ބޭރުގެ ބިލިއަނަރެއްގެ ސްކޯލަރޝިޕްތައް ސިޔާސީ ޕާޓިއަކަށް: އެންމެ ރަނގަޅު ގޮތްބާ؟

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނުން ފެންނަން އޮތީ ސީދާ ދީލަތިކަމުގެ އަމަލެކެވެ. މެލޭޝިޔާގެ ޔުނިވާސިޓީއަކުން ބެޗްލާސް ޑިގްރީއަށް ކިޔެވުމަށް، މާލީ ގޮތުން ތަނަވަސް ނޫން 17 އަހަރާއި 23 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލާފައިވާ، ހުރިހާ ޚަރަދެއް ދޭ ގޮތަށް ހަމަޖެހިފައިވާ 20 ސްކޮލަޝިޕެވެ. ޓިއުޝަން ފީ ވަނީ ހަމަޖެހިފައެވެ. ދިރިއުޅުމުގެ ހަރަދުތައް ހިމެނިފައެވެ. ދާއިރާތަކަކީ ޑޭޓާ ސައިންސް، ވިޔަފާރި އަދި ތައުލީމީ ދާއިރާއެވެ. އެޕްލިކޭޝަންތައް ހުށަހަޅަން ޖެހެނީ ސީދާ ޕާޓީގެ އޮފީހަށެވެ.

ނަމަވެސް އެ ބަޔާނުގައި ބުނެފައި ނުވަނީ، އެ ސްކޮލަޝިޕްތަކަކީ މެލޭޝިޔާގެ ބިލިއަނަރު ސައްޔިދު މުޚްތާރު އަލްބުޚާރީ އުފައްދާފައިވާ އަލްބުޚާރީ ފައުންޑޭޝަނުން މާލީ އެހީތެރިކަން ދޭ ފުރުސަތުތަކެއް ކަމެވެ. އަދި ބޭރުގެ މާލީ އެހީގައި ހިންގާ ތައުލީމީ ފުރުސަތުތަކެއް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ މެދުވެރިކޮށް ދިނުމަކީ، ދިވެހި ގާނޫނުގެ ތެރޭގައި މިހާތަނަށް ބަލަން ޖެހުނު ކަމެއް ނޫނެވެ.

ސިޔާސީ ޕާޓީތަކަށް ނަގުދު ފައިސާ ދިނުމުގެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު ވަރަށް ސާފެވެ. ގާނޫނު ނަންބަރު 4/2013 ގައި، ބޭރުގެ ސަރުކާރުތަކުން ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ނުވަތަ ބޭރުގެ ރައްޔިތުންގެ އަތުން މާލީ އެހީ ނުވަތަ ހަދިޔާ ގަބޫލުކުރުން ސިޔާސީ ޕާޓީތަކަށް ސީދާ މަނާކުރެއެވެ. މައްސަލައަކީ ބައިނަލްއަގުވާމީ ޔުނިވާސިޓީއެއްގެ 20 ސްކޮލަޝިޕަކީ ނަގުދު ފައިސާއަށް ނުވުމެވެ. އަދާލަތު ޕާޓީގެ ތިޖޫރީއަކަށް އެއްވެސް ފައިސާއެއް ނުވަދެއެވެ. ފައުންޑޭޝަނުން ފައިސާ ދައްކަނީ ޔުނިވާސިޓީ އަށެވެ. ޕާޓީން ކުރާ ކަމަކީ ދަރިވަރުން ހޮވުމެވެ.

"އަޅުގަނޑުމެންގެ ގާނޫނުތައް ހަދާފައި ހުރީ ކެމްޕޭން ރެލީތަކަށް ފަންޑުކުރުމަށް ފޮށިފޮށީގައި ނަގުދު ފައިސާ ބޯޑަރު ހުރަސްކޮށް އެތެރެކުރުން ހުއްޓުވުމަށް،" ނަން ހާމަނުކުރުމަށް އެދި ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވިއެވެ. "މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ފައިސާ ނޫން އެހެން ވަސީލަތްތައް ހަތިޔާރަކަށް ހަދާ މަންޒަރު. ބައިނަލްއަގުވާމީ ޔުނިވާސިޓީއެއްގެ 20 ޑިގްރީއަކީ ވަރަށް ބޮޑު މާލީ އަގެއް ހުރި އެއްޗެއް. ގާނޫނީ ގޮތުން ބަލާއިރު، މިފަދަ ތައުލީމީ އެހީއެއް ހަދިޔާއެއްގެ ގޮތުގައި ބެލެވޭނެތޯ؟ ގާނޫނު އޮތީ ބިރުވެރި މިންވަރަކަށް ހަނު." އޭނާ ވިދާޅުވެއެވެ.

