ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ސިއްސުވާލާފަދަ އާ ބަދަލުތަކެއް ގެންނަމުންދާ ޗައިނާއިން މިވަނީ މުޅިން އަލަށް، ހަމައެކަނި ރޮބޮޓުންނަށް ޚާއްޞަކޮށްގެން ތަމްރީނާއި ތަޢުލީމުދޭ ސްކޫލެއް އުފައްދާފައެވެ. މި އާދަޔާޚިލާފު ތަޖުރިބާގެ ދަށުން، އިންސާނުން ފަދަ ސިފަޔަށް ހަދާފައިވާ "ހިއުމަނޮއިޑް ރޮބޮޓްތައް" މިހާރު ހަމައެކަނި ވަކި އަމުރުތަކަކަށް މަސައްކަތްކުރާ މެޝިންތަކަކުން، އަމިއްލައަށް ކަންކަން ދަސްކޮށް، އިމްތިޙާނުތަކުގައި ބައިވެރިވެ، މަސައްކަތުގެ މާޙައުލަށް ނުކުތުމުގެ ކުރިން ސެޓްފިކެޓް ހާސިލުކުރާ ދަރިވަރުންނަށް ބަދަލުވެއްޖެއެވެ.
ޗައިނާގެ މި ފިޔަވަޅަކީ ހިއުމަނޮއިޑް ރޮބޮޓްތައް ތަރައްޤީކުރުން އަވަސްކޮށް، އެ ތަކެތި ހަމައެކަނި ތަޖުރިބާކުރާ މޮޑެލްތަކެއްގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި، ފެކްޓްރީތަކާއި، ޚިދުމަތްދޭ މަރުކަޒުތަކުގެ އިތުރުން ހުނަރުވެރި ހަރަކާތްތަކާއި މުޢާމަލާތްތައް ބޭނުންވާ އެކި ދާއިރާތަކުގައި ޢަމަލީގޮތުން ބޭނުންކުރެވޭނެ ފެންވަރަށް ތައްޔާރުކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
އިންސާނުން ނޫޅޭ، ހަމައެކަނި ރޮބޮޓުންގެ ސުކޫލެއް
ޗައިނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ޚާއްޞަ ސްކޫލް ހުޅުވާފައިވަނީ ޒިޖިއަންގް ޕްރޮވިންސްގެ ހަންގްޒޫ ސިޓީގައެވެ. މި މަރުކަޒަކީ އާދައިގެ ސުކޫލުތަކާ ޚިލާފަށް، ރޮބޮޓްތަކުގެ ހުނަރުތައް ދެނެގަނެ، އެތަކެތީގެ މަސައްކަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހަދާފައިވާ ތަމްރީނުދޭ އަދި އިމްތިޙާނުކުރާ މަރުކަޒެކެވެ. މި ސުކޫލުގައި ރޮބޮޓްތައް ބައިތިއްބަނީ ހަމަ ހަގީގީ ދަރިވަރުންގެ ގޮތުގައެވެ.
މި މަރުކަޒުގައި ރޮބޮޓްތައް ލައްވައި މަސައްކަތް ކުރުވަނީ ހަގީގީ މަސައްކަތުގެ މާޙައުލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަންތަނުގައެވެ. އޭގެ ބޭނުމަކީ ރޮބޮޓްތައް މަސައްކަތްކުރާ ގޮތުގެ ޑޭޓާ އެއްކޮށް، އެސޮރުމެންގެ ޤާބިލުކަން އިތުރަށް ތަރައްޤީކުރުމެވެ. މި ސުކޫލުގެ ފުރަތަމަ ބެޗްގައި ހިމެނެނީ މުދާ އުފައްދާ ފެކްޓްރީތަކަށާއި ޚިދުމަތްދޭ ދާއިރާތަކަށް ޚާއްޞަކޮށްފައިވާ ރޮބޮޓްތަކެވެ. މި ތަކެތި އިވެލުއޭޓް ކުރެވެނީ ނުވަތަ މާކްސް ދެވެނީ މަސައްކަތްތައް ނިންމާލާ ގޮތަށާއި، ހަރަކާތްތަކުގެ ފުރިހަމަކަމަށާއި، އާ އެއްޗެހި ދަސްކުރުމުގެ ދުވެއްޔަށާއި، އިންސާނުންނާ މުޢާމަލާތްކުރަން އެނގޭ މިންވަރަށް ބަލާފައެވެ.
