުޅެކެވެ. ޚާމަނާއީއަށް ތުރުކީ ބަސް މޮޅަށް ދަސްކޮށް ދެއްވުމުގައި ބައްޕަގެ ދައުރު ބޮޑެވެ. މަންމަ ޚަދީޖާ މިރުދަމާދަކީ އިސްފަހާނަށް ނިސްބަތްވާ، ސަފަވީންގެ ޒަމާނުގެ މަޝްހޫރު ފިލޯސަފަރެއް އަދި ޢިލްމުވެރިއެއް ކަމަށްވާ މިރު ބުރްހާނުއްދީންގެ ދަރިކޮޅުގެ ބޭފުޅެކެވެ. ޅަޢުމުރުން ފެށިގެން ޚާމަނާއީގެ ކިބައިގައި ޅެމާއި އަދަބިއްޔާތާއި މިއުޒިކަށް ޝައުޤުވެރިކަން އުފެދުނީ މަންމަގެ ސަބަބުން ކަމަށް ބުނެވެއެވެ.

ޚާމަނާއީގެ ކުޑައިރުގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމެއް ނޫނެވެ. އޭނާއާއި އޭނާގެ 7 ކޮއްކޮ އުޅެ ބޮޑުވީ އެންމެ ކޮޓަރިއަކާއި އަނދިރި ބިންގަރާހެއް ހިމެނޭ، 70 އަކަމީޓަރުގެ ކުޑަ ގެއެއްގައެވެ. އޭނާގެ ހަނދާންތަކުގައި ލިޔުއްވާފައިވާ ގޮތުން، ކާނެ އެއްޗެއް ނުލިބިގެން އެތައް ރެއަކު އެ އާއިލާ އުޅެން ޖެހުނެވެ. އޭނާ އަކުރު ކިޔަން ދަސްކޮށް، 4 އަހަރުގެ އުމުރުގައި ޤުރްއާން ހިތުދަސްކުރަން ފެށިއެވެ.

1958 ވަނަ އަހަރު ބައްޕައާއެކު ޢިރާޤުގެ ނަޖަފަށް ވަޑައިގެން، މުޙްސިން އަލްޙަކީމް އަދި އަބުލްޤާސިމް އަލްޚޫއީ ފަދަ ޢިލްމުވެރިންގެ އަރިހުން ތަޢުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު މަޝްހަދަށް އެނބުރި ވަޑައިގެން މުޙައްމަދު ހާދީ މިލާނީގެ އަރިހުން ކިޔެވުން ކުރިއަށް ގެންދެވިއެވެ.

އޭގެ އެއް އަހަރު ފަހުން، ދީނީ ޢިލްމު އުނގެނުމަށް ޤުމް އަށް ވަޑައިގެން، ރޫޙުﷲ ޚުމައިނީއާއި މުޙައްމަދު ޙުސައިން ތަބާތަބާއީ ފަދަ ބޭފުޅުންގެ އަރިހުން ތަޢުލީމު ހޯއްދެވިއެވެ. 1964 ގައި ބައްޕަގެ ލޮލުގެ ބޭސްފަރުވާއަށް މަޝްހަދަށް އެނބުރި ވަޑައިގެން، ފިޤުހު ޢިލްމާއި ތަފްސީރު ކިޔަވައިދޭން ފެއްޓެވިއެވެ. އެ ދުވަސްވަރު އޭނާ ފެއްޓެވީ ޝާހުގެ ވެރިކަން ވައްޓާލުމުގެ ޚިޔާލު ދަރިވަރުންގެ މެދުގައި ފެތުރުމަށެވެ.

1960 ގެ އަހަރުތަކުން ފެށިގެން ޝާހުގެ ވެރިކަމާ ދެކޮޅު ހަރަކާތްތަކުގައި ޚާމަނާއީ ބައިވެރިވެވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން 6 ފަހަރެއްގެ މަތިން އޭނާ ހައްޔަރުކުރިއެވެ. 1965 ގައި 10 އަހަރު ދުވަހަށް ޤައުމުން ބޭރަށް ދިއުން މަނާކުރިއެވެ. 1977 ގައި އާޔަތުﷲ ޚުމައިނީ އޭނާ ޢައްޔަންކުރެއްވީ ޤުމްގެ ޢިލްމީ މަރުކަޒުގެ ކަންކަން އިޞްލާޙުކޮށް ރަސްގެފާނު ޝާހާ ދެކޮޅަށް ސިޔާސީ ބިންގާ އެޅުމަށް އުފެއްދި ކޮމިޓީއަކަށެވެ. މިއީ ފަހުން "ޖަމްޢިއްޔަތު ޢުލަމާއޭ މުޖާހިދީން" އުފެދުމަށް މަގުފަހިވި ކަމެކެވެ.