މިހާރު ކަން އޮތް ގޮތުން، މި މުއާމަލާތަކީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރާނެ ސީދާ ގާނޫނީ ނިޒާމެއް އިލެކްޝަންސް ކޮމިޝަނަކަށް ލިބިފައެއް ނުވެއެވެ. އަދާލަތު ޕާޓީން ބުނަމުންދަނީ މި މަޝްރޫއަކީ ހަމައެކަނި އިންސާނީ އެހީތެރިކަމެއް ކަމަށެވެ.

މި އިންތިޒާމަކީ ގާނޫނީ ގޮތުން ސައްހަ އެއްޗެއްތޯ ބެލުމަށް ވުރެ، ބައެއް ގޮތްގޮތުން ބަލާއިރު މުހިންމު ސުވާލަކީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ނުވަތަ މިނިވަން ސްކޮލަޝިޕް ބޯޑެއްގެ ބަދަލުގައި، ބޭރުގެ ފައުންޑޭޝަނަކުން މި ތައުލީމީ ފުރުސަތުތައް ސިޔާސީ ޕާޓީއެއްގެ މެދުވެރިކޮށް ދޭން ނިންމި ސަބަބަކީ ކޮބައިތޯއެވެ.

މީގެ ޖަވާބަކީ، ދިވެހި ސިޔާސަތަށް ހަފުތާއެއްހާ ދުވަހު ނަމަވެސް ފާރަވެރިވެފައިވާ ކޮންމެ މީހަކަށްމެ ވަރަށް ސާފުކޮށް އެނގޭނެ ޖަވާބެކެވެ. ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ލިބޭ މަދު ފުރުސަތުތަކަށް އެތައް ހާސް ޒުވާނުންނެއް ވާދަކުރާ ގައުމެއްގައި، ދިރިއުޅުން ބަދަލުކޮށްލާ ފަދަ ބައިނަލްއަގުވާމީ ސްކޮލަޝިޕްތަކެއް ބެހުމަކީ ހަމައެކަނި ޚައިރާތެއް ނޫނެވެ. އެއީ ސިޔާސީ ކަމެކެވެ. އެޕްލިކޭޝަންގެ މަރުހަލާ ކޮންޓްރޯލްކޮށް، ކުރިމަތިލާ ފަރާތްތަކުގެ އިޖުތިމާއީ އަދި މާލީ ހާލަތު ވަޒަންކޮށް، ހޮވޭނެ ބަޔަކު ކަނޑައަޅާ ޕާޓީއަކީ އެ ފުރުސަތުގެ ބެލެނިވެރިޔާއަށް ވެގެންދެއެވެ. ފުރުސަތު ލިބޭ ކުދިންނާއި އެކުދިންގެ އާއިލާތަކުން އަބަދުވެސް ހަނދާން ހުންނާނީ އެ ދޮރު ހުޅުވައިދިނީ ކޮން ބައެއްކަމެވެ.

ފާޑުކިޔާ ފަރާތްތަކުން ވަކާލާތުކުރާ ގޮތުގައި، މި އުސޫލުގެ ސަބަބުން، ބޭރުގެ މުއްސަނދިކަން ބޭނުންކޮށްގެން ސިޔާސީ ޕާޓީއެއްގެ އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަށް ހިމޭންކަމާއެކު ސަބްސިޑީ ދެވިގެންދެއެވެ. އަދި ޕާޓީގެ އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް، އަދި އެއްވެސް ގަވާއިދަކާ ސާފުކޮށް ޚިލާފުވުމެއް ނެތި، އާންމުންގެ ތާއީދާއި ވަފާތެރިކަން ހޯދުމުގެ ފުރުސަތު އެ ޕާޓީއަށް ފަހިވެގެންދެއެވެ.

އެހެން ބައެއް ޑިމޮކްރެސީތަކުން ވަނީ މިފަދަ ގާނޫނީ ހަނިދޮރުތައް ބެއްދުމަށް އެތައް އަހަރެއް ހޭދަކޮށްފައެވެ.