ކޯޑިންގްގެ ބަދަލުގައި އަމިއްލައަށް ދަސްކުރުން
ކުރިން ބޭނުންކުރި އާދައިގެ ރޮބޮޓްތަކަކީ ކުރިން ޕްރޮގްރާމްކޮށްފައިވާ ވަކި އަމުރުތަކެއްގެ މައްޗަށް ބިނާވެގެން މަސައްކަތްކުރާ އެއްޗެހި ކަމަށްވިޔަސް، އާ ޖީލުގެ ހިއުމަނޮއިޑް ރޮބޮޓްތައް ބިނާވެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލާނިންގްގެ މައްޗަށެވެ. މީގެ ސަބަބުން ވަށައިގެންވާ މާޙައުލު ދެނެގަނެ، ޙާލަތަށް ބަލައި އަމިއްލައަށް ގޮތް ނިންމުމުގެ ހުނަރާއި ފަހަލަވެރިކަން މި ރޮބޮޓްތަކަށް ލިބެއެވެ.
ޗައިނާގެ ޒިޖިއަންގް ޔުނިވަރސިޓީގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، މިހާރު ރޮބޮޓަށް އެންމެ މުހިންމީ "އެމްބޮޑިޑް އޭއައި" ނުވަތަ ހަށިގަނޑެއް ލިބިގެންވާ ވިސްނުންތޫނުކަން ތަރައްޤީކުރުމެވެ. އެއީ އޭއައިގެ ސިކުނޑި، ހަގީގީ ދުނިޔޭގައި ހަރަކާތްތެރިވެވޭ ފަދަ ރޮބޮޓެއްގެ ހަށިގަނޑާ ގުޅުވައިލުމެވެ. މިކަމަށްޓަކައި ރޮބޮޓްތަކަށް ވަރަށް ގިނަ ޑޭޓާއާއި، ހަރަކާތްތައް ރެކޯޑުކޮށްފައިވާ ވީޑިއޯތަކާއި، ޑިޖިޓަލް ސިމިއުލޭޝަންތައް ބޭނުންކޮށްގެން ތަމްރީނު ދެވެއެވެ.
ރޮބޮޓްތަކަށް އިމްތިޙާނާއި ސެޓްފިކެޓް!
މި ތަޖުރިބާގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ، އިންސާނުން ވަޒީފާގެ މާޙައުލަށް ނުކުތުމުގެ ކުރިން ހަދާ ޕްރޮފެޝަނަލް ޓެސްޓުތަކާ އެއްގޮތް އިމްތިޙާނުތަކެއް ރޮބޮޓްތަކުން ހަދަންޖެހުމެވެ. ވަކި ޚާއްޞަ މަސައްކަތްތަކެއް ކުރަން އެނގޭކަން ކަށަވަރުކުރުމަށްފަހު ނޫނީ އެސޮރުމެން ބޭނުންކުރުމުގެ ހުއްދައެއް ނުދެއެވެ.
އިމްތިޙާނުތަކުން ފާސްވާ ރޮބޮޓްތަކަށް، އެސޮރުމެންގެ ޤާބިލުކަން ސާބިތުކޮށްދޭ ސެޓްފިކެޓް ނުވަތަ ގްރޭޑިންގްއެއް ދެވެއެވެ. އެއީ ރޮބޮޓްތައް އިންސާނުން ފަދަ މުވައްޒަފުންނަށް ވުމެއް ނޫނެވެ. ނަމަވެސް މިއީ ކުންފުނިތަކާއި ކާރުޚާނާތަކުގައި އެސޮރުމެން ބޭނުންކުރުމުގެ ކުރިން، އެ ރޮބޮޓަކީ ރައްކާތެރިކަމާއެކު ފުރިހަމައަށް މަސައްކަތް ކުރެވޭނެ އެއްޗެއްކަން ޔަގީންކުރުމަށް ހަދާފައިވާ ނިޒާމެކެވެ.
