ޓްރަމްޕް އިއްފަތް ފޭރިގަނެ އަގު ވައްޓާލި އަންހެން މީހާއަށް 5 މިލިއަން ޑޮލަރު ދޭން އަމުރުކޮށްފި

އޮރިޔާން ފިލްމު ކުޅޭ ޑެނިއެލް ސްޓޯމީ ރޭޕްކޮށް އެކަން މަތި ޖެހުމަށް ރިޝްވަތު ދޭން އުޅުމާއި އަދި އެނޫނަސް އެތައް ދޮޅަސް އަންހެނުންތަކެއް ރޭޕް ކުރިކަމަށް ނިއުޔޯކު ކޯޓުން ކުށް ސާބިތުކޮށް ހުކުމް ކޮށްފައި ނުވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ޖިންސީ ފުރައްސާރަކުރުމާއި އަބުރު ގެއްލުވާލިކަން ސާބިތުވެ، އީ. ޖީން ކެރަލްއަށް 5 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ޖޫރީއަކުން ނިންމި މައްސަލައިގައި، އެ ފައިސާ ކެރަލްއަށް ދިނުމަށް ފެޑެރަލް ފަނޑިޔާރަކު ބުދަ ދުވަހު އަމުރުކޮށްފިއެވެ.

މި އަމުރު ނެރެފައިވަނީ، މި މައްސަލައާ ދެކޮޅަށް ފައިސާ ނުދައްކައި އެކަމުން ރެކެން ވެގެން ޓްރަމްޕް ހުށަހެޅުއްވި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ބޭރުކޮށްލުމާ ގުޅިގެންނެވެ. ޓްރަމްޕްގެ ވަކީލުން ވަނީ މި އަމުރާ ދެކޮޅަށް އިސްތިއުނާފު ކުރުމަށް ނިންމާފައެވެ.

މައްސަލައިގެ ފަސްމަންޒަރު:

  • 2019 ވަނަ އަހަރު: ލިޔުންތެރިއެއް ކަމަށްވާ އީ. ޖީން ކެރަލް ވަނީ 90 ގެ އަހަރުތަކުގެ މެދުތެރޭގައި ޓްރަމްޕް އޭނާއަށް ފިހާރައެއްގެ ހެދުން ބަދަލު ކުރާ ކޮޓަރިއެއްގައި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައެވެ.
  • 2023 ވަނަ އަހަރު: ޓްރަމްޕްގެ މައްޗަށް ކުރެވުނު ފުރަތަމަ ދައުވާގައި، ޓްރަމްޕް އޭނާއަށް ޖިންސީ ގޯނާ ކަން ސާބިތުވެ ކެރަލްއަށް 5 މިލިއަން ޑޮލަރު ދިނުމަށް ޖޫރީއަކުން ނިންމިއެވެ. މި ނިންމުން ފެޑެރަލް އެޕީލްސް ކޯޓަކުން 2024 ވަނަ އަހަރު ދަމަހައްޓާފައިވެއެވެ.
  • 2024 ވަނަ އަހަރު: ކެރަލް ހުށަހެޅި ދެވަނަ މައްސަލައިގައި، ޓްރަމްޕް އޭނާއަށް ފުރައްސާރަ ކޮށް އަބުރު ގެއްލުވާލި ކަމަށް ކަނޑައަޅައި، 83 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ޓްރަމްޕް ދައްކަން ޖެހޭނެ ކަމަށް ޖޫރީއަކުން ނިންމިއެވެ.

މިހާރުގެ ހާލަތު:

ބުދަ ދުވަހު ނިއުޔޯކުގެ ޑިސްޓްރިކްޓް ފަނޑިޔާރު ލުއިސް އޭ. ކެޕްލަން ނެރުއްވި އަމުރުގައި ވަނީ، ސުޕްރީމް ކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމުމުން، ކެރަލްއަށް އެ ފައިސާއާއި އެ އަދަށް ލިބޭ ރިބާވެސް ހައްގުވާނެ ކަމަށް ކަނޑައަޅާފައެވެ. މިހާރު ޖުމްލަ 5.7 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ކެރަލްއަށް އެމެރިކާގެ އަބުރު ގެއްލިފައިވާ ރައީސް ދޭން ޖެހެއެވެ.

އަންހެނުންނާ ބެހުމުގެ ގިނަ މައްސަލަތަކެއްގައި ބެދިފައިވާ އަދި އަންހެނުން ހޯދައިދޭ ދައްލާލު ޖެފްރީ އެޕްސްޓީން އާއެކު ކުޑަ އަންހެން ކުދިންގެ އަތުގައި ހިފާ ވީޑިއޯއެއްގައި ވެސް އާންމުވެފައިވާ ޓްރަމްޕްގެ ވަކީލުން ބުނާ ގޮތުގައި، 83 މިލިއަން ޑޮލަރުގެ މައްސަލަ އިސްތިއުނާފު ކުރަން ޓްރަމްޕް ގަސްތުކުރައްވާތީ، މި 5 މިލިއަން ޑޮލަރުގެ މައްސަލަ އަލުން މުރާޖައާ ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާނެއެވެ. އަނެއްކޮޅުން، ކެރަލްގެ ވަކީލުން ވަނީ ޓްރަމްޕް މިފައިސާ ނުދޭންވެގެން މައްސަލަ ދިގުދަންމަނީ ކަމަށާއި، މިހާރު މި މައްސަލަ ނިންމަން ޖެހޭ ކަމަށް ބުނެފައެވެ.

ހިއްސާ ކުރައްވާ!