ޔޫކޭގައި، 'ޕޮލިޓިކަލް ޕާޓީސް، އިލެކްޝަންސް އެންޑް ރިފަރެންޑަމްސް އެކްޓް 2000′ ގައި ސިޔާސީ ހަދިޔާ މާނަކޮށްފައިވަނީ، ހިލޭ ނުވަތަ އަގުހެޔޮކޮށް ނަމަވެސް، ޕާޓީގެ ފައިދާއަށްޓަކައި ދެވޭ ފައިސާ، މުދާ، ތަކެތި ނުވަތަ ޚިދުމަތްތައް ވެސް ހިމެނޭ ގޮތަށެވެ. އެހެންކަމުން ބޭރުގެ ފައުންޑޭޝަނަކުން އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއްގެ މެދުވެރިކޮށް ޚާއްސަ ސްކޮލަޝިޕްތަކެއް ދޭން އުޅެފިނަމަ، އެއީ ހުއްދަނޫން، ފައިސާ ނޫން އެހެން ވަސީލަތެއްގެ ހަދިޔާއެއްގެ ގޮތުގައި ބަލައި، ވަގުތުން ހުއްޓުވާނެއެވެ.

އޮސްޓްރޭލިއާއިން ވެސް، ބޭރުގެ ނުފޫޒު ފޯރުވުމުގެ ސިލްސިލާ ހާދިސާތަކަކަށް ފަހު، ބޭރުގެ ފަރާތްތަކުން ދޭ ހަދިޔާތަކުގެ ތެރޭގައި މުދަލާއި ޚިދުމަތްތަކާއި އެނޫންވެސް ފެންނަން ހުންނަ ފައިދާތައް ހިމެނޭ ގޮތަށް ގާނޫނުތައް އަލުން ލިޔެ، އެފަދަ ހަދިޔާ މަނާކުރިއެވެ. ބޭރުގެ ފަރާތެއްގެ މަންދޫބެއްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ އިދާރާއަކުން ވެސް މިހާރު ޖެހެނީ އާންމުކޮށް ރަޖިސްޓްރީ ކުރާށެވެ. މިއީ ސީދާ މިފަދަ އިންތިޒާމުތައް ހާމަކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

އެމެރިކާގައި 'ފެޑެރަލް އިލެކްޝަން ކެމްޕޭން އެކްޓް' ގެ ދަށުން ބޭރުގެ ރައްޔިތުން، އެއްވެސް އިންތިޚާބަކާ ގުޅުންހުރި ކަމެއްގައި، ސީދާ ނުވަތަ ނުސީދާ ގޮތުން ވިޔަސް 'އަގުހުރި އެއްވެސް އެއްޗެއް' ހިއްސާކުރުން މަނާކުރެއެވެ. ފެޑެރަލް އިލެކްޝަން ކޮމިޝަނުން އަބަދުވެސް އެ އިބާރާތް މާނަކުރަނީ ނަގުދު ފައިސާ ނޫން، އެހެނިހެން ގޮތްގޮތުން ދެވޭ އެހީތެރިކަން ވެސް ހިމެނޭ ގޮތަށެވެ.

މުޅި އޭޝިއާއަށް ބަލާއިރު ވެސް މަންޒަރު ފެންނަނީ ދާދި އެއްގޮތަކަށެވެ. ސިންގަޕޫރުން 2021 ގައި ފާސްކުރި 'ފޮރިން އިންޓަފިއަރެންސް (ކައުންޓަމެޜާސް) އެކްޓް' (ފިކާ) ގެ ދަށުން، ބޭރުގެ އެހީތެރިކަމުގައި ނަގުދު ފައިސާ އާއި ނަގުދު ފައިސާ ނޫން އެހީތަކުގެ ދެމެދުގައި އޮތް ތަފާތު އެއްކޮށް ނައްތާލިއެވެ. އެ ގާނޫނުގެ ދަށުން، ސިޔާސީ ގޮތުން މުހިންމު ޝަޚްސަކަށް ނުވަތަ އިދާރާއަކަށް، ވިޔަފާރީގެ އުސޫލުތަކުން ބޭރުން މުދާ، ޚިދުމަތް ނުވަތަ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މަނާކުރެވިފައިވާ ބޭރުގެ ހަދިޔާއެކެވެ. ބޭރުގެ ޔުނިވާސިޓީއަކުން ހިލޭ ކިޔެވުމުގެ ފުރުސަތުތަކެއް ސީދާ ސިންގަޕޫރުގެ ސިޔާސީ ޕާޓީއެއްގެ މެދުވެރިކޮށް ދޭން އުޅެފިނަމަ، ވަގުތުން ފިޔަވަޅު އަޅާނެއެވެ.

