ދުނިޔޭގެ ފުރަތަމަ ހަފުތާއަކު އެއްފަހަރު ޖަހާ އިންސިއުލިން 'އަވިކްލީ' އިންޑިއާއިން ލިބޭ

ހަކުރުބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް، ހަފުތާއަކު އެއްފަހަރު ޖަހާ ދުނިޔޭގެ ފުރަތަމަ ބޭސަލް އިންސިއުލިން، 'އަވިކްލީ' (އިންސިއުލިން އައިކޮޑެކް) އިންޑިއާގައި ތައާރަފުކޮށްފިއެވެ. މިއީ ހަކުރުބަލި ފަރުވާގެ ދާއިރާއިން އައި އިންގިލާބީ ބަދަލެކެވެ.

ޑެންމާކުގެ ފާމަސިއުޓިކަލް ކުންފުނި 'ނޯވޯ ނޯޑިސްކް' އިން އުފެއްދި މި އިންސިއުލިން ފަރުމާކޮށްފައިވަނީ ޓައިޕް 1 އަދި ޓައިޕް 2 ޑައިބެޓީސް ހުންނަ ބޮޑެތި މީހުންނަށެވެ. މި ބޭހުގެ ސަބަބުން އަހަރަކު 365 ފަހަރު އިންސިއުލިން އިންޖެކްޝަން ޖެހުމުގެ ބަދަލުގައި، ދެން ޖަހަން ޖެހޭނީ އަހަރަކު 52 ފަހަރު އެކަންޏެވެ.

އަގުގެ ގޮތުން ހަފްތާއަކަށް ދިވެހި ރުފިޔާއިން ޖެހޭނީ 600އާއި 1 ހާސްދިވެހި ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

އިންޖެކްޝަން ޖެހުމަށް ފަސްޖެހޭ ބަލިމީހުންނަށް އައި ލުޔެއް

އިންޑިއާގައި ހަކުރުބަލި ހުންނަ މީހުން އިންސިއުލިން ފަރުވާ ފެށުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ ދުވަހަކު އިންޖެކްޝަން ޖަހަން ޖެހުމުގެ ބިރުވެރިކަމެވެ. މިކަމުގެ ސަބަބުން ފަރުވާ ފެށުން 7 އަހަރާއި 9 އަހަރާ ދެމެދުގެ މުއްދަތަކަށް ލަސްވެގެން ދެއެވެ. 'އަވިކްލީ' އިން މި މައްސަލައަށް ސީދާ ހައްލެއް ހޯދައިދީ، ފަރުވާގެ ކަންކަން ފަސޭހަކޮށްދެއެވެ.

މި ބޭސް މަސައްކަތްކުރަނީ ކިހިނެއް؟

އިންސިއުލިން އަކީ ލޭގެ ތެރޭގައި ހުންނަ ގުލްކޯޒް ނުވަތަ ހަކުރު، ހަށިގަނޑުގެ ސެލްތަކަށް ގެންގޮސްދީ، ލޭގައި ހަކުރުގެ މިންވަރު މަތިވިޔަ ނުދީ ހިފަހައްޓައިދޭ އެއްޗެކެވެ. ޓައިޕް 1 ޑައިބެޓީސް ހުންނަ މީހުންނާއި، ޓައިޕް 2 ޑައިބެޓީސް އިންތިހާއަށް ގޯސްވެފައިވާ މީހުންނަށް ރަނގަޅު ސިއްހަތެއްގައި ހުރުމަށް އިންސިއުލިން ކޮންމެހެން ބޭނުންވެއެވެ. 'އަވިކްލީ' އިން ފޯރުކޮށްދެނީ ހަމަ އެ ފައިދާއެވެ. ނަމަވެސް ހަފުތާއަކު އެއް ފަހަރު ޖަހާ ޑޯޒަކުންނެވެ.

އިންޑިއާއަށް މިއީ ކީއްވެ މުހިންމު ކަމެއް؟

ދުނިޔޭގައި ހަކުރުބަލި ހުންނަ މީހުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެއެވެ. އެހެންކަމުން، ދުވަހުން ދުވަހަށް އިންޖެކްޝަން ޖަހަން ނުޖެހި، ހަފުތާއަކު އެއްފަހަރު މި ފަރުވާ ލިބުމަކީ ބަލިމީހުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. 'ނޯވޯ ނޯޑިސްކް' އިން ބުނާ ގޮތުގައި، މި ބޭހަކީ އިންސިއުލިން ފަރުވާގެ އާ ޒަމާނެއްގެ ފެށުމެވެ. އެއީ ބޭނުންކުރަން ފަސޭހަ، އަދި ހަމައެއާއެކު ބޭސްވެރިކަމުގެ ގޮތުން ކާމިޔާބު ފަރުވާއެކެވެ.

ހިއްސާ ކުރައްވާ!