3.5 ކިލޯގެ ޑްރަގު ކަސްޓަމުން އަތުލައިފި

ރާއްޖޭގެ ބޯޑަރުތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ވައިގެ މަގުންނާއި ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓާފައެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްގެ އޮފިސަރުން ވަނީ ފާހަގަކޮށް އަތުލައިގަނެފައެވެ. ތަހުލީލުތަކުން ދެއްކި ގޮތުގައި އޭގެ ތެރޭގައި 740 ގުރާމުގެ ކެނެބިސް އާއި 2،796 ގުރާމުގެ ހަޝިޝް އޮއިލް ހިމެނެއެވެ. މަގުމަތީގެ އަގުން ބަލާނަމަ މިތަކެތީގެ އަގު 2.7 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަސްޓަމުން ބުނެއެވެ.

މީގެ އިތުރުން، މި މަހުގެ 8 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3.5 ކިލޯގެ ސިންތެޓިކް ކެތިނޯން ވެސް ވަނީ ކަސްޓަމްސްގެ ހުޝިޔާރުކަމާއެކު އަތުލައިގަނެފައެވެ. މިތަކެތީގެ އަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ދިވެހި މުޖުތަމައުއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ ނުރައްކާ ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ބޯޑަރު ކޮންޓްރޯލް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަސްޓަމްސްގެ ފަންނީ ގާބިލުކަން އިތުރުކުރުމާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކުރަމުންދާ މި މަސައްކަތްތަކަކީ، މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުންނާއި މުޖުތަމައު ސަލާމަތް ކުރުމަށް ސަރުކާރުން ގެންގުޅޭ ސާބިތު އަޒުމުގެ ހެއްކެކެވެ.

ހިއްސާ ކުރައްވާ!