އިންޑިއާގެ 'ފޮރިން ކޮންޓްރިބިއުޝަން ރެގިއުލޭޝަން އެކްޓް' (އެފްސީއާރްއޭ) އަކީ މުޅި އޭޝިއާގައި ވެސް އޮތް އެންމެ ހަރުކަށި އެއް ގާނޫނެވެ. ބޭރުގެ އެހީގެ މާނައިގެ ތެރޭގައި ބޭރުގެ ފަރާތަކުން ދޭ، ހަދިޔާކުރާ ނުވަތަ ބަދަލުކުރާ ކޮންމެ މާއްދީ އެއްޗެއް، ފައިސާއެއް ނުވަތަ ފޮރިން ސެކިއުރިޓީއެއް ހިމެނެވެ. ބޭރުގެ ފައުންޑޭޝަނަކުން އިންޑިއާގެ ދަރިވަރުންނަށް ސްކޮލަޝިޕް ދޭން ބޭނުންވި ނަމަވެސް، ދަރިވަރުން ހޮވުމުގެ މަރުހަލާ ސިޔާސީ ޕާޓީއަކާ ހަވާލެއް ނުކުރެވޭނެއެވެ. އެ ފަންޑުތައް ދާންޖެހޭނީ ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ، ސިޔާސީ ނޫން ތައުލީމީ ޓްރަސްޓްތަކުގެ މެދުވެރިކޮށެވެ. އެ ނޫން ގޮތަކަށް އަމަލުކުރުމަކީ ޖިނާއީ ކުށެކެވެ.

މި އިންތިޒާމު ހަމަޖެހިފައިވާ ގޮތުން ޖިއޮގްރަފީގެ ގޮތުން ހައިރާންކުރުވަނިވި އިއްތިފާގެއް ފާހަގަކުރެވެއެވެ. ސްކޮލަޝިޕަށް ފަންޑުކުރާ ފައުންޑޭޝަނަކީ މެލޭޝިޔާގެ ފައުންޑޭޝަނެކެވެ. މެލޭޝިޔާއަކީ އަމިއްލަ ފައުންޑޭޝަންތަކާއި ބޭރުގެ ފައިސާ އެގައުމުގެ ސިޔާސީ ނިޒާމުގެ ތެރެއަށް ވަނުމުގެ ހިތްދަތި ނަތީޖާތަކާ ކުރިމަތިލާންޖެހި، އެކަމާ ހަނގުރާމަކުރާތާ އެތައް އަހަރެއް ވެފައިވާ ގައުމެކެވެ. މީގެ އެންމެ ބޮޑު މިސާލަކީ އެންމެ މަތީ ފަންތީގެ ސިޔާސީ ވެރިން ބައިވެރިވި އަދި ތާރީޚުގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތުގެ ޝަރީއަތަށް މަގުފަހިވި 1އެމްޑިބީ ގެ ބޮޑު ފަޟީހަތެވެ.

މެލޭޝިޔާއިން މިހާރު ދަނީ ބޭރުގެ ހަދިޔާތައް މަނާކުރުމަށްޓަކައި ސިޔާސީ ފަންޑިންގާ ބެހޭ ގާނޫނެއް ފާސްކުރުމަށް ބަހުސްކުރަމުންނެވެ. މި ދަނޑިވަޅުގައި، އެ ގައުމުގެ ބޮޑު އަމިއްލަ ފައުންޑޭޝަނަކުން މިދަނީ ރާއްޖޭގެ ދަރިވަރުންނަށް ސިޔާސީ ޕާޓީއެއް މެދުވެރިކޮށް ސްކޮލަޝިޕް ދެމުންނެވެ. އެއީ މިފަދަ ކަންކަން ހުއްޓުވޭނެ ގޮތަކަށް ގާނޫނުތައް ހަދާފައި ނެތް ގައުމެއްގައެވެ.

ދެ ގައުމުގެ ގާނޫނީ ހުސްކަން ދިމާވަނީ ދާދި އެއް ދިމާލަކަށެވެ. މެލޭޝިޔާގައި އަމިއްލަ ތައުލީމީ ޚައިރާތުތައް ބޭރު ގައުމުތަކަށް ދިއުން ހުއްޓުވާނެ ހަރުކަށި ކޮންޓްރޯލެއް ނެތެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ލިބޭ މާއްދީ ފައިދާތައް، އިން-ކައިންޑް ބެނެފިޓްސް އެތެރެވުން ހުއްޓުވާނެ ކޮންޓްރޯލެއް ނެތެވެ. މި އިންތިޒާމު ފެތިގެންދަނީ މި ދެމެދުގައި އޮތް ހުސްޖާގައަށެވެ.

