އިންޑިއާގެ މޫސުމީ ވާރޭގެ ސަބަބުން، ފަހުގެ ތާރީޚެއްގައި ނުދެކޭ ފަދަ ނުރައްކާތެރި އަދި ގެއްލުންބޮޑު ހާލަތެއް އިންޑިއާއިން ދަނީ ތަޖުރިބާ ކުރަމުންނެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރާ ގޮތުގައި، ޖުލައި 1 އިން 8 އަށް އާންމުކޮށް ވެހޭ ވަރަށް ވުރެ 42% އިތުރަށް ވަނީ ވާރޭވެހިފައެވެ. ޖޫން މަހު މޫސުން މަޑުޖެހުމަށްފަހު، މިހާރު ކުއްލިއަކަށް ވާރޭގެ އަސަރު މުޅި ގައުމަށް ފެތުރި، ބޮޑެތި ސިޓީތަކުގައި ފެންބޮޑުވެ، އުމްރާނީ ތަރައްގީގެ ބައެއް ބައިތައް ހަލާކުވެ، ބިންގަނޑު ކަނޑައިގެން ގޮސް، ދަތުރުފަތުރުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ދިއްލީ: ރަށުތެރެއަށް ފެން ވަދެފައި
ރޭ މުޅި ދިއްލީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވެރިރަށް އޮތީ ހާސްކަމުގެ ތެރޭގައެވެ. ގިނަ އަދަދެއްގެ ގަސް ވެއްޓި، ޓްރެފިކް ހުއްޓި، ރޯހިނީގައި އިމާރާތެއް ވެއްޓި ތިން މީހަކު ވަނީ މަރުވެފައެވެ.
- މަގުތަކުގައި ފެންބޮޑުވެ ކޯރުތައް ހެދިފައި ވެއެވެ. މީހުން ހިނގާފައި ދަނީ ކަކުލާ ހަމައަށް ފެންގަނޑުގެ ތެރެއިންނެވެ.
- މުހިންމު މަގުތަކަށް ގަސް ވެއްޓި މަގުތައް ވަނީ ބަންދުވެފައެވެ.
- މޫސުމާ ބެހޭ އިރާދާ އިން ވަނީ ރަތް ސަމާލު ނެރެ، އިތުރަށް ވާރޭވެހި، ގުގުރައި، ވިދުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ދީފައެވެ.
- ފެންހިންދާ ނިޒާމުތައް ފެއިލްވުމުގެ ސަބަބުން، މޫސުމީ ވާރޭގެ ނުރައްކާތެރިކަން ދިއްލީއަށް އަނެއްކާވެސް މިވަނީ ކުރިމަތިވެފައެވެ.
ޣާޒިއާބާދު، ނޮއިޑާ އަދި ގުރުގުރާމްގައި ގެއްލުންތައް
ނޭޝަނަލް ކެޕިޓަލް ރީޖަންގެ ސަރަހައްދުގެ ހާލަތު ވެސް ވަރަށް ގޯހެވެ.
- ޣާޒިއާބާދު: އަތަލް ޗޯކް ކައިރިން މަގު ކަނޑައިގެން ގޮސް، ކާރަކާއި ސައިކަލެއް ވަނީ ވަޅުގަނޑަކަށް ވެއްޓިފައެވެ. ރޭލްވޭ ސްޓޭޝަނުން ނޮއިޑާއާ ގުޅޭ މައި މަގުގައި ފެންބޮޑުވުމުގެ ސަބަބުން ޓްރެފިކް މުޅިން ހުއްޓުން އައިސްފައިވެއވެ.
- ގުރުގުރާމް: ސެކްޓާ-37ޑީ ގައި ހުންނަ ލަގްޒަރީ އިމާރާތެއްގެ ބެލްކަންޏެއް ވެއްޓުމާ ގުޅިގެން ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމީހުން ބުނާ ގޮތުގައި މިއީ އިމާރާތް ކުރި ފަރާތުގެ ފަރުވާކުޑަކަމުން ވީ ކަމެކެވެ. އެ ސަރަހައްދު ބަންދުކޮށް، އޮޑިޓެއް ކުރުމަށް ވަނީ ގޮވާލާފައެވެ.
