ތުރުކީގައި ބޭއްވި ނޭޓޯ ސަމިޓަށް ޓްރަމްޕް ދިޔައީ ގަތަރުން އޭނާއަށް ހަދިޔާ ކުރި އަމީރު ކުރިން ބޭނުން ކުރެއްވި ސެކަންޑްހޭންޑް މަތިންދާ ބޯޓުގައެވެ. ނަމަވެސް އެނބުރި ގައުމަށް އަންނަން ފުރީ ކުރިން ދުއްވި ބައު ބޯޓުގައެވެ.
ބައު ބޯޓަށް ބަދަލު ކުރި ސަބަބާ މެދު ޓްރަމްޕް ވިދާޅުވީ "މާޒީގެ ހަނދާންތަކަށްޓަކައި" ކުރީގެ ބޯޓުގައި ދަތުރުކުރައްވަން ނިންމެވީ ކަމަށެވެ. އަދި ދެ ބޯޓުވެސް އިނގިރޭސިވިލާތުގެ "އާރްއޭއެފް މިލްޑެންހޯލް" އަސްކަރީ މަރުކަޒަށް ޖައްސާނެ ކަމަށާއި، އެއީ އެތަނުގައި ތިބި އެމެރިކާ ސިފައިންނަށް އާ ބޯޓު ދައްކާލުމަށް ކުރި ކަމެއް ކަމަށް ވިދާޅުވިއެވެ.
ގަތަރުން ހަދިޔާކުރި 400 މިލިއަން ޑޮލަރުގެ ކުރިން އަމީރު ބޭނުންކޮށްފައިވާ ބޯޓުގައި، މިސައިލް ދިފާއީ ނިޒާމުތައް ހަރުކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ. ދަތުރުފުޅުގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ، އީރާނުން އޭނާގެ ދުވަސް ދުއްވާލަން ބޭނުންވާ ކަމަށާއި، "އެމީހުންގެ ލިސްޓުގެ އެއްވަނައިގައި އޮތީ އަހަރެން" ކަމަށެވެ. ބޯޓުގެ ކުޑަދޮރުތައް ބަންދުކޮށްގެން ދަތުރުކުރީ އީރާން ދެކެ ބިރުންތޯ ނޫސްވެރިން ސުވާލު ކުރުމުން، އީރާނަށް ނިސްބަތްކުރައްވައި އެއީ "އެތަނުގައި ތިބި ހަޑިމީހުންގެ" ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ތުރުކީން ފުރައިގެން ދިޔައިރު ޓްރަމްޕް ދަތުރުކުރެއްވި ބޯޓުގެ ޓްރާންސްޕޮންޑަރ ވަނީ ވަގުތީ ގޮތުން ނިއްވާލާފައެވެ. މިއީ ހަނގުރާމަވެރި ނުރައްކާތެރި ސަރަހައްދުތަކުން ރައީސުން އުފުލާއިރު އަޅާ ސަލާމަތީ ފިޔަވަޅެކެވެ. އީރާނުގެ ބޯޑަރުން ތުރުކީއަށް މިސައިލް ފޮނުވުމުގެ ގާބިލްކަން އެ ގައުމަށް ލިބިފައިވެއެވެ.
އެމެރިކާގެ އެއާ ފޯސްއިން ބުނާ ގޮތުގައި، ގަތަރުން ލިބުނު ކުރިން ބޭނުންކޮށްފައިވާ ބޯޓަކީ ވަގުތީ ގޮތުން ބޭނުންކުރާ އެއާކްރާފްޓެކެވެ.