އަދާލަތު ޕާޓީއަކީ އެކަނި ވެރިކަމަށް ވާދަކުރުމުގެ ބަދަލުގައި، ކޯލިޝަން ހެދުމުގެ ދިގު ތާރީޚެއް އޮތް ޕާޓީއެކެވެ. އެކި ތަފާތު ފިކުރުތަކުގެ ސަރުކާރުތަކާއެކު އެކި އަހަރުތަކުގައި އެ ޕާޓީން ބައިވެރިވެފައިވާއިރު، ކޮންމެ އިންތިޚާބެއްގައި ވެސް ޕާޓީގެ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް، ޕާޓީގެ އިންތިޒާމީ ބާރާއި ދީނީ އިތުބާރު އެ ސަރުކާރުތަކަށް ވަނީ ދީފައެވެ.

އެ ޕާޓީއަކީ ދިވެހި ސިޔާސީ މަސްރަހުގައި ވަރަށް ނުފޫޒުގަދަ އަދި ޚާއްސަ ފިކުރެއް އޮތް ޕާޓީއެކެވެ. އެއީ ދީނީ ކޮންޒަވޭޓިވް ވިސްނުމާއި، އަތޮޅުތަކުގެ ތެރެއަށް ފެތުރިފައިވާ އާންމު އިޖުތިމާއީ ހަރަކާތްތެރިކަން އެއްކޮށްލައިފައިވާ ފިކުރެކެވެ.

ހުރިހާ ޚަރަދެއް ހަމަޖެހިފައިވާ ބޭރުގެ ޑިގްރީއެއް ފަދަ އަގުހުރި ފުރުސަތެއް، ޕާޓީގެ އަމިއްލަ އީމެއިލް އެޑްރެސް މެދުވެރިކޮށް އެޕްލިކޭޝަންތައް ބަލައިގަނެގެން ޒުވާނުންނަށް ބެހުމުގެ ގާބިލުކަން ލިބުމަކީ، އެ ޕާޓީ ކޮންމެ ކޯލިޝަނެއްގައި އޮތް ނަމަވެސް، ވޯޓަށް ބަދަލުވެގެންދާ ފަދަ އާންމުންގެ ވަރުގަދަ ގުޅުމެއް އުފައްދައި ވަރުގަދަކޮށްދޭނެ ކަމެކެވެ.

މިއިން އެއްވެސް ކަމަކީ ގޯހެއް ހަދާފައިވާ ކަމުގެ ހެއްކެއް ނޫނެވެ. އިންސާނީ އެހީތެރިކަމުގެ ނިޔަތުގައި އެ ޕާޓީން ކުރާ ކަމެއް ކަމަށް ބުނާ ބުނުމަކީ މުޅިން ތެދުވެރި ނިޔަތެއް ކަމުގައި ވެދާނެއެވެ. ނަމަވެސް އެ ޕާޓީން އިޚްތިޔާރުކުރި އުސޫލާއި، އެކަމާ ހަމައަށް ފޯރުމަށް ނުކުޅެދިފައިވާ ގާނޫނީ އޮނިގަނޑުގެ ސަބަބުން، ހަމައެކަނި އަދާލަތު ޕާޓީއަށް ވުރެ ފުޅާ، ބޮޑެތި ސުވާލުތަކެއް އުފެދެއެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަމައެކަނި ޕާޓީގެ އެކައުންޓަށް ވަންނަ ދިވެހި ރުފިޔާއިން މިނަމުންދާ ނަމަ، ގާނޫނުން މަނާކުރާ ކަންކަމާއި ހުއްދަކުރާ ކަންކަމުގެ ދެމެދުގައި އޮތް މި ހުސްޖާގަ އަބަދުވެސް އޮންނާނީ ހުޅުވިފައެވެ. އެހެން ޑިމޮކްރެސީތަކަށް ބޮޑެތި ގެއްލުންތަކަކާއެކު ތަޖުރިބާކުރަން ޖެހުނު ފަދައިން، ސިޔާސީ ރަންމުތްތަކާއި ނުފޫޒަކީ އަބަދު ނަގުދު ފައިސާގެ ބަހުރުވައިން އެކަނި އަންނަ އެއްޗެއް ނޫނެވެ.

ހިއްސާ ކުރައްވާ!