އަމިއްލަ އިމާރާތްތައް ގިނަ ދުވަހަށް ހުންނައިރު، ދައުލަތުން ބިނާ ކުރާ ތައުލީމީ އިމާރާތްތައް އަވަހަށް ބާ ވަނީ ކީއްވެ؟

ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި، ދައުލަތުގެ ތައުލިމީ މުއައްސަސާތަކުގެ ހަނދާންތައް ފޭދިގެންދަނީ އެތަންތަން ބިނާކުރަން ބޭނުންކުރި ސިމެންތިގަނޑާ އެކުއެކީގައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ފެނިގެންދިޔައީ ބޮޑު ކުލަގަދަ ރަސްމިއްޔާތުތަކަކާއެކު ހުޅުވި ދައުލަތުގެ މުހިންމު ތައުލީމީ ބިނާތަކެއް، ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބާވެ، އޭގެ އުމުރު ހަމަވުމުގެ މާ ކުރިން ތަޅާލަންޖެހުނު މަންޒަރެވެ.

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (އީ.ޑީ.ސީ) ހިންގި ސަލާހުއްދީން ބިނާ، ކުރީގެ ޖަމާލުއްދީން ސުކޫލް، ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސް.އީ.ސީ)، އަލް މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސުކޫލް) އަދި ޓީޗަރުން ތަމްރީނުކުރި އިންސްޓިޓިއުޓް (އައި.ޓީ.އީ) މިހުރިހާ ތަނަކީވެސް ދައުލަތުގެ މަދު އާމްދަނީން ނުވަތަ ބޭރުގެ އެހީގެ ދަށުން ބޮޑު ހޭދައެއް ކޮށްގެން ބިނާކުރި ތަންތަނެވެ. ނަމަވެސް މިއަދު މިތަންތަން ވަނީ ތަޅާލާފައެވެ. ނޫނީ ހުރީ ބޭނުންނުކުރެވޭ ވަރަށް ބަލިކަށިވެފައެވެ.

މިކަމުގައި އޮތް ފަރަގު ވަރަށް ބޮޑެވެ. މާލޭގައި އަމިއްލަ ފަރާތްތަކުން ހަދާ އުސް އިމާރާތްތައް ރާއްޖޭގެ ލޮނުވައިގެ މާހައުލުގައިވެސް ސަލާމަތުން ހުންނައިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަދާ ބިނާތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮލަށް ވެއްޓެނީ ކީއްވެ ހެއްޔެވެ؟

ވޭތުވެދިޔަ މާޒީގައި އައި ސަރުކާރުތަކުން މިކަން ބަލާފައިވަނީ ވިޔަފާރީގެ އުސޫލުން "އާންމުކޮށް ވާނެ ކަމެއް" ގެ ގޮތުގައެވެ. އަމިއްލަ މީހާގެ ސިމެންތިއަށްވުރެ ސަރުކާރުގެ ސިމެންތި އަވަހަށް ފީވަނީ ކީއްވެގެންތޯ ސުވާލުކުރި އެކަކުވެސް ނެތެވެ. ނަމަވެސް، އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން، ޑރ. އިސްމާޢީލް ޝަފީޢު ވަނީ މި ހަގީގަތް ގަބޫލުކުރައްވައި ވާހަކަދައްކަވާފައެވެ. މިއާއެކު، މިއީ ދައުލަތުން އިންޖިނިއަރިންގްގެ ބޮޑު މައްސަލައަކަށް ދޭންފެށި ސަމާލުކަމެއްތޯ ނުވަތަ ސިޔާސީ އުކުޅެއްތޯ ސުއާލު ކުރެވެއެވެ. އެކަމަކު މި މައްސަލައަށް އެންމެ ފުރަތަމައަށް ވާހަކަ ދެއްކެވި ފަރާތްކަމުން މިނިސްޓަރު އިސްލާމަށް ޚާއްސަ ޝުކުރިއްޔާއެކެވެ!