މި ޖަމިއްޔާއިން ދަރިވަރުން ސިޔާސީ ގޮތުން ހޭލުންތެރިކުރުވި އެވެ. ނަމަވެސް، ޝާހުގެ ޖާސޫސީ އިދާރާއިން މީގެ ތެރެއިން ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އެހާދިސާއަށްފަހު ޚާމަނާއީ ފިއްލަވައިގެން ދިއުމަށްފަހު ސިޔާސީ މަސައްކަތް ހުއްޓައެއް ނުލެއްވިއެވެ. 1978 ގައި މަޝްހަދަށް ވަޑައިގެން، 1979 ގެ ޖަނަވަރީ 16 ގައި ޝާހުގެ ވެރިކަން ވެއްޓެންދެން އިންޤިލާބީ ހަރަކާތްތައް ލީޑްކުރެއްވިއެވެ.

އިންޤިލާބަށްފަހު، އާ ޖުމްހޫރިއްޔާ އުފެއްދުމުގެ ކޮމިޓީގައި ޚާމަނާއީ ހިމެނިވަޑައިގެންނެވިއެވެ. އޭނާ ވަނީ އިންޤިލާބު ޙިމާޔަތްކުރުމަށް އިންގިލާބީ ސިފައިން ކަމަށްވާ ރިވޮލިއުޝަނަރީ ގާޑުން އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ. 1980 ގައި ޕާލަމެންޓް މެންބަރަކަށް ހޮވިވަޑައިގެން، 1981 ގައި އީރާނުގެ 3ވަނަ ރައީސަކަށް އިންތިޚާބުވެވަޑައިގަތެވެ. ހަމަ އެ އަހަރު، ޚިޠާބު ދެއްވަނިކޮށް ދިން ބޮމުގެ ޙަމަލާއަކުން އޭނާ ސަލާމަތްވެ ވަޑައިގަތެވެ. ނަމަވެސް، ކަނާތް ވާގިނެތޭ ވަރަށް ޒަޚަމްވިއެވެ. 1989 ގައި ޚުމައިނީ އަވަހާރަވުމުން، ޚާމަނާއީ އީރާނުގެ އެންމެ މަތީ ލީޑަރު، ދައުލަތުގެ އިމާމްގެ މަޤާމަށް ހޮވިވަޑައިގަތެވެ.

މި މަގާމަށް ޢައްޔަންކުރުމާ ގުޅިގެން ބޮޑެތި ޚިޔާލު ތަފާތުވުންތައް އުފެދުނެވެ. އަލީ ޚާމަނާއީ މަޝްހޫރުވެފައި ވަނީ އެމެރިކާއާ ގުޅުން ބަދަހިކުރަން ދެކޮޅު ހެއްދެވި ބޭފުޅެއްގެ ގޮތުގައެވެ.

2013 ގައި އޭނާ އިސްލާމީ މަސްލަހަތު ހިފެހެއްޓުމަށް ބުއްދިވެރިކަމާއެކު ދޫދިނުމުގެ ސިޔާސީ މަފްހޫމެއް ތަޢާރަފުކުރެއްވިއެވެ. 2015 ގެ ނިއުކްލިއަރ އެއްބަސްވުމަކީ މީގެ މިސާލެއް ކަމަށް ބެލެވެއެވެ.

ނަމަވެސް، ޚާމަނާއީގެ ދާޚިލީ ސިޔާސަތުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. ޚާއްޞަކޮށް ދަތިބޮޑުވެގެން ކުރި މުޒާހަރާތަކާއި ކޮރަޕްޝަނާއ ދެކޮޅަށް ކުރި މުޒާހަރާތައް ހިމެނެއެވެ. އެ މުޒާހަރާތަކާ ގުޅިގެން ހުޅަނގު މީޑިއާއާއި ސޮލީބީންނާއި ސަހުޔޫނީން އޭނާއަކީ ޑިކްޓޭޓަރެއް ކަމަށް ލޭބަލް ކުރިއެވެ. މިހިނދު އީރާނަނީ އެމެރިކާގެ ފާރިސީ ކަނޑުއޮޅި ނުވަތަ އަރަބި ގަލްފްގައި ހިމެނޭ ރަސްކަންތަކާ ޚިލާފަށް މަޝްވަރާ ކުރުމާއި އިންތިޚާބު ބެއްވުމާއި ޕާލަމެންޓް ފަދަ ޑިމޮކްޜެޓިކް މުއައްސަސާތަކާއި ގާނޫނީ ހުކޫމަތުގެ ބާރު ހިނގާ ހަމައެކަނި ގައުމެވެ. އަދި އީރާނަކީ ޕާލަމެންޓްގެ ޖަލްސާތައް ލައިވް ކުރުމަށް ޚާއްސަ ޓީވީ ޗެނަލެއް ޚާއްސަ ކުރި އެންމެ ފުރަތަމަ އިސްލާމީ ގައުމެވެ.