- ނޮއިޑާ: ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ގަސްތައް ވެއްޓި، އުޅަނދުތައް ހުއްޓި، ގިނަ ސެކްޓާތަކެއްގައި ފެންބޮޑުވިއެވެ.
އުތުރާކަންދު: ލަފާކުރި ވަރަށް ވުރެ އެތައް ގުނައެއް ބޯކޮށް ވާރޭ
އުތުރާކަންދުގައި 24 ގަޑިއިރުގެ ތެރޭގައި އާންމުކޮށް ވެހޭ ވަރަށް ވުރެ 354 ޕަސެންޓް އިތުރަށް ވާރޭވެހިފައިވެއެވެ. ހަރިދުވާރު އަދި އުދާމް ސިންގް ނަގަރު ފަދަ ސަރަހައްދުތަކުގައި 780 ޕަސެންޓް އިތުރަށް އަދި އެހެން ސަރަހައްދުތަކުގައި 1،034 ޕަސެންޓް އިތުރަށް ވާރޭވެހިފައިވެއެވެ. ބިންގަނޑު ކަނޑައިގެން ގޮސް ހައިވޭތަކާއި އިމާރާތްތަކަށް ގެއްލުން ވެފައިވާއިރު، މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހުނެވެ.
ކެރަލާ: ބިންގަނޑު ކަނޑައިގެން ދިއުމާއި ފުރާނަ ގެއްލުން
- ކެރަލާގެ ވަޔަނާޑް ޑިސްޓްރިކްޓްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 5ށް އަރައިފިއެވެ. ވާރޭވެހޭތީ ސަލާމަތީ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.
ގުޖުރާތު: ސޫރަތުގައި ފެންބޮޑުވުން
- ސޫރަތުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ކޮލޮނީތަކާ ގުޅުން ވަނީ ކެނޑިފައެވެ. 92 އަހަރުގެ އަންހެނަކު ސަލާމަތް ކުރަން ޖެހުނީ ޖޭސީބީއެއް ދަތްގަނޑެއް ބޭނުންކޮށްގެންނެވެ. އެހީތެރިވާ ފަރާތްތަކުން ދަނީ ވެހިކަލްތައް ބޭނުންކޮށްގެން ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

މަހާރާޝްތުރަ: މުންބާއީއަށް ކުޑަ ލުޔެއް، ޕޫނޭގައި އިމާރާތެއް ވެއްޓުން
- މުންބާއީއަށް މިދިޔަ ދުވަސްތަކުގައި ވެހުނު ވާރޭ މިހާރު ކުޑަކޮށް މަޑުޖެހުނަސް، ޕޫނޭގައި އިމާރާތެއް ވެއްޓި އެކަކު މަރުވެ ގިނަ ބަޔަކު ވަނީ ތާށިވެފައެވެ.
އާގްރާ، ފަރީދާބާދު އަދި އެހެނިހެން ހިސާބުތައް
- އާގްރާ އާއި ފަރީދާބާދުގެ ގިނަ ސަރަހައްދުތަކެއްގައި ފެންބޮޑުވެ، ދަތުރުފަތުރަށް ވަނީ ދަތިވެފައެވެ.

މި ހަފުތާގައި ވެހޭ ވާރޭ
މި ހާރު އިންޑިއާއަށް ވާރޭ މިހާ ބޯކޮށް ވެހެނީ ހަމައެކަނި މޫސުމީ ވާރޭގެ ސަބަބުންނެއް ނޫނެވެ. މިއީ މެޑިޓެރޭނިއަން ކަނޑުން އުފެދުނު މޫސުމީ ނިޒާމެއްގެ ސަބަބުން އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް ދިމާވެފައިވާ ހާލަތެކެވެ.
ޖޫން މަހު މޫސުން ދިގު މުއްދަތަކަށް ރަނގަޅު ވުމަށް ފަހު، ޖުލައި މަހުގެ ކުރީކޮޅު ކުއްލިއަކަށް ވާރޭ ބޯކޮށް ވެހެން ފެށުމުން، ސިޓީތަކުގެ ފެންހިންދާ ނިޒާމުތައް ވަނީ ފެއިލްވެފައެވެ.