ޗައިނާގެ ބޮޑު ރޭވުން
މި ފިޔަވަޅަކީ ރޮބޮޓިކްސްގެ ދާއިރާއިން ދުނިޔޭގެ ކުރިމަގު ކޮންޓްރޯލްކުރުމަށް ޗައިނާ ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުގެ ބައެކެވެ. ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނާ ގޮތުގައި، އެ ޤައުމުން އަމާޒު ހިފާފައިވަނީ ހިއުމަނޮއިޑް ރޮބޮޓްތައް އުފެއްދުން އަވަސްކޮށް، ސިނާއީ މަސައްކަތްތަކާއި، ސިއްޙީ ދާއިރާގެ އިތުރުން ލޮޖިސްޓިކްސްގެ ދާއިރާއަށް މި ތަކެތި ނެރުމަށެވެ. ޗައިނާގެ ބޮޑެތި ކުންފުނިތަކުން މިހާރުވެސް ދަނީ މިފަދަ ރޮބޮޓްތައް ފެކްޓްރީތަކުގައި މަސައްކަތް ކުރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރަމުންނެވެ.
ރޮބޮޓުންނަށް ސުކޫލުތައް ބޭނުންވަނީ:
ދިރާސާވެރިން ބުނާ ގޮތުގައި ހަގީގީ ދުނިޔެއަކީ ވަރަށް އޮޅުންބޮޅުން ބޮޑު އަދި ކަންކަން ބަދަލުވުން އަވަސް ތަނެކެވެ. ފެކްޓްރީއެއްގައި ނުވަތަ ގޭތެރޭގައި މަސައްކަތްކުރާ ރޮބޮޓަކަށް ހަމައެކަނި ކޯޑިންގް އެނގުމުން ނުފުދެއެވެ. އޭގެ ބަދަލުގައި ވަށައިގެންވާ މާޙައުލު ވިސްނައިގަނެ، އެކި ބާވަތްތަކުގެ ތަކެއްޗާ މުޢާމަލާތްކޮށް، ކުއްލިއަކަށް ދިމާވާ ނުވަތަ އުންމީދު ނުކުރާ ޙާލަތްތަކަށް ހޭނެންޖެހެއެވެ. އެހެންކަމުން، މިފަދަ ޢަމަލީ ތަމްރީނު މަރުކަޒުތަކަކީ ހަމައެކަނި ކޮމްޕިއުޓަރުގެ ސްކްރީނަކުން ރޮބޮޓަކަށް ދަސްކޮށްނުދެވޭނެ އެތައް ހުނަރުތަކެއް ދަސްކޮށްދިނުމަށް ކޮންމެހެން ބޭނުންތެރި ތަންތަނެވެ.
ކުރިމަގުގެ ގޮންޖެހުންތަކާއި އަޚްލާޤީ ސުވާލުތައް
މި ބޮޑު ކުރިއެރުމާއެކުވެސް، ގޮންޖެހުންތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި މިފަދަ ރޮބޮޓްތައް އުފެއްދުމުގެ އަގު ބޮޑުވުމާއި، އިންސާނުން ފަދައިން ފްލެކްސިބަލްކޮށް ހަރަކާތްތެރިވުމުގައި ހުރި ހުރަސްތައް ހިމެނެއެވެ.
މީގެ އިތުރުން، މި ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ވަޒީފާތަކަށް އަސަރުކޮށްފާނެތީ ގިނަ ބަޔަކު ކަންބޮޑުވެއެވެ. ބައެއް މީހުން ދެކޭގޮތުގައި މީގެ ސަބަބުން ބައެއް ދާއިރާތަކުން އިންސާނުން ވަޒީފާއިން ވަކިކުރަން ޖެހިދާނެއެވެ. ނަމަވެސް އަނެއް ބަޔަކު ގަބޫލުކުރާ ގޮތުގައި މީގެ ސަބަބުން ރޮބޮޓްތައް އުފެއްދުމާއި، މަރާމާތުކުރުމާއި، ބެލެހެއްޓުމުގެ ދާއިރާއިން މުޅިން އާ ވަޒީފާތަކެއް އުފެދިގެންދާނެއެވެ. އެމްއައިޓީ ފަދަ ބޮޑެތި މުއައްސަސާތަކުން ބުނާގޮތުގައި، ރޮބޮޓްތަކުގެ ކުރިމަގު ބިނާވެފައިވަނީ ހަމައެކަނި އޭގެ ޓެކްނޮލޮޖީއަކަށް ނޫނެވެ. ބަލަންޖެހޭނީ މުޖުތަމަޢާއި ވަޒީފާގެ ބާޒާރުގެ ތެރެއަށް ޒިންމާދާރުކަމާއެކު އެތަކެތި ވައްދާނެ ގޮތަކަށެވެ.