އީރާނަކީ އަލީ ޚާމަނާއީގެ ޒައާމަތުގައި މުދައްރިސުން ތަމްރީނު ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިން ގައުމެކެވެ. އަދި ގައުމުގެ މަންހަޖު އީރާނާ ގުޅޭ އަމިއްލަ ގޮތައް ތައްޔާރުކޮށް ސައިންސާއި ޓެކްނޮލޮޖީއަށް އަދި ސްޓެމް އެޑިއުކޭޝަނަށް ސަމާލުކަން ދެއްވިއެވެ. އަންހެން ކުދިންގެ ތައުލީމަށް ޚާއްސަ ކަމެއް ދެވުނެވެ.

އީރާނަކީ އެންމެ ކުރީގައި އެޑިއުކޭޝަނަލް ޓެކްނޮލޮޖީ ބޭނުން ކުރި އިސްލާމީ ގައުމެކެވެ. އިސްލާމީ އެޑިއުކޭޝަން ޓެކްނޮލޮޖީގެ ރޮނގުން އީރާނުން ކޮންމެ އަހަރަކު އިބްނު ރުޝްދު ފެސްޓިވަލްގެ ނަމުން ފެސްޓިވަލްވެސް ބާއްވައެވެ. އަދި ކޮންމެ ހަފްތާއަކު ސްކޫލުގައި އެއް ދުވަސް ހުރިހައި ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް ޚާއްސަ ކުރެއެވެ. އަދި ކޮންމެ ސްކޫލެއްގައި ވޮކޭޝަނަލް ޓްރޭނިންއަށް ކްލާހެއް ޚާއްސަ ކޮށް ކޮންމެ ހަފްތާއަކު ކޮންމެ ގްރޭޑަކަށް އެއްގަޑި އިރުގެ ވޮކޭޝަނަލް އެޑިއުކޭޝަން ފުރިހަމަ ކުރަން ޖެހެއެވެ.

2025 ޖޫން 13 ގައި، ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވަން ކަމަށް ބުނެ އިސްރާއީލުން އީރާނަށް ވައިގެ ޙަމަލާތަކެއް ދިނެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި، ޑޮނަލްޑް ޓްރަމްޕް ޚާމަނާއީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމުން، ޚާމަނާއީ އެ އިންޒާރަށް ދެއްވީ ވަރުގަދަ ރައްދެކެވެ.

ޚާމަނާއީއަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫން ކަމަށާއި، އޭނާއަކީ ޤައުމީ އަދި މަޒުހަބީ ރަމްޒެއް ކަމަށް ބަލާތީ، އޭނާއާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އީރާނުގެ ނިޒާމަށް ބޮޑު ގޮންޖެހުމެއްކަން އެނގުމުން ޓްރަމްޕް ފަހުން އެ އިންޒާރު އަނބުރާ ގެންދެވިއެވެ.

ނަމަވެސް، 2026 ފެބްރުއަރީ 28 ގައި ވޮޝިންޓަނުން ތެހެރާނާ ދެކޮޅަށް ސޮލީބީ ހަނގުރާމަ ފެށުމާއެކު، ތެހެރާނުގައި ހުންނަ އިމާމް އަލީ ޚާމަނާއިގެ ރަސްމީ ގެކޮޅަށް ސޮލީބީންނާއި ސަހުޔޫނީން ގުޅިގެން ދިން ވައިގެ ޙަމަލާތަކެއްގައި ޚާމަނާއީ އަވަހާރަވިކަން އީރާނުން އިއުލާނުކުރިއެވެ.

އީރާނު މީހުންނަށް މި ބުރު އަދި ނުނިމެއެވެ. ލަހުން ވިއަސް ފަހުން ވިއަސް އީރާނު މީހުން ތިބީ އެމެރިކާގެ ޓެރަރިސްޓް ހަމަލާއަށް ބަދަލު ހިފާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

وَلَا تَحْسَبَنَّ ٱللَّهَ غَـٰفِلًا عَمَّا يَعْمَلُ ٱلظَّـٰلِمُونَ ۚ إِنَّمَا يُؤَخِّرُهُمْ لِيَوْمٍۢ تَشْخَصُ فِيهِ ٱلْأَبْصَـٰرُ ٤٢
އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ. (14:42)

ހިއްސާ ކުރައްވާ!