މިނިސްޓަރުގެ އިއުތިރާފް: "އަޅުގަނޑުމެން އެންމެ މުހިންމު އިސްކަމެއް މިހާރު ދެނީ އަޅުގަނޑުމެން ކުރާ އިމާރާތްތައް އަވަސް އަވަހަށް ހަލާކުވެގެން ނުދާނެ ގޮތް ހެދުމަށް،" އަތޮޅުތެރޭގެ ސުކޫލްތަކުގެ މަޝްރޫއުތައް ލަސްވާތީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިސްމާލުގެ މިކަމުގެ އެންމެ ބޮޑު މިސާލެއްގެ ގޮތުގައި ދެއްކެވީ މާލޭގައި ހުރި ޢަރަބިއްޔާ ސުކޫލްގެ އިމާރާތެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރު ބިނާކުރި އެ އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލައި ރައްކާތެރިނޫން ތަނެއްގެ ގޮތުގައި ކަނޑައަޅައި، ދިހަ އަހަރު ތެރޭގައި ކުދިން އެތަނުން ނެރެންޖެހުނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ސަބަބަކީ އިމާރާތް ކުރިއިރު "ޕްރޮޖެކްޓް ސުޕަވިޜަން" ނުވަތަ ބެލެހެއްޓުން މުޅިން ނެތުމެވެ.

ހިތަށް އަރަނީ އެއިރު މިކަމުގައި އުޅުނު މީހުންގެ ތެރޭން ގިނަ މީހުން އަދިވެސް ދިރި ތިބުމުން މިކަމާ ބެހޭ ގޮތުން މައުލޫމާތެއް އަހާލުން ރަނގަޅެއް ނުވާނެ ބާވައެވެ؟ ހަމަ ދިރާސާއެއްގެ ބޭނުމުގައެވެ.

މި ވާހަކަތަކާއެކު އާންމުންގެ ޚިޔާލު ވަނީ ދެބައިވެފައެވެ. އެއްބަސްވާ ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުގެ މަޝްރޫއުތައް ބަލަހައްޓާނެ ފަރާތްތަކެއް ނެތި، ދަށް ފެންވަރުގެ ސިމެންތި މިކްސް ބޭނުންކުރުމާއި، އަކިރި ބޭނުން ކުރުމާއި ދަގަނޑު މަދުވުމުގެ ސަބަބުން އިމާރާތްތައް ހަލާކުވާކަމީ ހަގީގަތެއް ކަމަށެވެ. ނަމަވެސް އެވާހަކައާ ދެކޮޅު ފަރާތްތަކުން ދެކޭގޮތުގައި، މިނިސްޓަރު ވަކި ޚާއްޞަކޮށް 2010 ވަނަ އަހަރުގެ ޢަރަބިއްޔާ އިމާރާތުގެ ވާހަކަ ދެއްކެވީ، މިހާރު ރަށްރަށުގައި ސުކޫލް އިމާރާތްތައް އެޅުން ލަސްވަމުންދާތީ، އަމިއްލަ މިނިސްޓްރީގެ ބަލިކަށިކަން ފޮރުވައި ސިޔާސީ ގޮތުން އިދިކޮޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އުމްރާނީ ތަރައްގީއަކީ އަބަދުވެސް ކެމްޕޭންތަކުގެ މައިގަނޑު ހަތިޔާރެވެ. މި ފަހަރު ސަރުކާރުން މަޝްރޫއުތައް ލަސްވުން ސިފަކޮށްދިނީ "ފެންވަރު ރަނގަޅުކުރަން ވެގެން ވާލަސްވުމެއް" ގެ ގޮތުގައެވެ.

މިއީ ހަގީގީ އިސްލާހެއްގެ ފެށުންތޯ ނުވަތަ މަޖިލީހުގެ ޕްރެޝަރުން ސަލާމަތްވާން ހެދި އުކުޅެއްތޯ ކުރިއަށް އޮތް ތަނުގައި އެނގޭނެއެވެ. ނަމަވެސް، ރައްޔިތުންނަށް މިއީ އަނެއްކާވެސް އެނގުނު ސާފު ހަގީގަތެކެވެ. ދައުލަތުގެ އިމާރާތްތައް ފީވަމުންދާއިރު، ރައްޔިތުންނަށް ޖެހެނީ އޭގެ އަގު ދެފަހަރަށް ދައްކާށެވެ.

ހިއްސާ ކުރައްވާ!