ޣައްޒާގެ އެކި ސަރަޙައްދުތަކަށް މިއަދު އިސްރާއީލުން ދިން ޙަމަލާތަކެއްގައި، ކުޑަކުއްޖަކާއި އަންހެނަކު ހިމެނޭހެން 10 މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުގެ މަޞްދަރުތަކުން ރިޕޯޓްކޮށްފިއެވެ. މީގެ ތެރޭގައި ޣައްޒާގެ އުތުރުގައިވާ ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ހުރި ފުލުހުންގެ މަރުކަޒަކަށް އަމާޒުކޮށްދިން ނުރައްކާތެރި ޙަމަލާއެއް ހިމެނެއެވެ.
ޣައްޒާގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ޣާޒީ އަލްޢަލޫލް މައުލޫމާތު ދިން ގޮތުގައި، ޣައްޒާގެ ދާޚިލީ ވުޒާރާއިން ވަނީ ޖަބަލިއާ ޕޮލިސް ސްޓޭޝަންގެ ޑިރެކްޓަރު މުޙައްމަދު ސާލިމްއާއި، ފުލުހުންގެ ބައެއް އިސް އޮފިސަރުންނާއި މުވައްޒަފުން މި ޙަމަލާގައި ޝަހީދުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ޙަމަލާ އަމާޒުވީ ޖަބަލިއާ ކޭމްޕްގެ އެތެރޭގައިވާ އަލްފައްލޫޖާ ސަރަޙައްދުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށެވެ.
ރިޕޯޓަރު ފާހަގަކުރި ގޮތުގައި، މި ފުލުހުންގެ މަރުކަޒު ހުރީ އާންމުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ތަކެތި ގަންނަން އެއްވެ އުޅޭ، މީހުން ގިނަ އާންމު ބާޒާރެއްގެ ތެރޭގައެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި އިސްރާއީލުގެ ޑްރޯންތަކުން ވަނީ ފުލުހުންގެ މަރުކަޒު ހިންގަމުންދިޔަ ފޭލިގެއަށް ސީދާ ހަތަރު މިސައިލް ފޮނުވާލާފައެވެ.
ލިޔުންތެރިއެއް އަދި ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ އަޙްމަދު އައްޠަންޠާނީ ވިދާޅުވި ގޮތުގައި، ފުލުހުންގެ މަރުކަޒަށް ދިން މި ޙަމަލާއަކީ ހަމައެކަނި އަސްކަރީ މަގުޞަދެއްގައި ދިން ޙަމަލާއެއް ނޫނެވެ. މިއީ ހަމާސް ޖަމާއަތް އެކަނި ނޫންކަން ދެއްކުމަށާއި، ޣައްޒާގެ އިދާރީ އަދި ސަލާމަތީ ނިޒާމު މުޅިން ހަލާކުކޮށްލުމަށް އިސްރާއީލުން ދިން ސިޔާސީ "މެސެޖެއް" ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި މީގެ ބޭނުމަކީ ޣައްޒާގައި ހަމަޖެހުން ގާއިމުވިޔަނުދީ، ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތައް އަލުން ފެށުމަށް ހުރަސްއެޅުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޠަންޠާނީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އެކުލަވައިލެވުނު ފަހުންވެސް ފުލުހުންނަށް އަމާޒުކޮށް މިފަދަ ޙަމަލާތައް ތަކުރާރުވަމުންދެއެވެ. މީގެ އަސްލު ބޭނުމަކީ ޣައްޒާގެ މުޖުތަމައު މުޅިން ބީކަކޮށާ ހަލާކުގެ ތެރެއަށް ވައްޓާލުމާއި، އަމަންއަމާންކަން ގާއިމުކުރުމަށް ސަލާމަތީ ބާރުތަކަށް ލިބިފައިވާ ގާބިލުކަން ބަލިކަށިކޮށް، އެ ސަރަޙައްދުގައި އިތުރު ދާޚިލީ ހަމަނުޖެހުންތަކަކަށް މަގުފަހިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.






