އޭއައިއާއެކު ޕާކިސްތާނުގެ ޑޭޓާ ނިޒާމާ މެދު ސުއާލު އުފައްދައިފި

ދުނިޔެ ބަދަލުކުރަމުންދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ އޮއިވަރުގައި ޕާކިސްތާނު ވެސް ޖެހެމުންދާއިރު، އެ ގައުމުގެ ޑޭޓާ ނިޒާމުތަކުގެ ސަބަބުން އޭއައިގެ ފުރިހަމަ ފައިދާ ހޯދުމަށާއި އޭގެ ނުރައްކާތަކުން ސަލާމަތްވުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ދައްކައިފިއެވެ. ގައުމުގެ ތައުލީމީ ޒުވާނުންނާއި ޚިދުމަތްތެރި ސެކްޓަރުގެ މުވައްޒަފުން ޗެޓްޖީޕީޓީ ފަދަ ޓޫލްތައް ބޭނުންކުރަމުން ދިޔަ ނަމަވެސް، އޭއައިގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެރިކަމާއި، ވިޔަފާރިތަކުން ޚަރަދު ކުޑަކުރަން އޭއައި ބޭނުންކުރަން އުޅުމުގެ ތެރޭގައި ބޮޑު މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ.

ޕާކިސްތާނުގެ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓިޝަން ޑރ. ނައީމް ޒަފަރު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ އެޖެންސީން ދައުލަތުގެ ނުވަތަ އަމިއްލަ ސެކްޓަރުގައި އޭއައި ބޭނުންކުރާ މިންވަރުގެ އެއްވެސް ޑޭޓާއެއް އެއްކުރަމުންނެއް ނުދެއެވެ.

ގައުމުގެ ތަފާސްހިސާބު ނިޒާމުތައް ފަރުމާކޮށްފައިވަނީ ކޮމްޕިއުޓަރާއި އިންޓަނެޓްގެ ޒަމާނުގެ މާ ކުރިން ކަމަށްވުމުން، އޭއައިގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ސޮފްޓްވެއަރ ޑިވެލޮޕަރުން، އެކައުންޓަންޓުން، އަދި ގްރަފިކް ޑިޒައިނަރުން ފަދަ ވަޒީފާތަކަށް އަންނާނެ ބަދަލުތައް ދެނެގަނެވޭނެ ގޮތެއް ނެތެވެ.

މާލީ ވަޒީރު މުހައްމަދު އައުރަންގްޒޭބް ދާދިފަހުން ޓެކްސް އިދާރާގައި އޭއައި ނިޒާމެއް ގާއިމުކުރިކަން އިޢުލާން ކުރެއްވި ނަމަވެސް، ތަޖުރިބާކާރުން ބުނަނީ ޕާކިސްތާނުގެ ސިޔާސީ ވެރިންނާއި ބިއުރޯކްރަސީގެ ތެރޭގައި އޭއައިއަށް އޮތް ހޭލުންތެރިކަން ކުޑަކަމުން، އެފަދަ ނިޒާމުތައް ފޭލްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެނޭބްލިފައިއޭއައި ގެ ސީއީއޯ މުހައްމަދު ޝާހްޒަރ އިލާހީ ހާމަކުރެއްވި ގޮތުގައި ބޭންކުތަކުން އޭއައި ބޭނުންކުރަން ފަށާފައިވީ ނަމަވެސް، ގިނަ ވެރިންނަށް ޑޭޓާ ސެކިއުރިޓީގެ ނުރައްކާތައް ނޭނގެއެވެ. އަދި އޭއައި ބޭނުންކުރަން ޖެހޭނީ ހަމައެކަނި ބޭރުގެ މޮޑެލްތައް ކޮޕީކޮށްގެން ނޫން ކަމަށާއި، ޕާކިސްތާނުގެ އިގްތިސާދީ ޙާލަތަށް ފެތޭނެ ލޯކަލް ސޮލިއުޝަންތައް އުފައްދައިގެން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަރުކާރުން ޑިޖިޓަލް އޮތޯރިޓީއެއް ހަދައި ސިޔާސަތުތައް އެކުލަވާލަން އުޅުނު ނަމަވެސް، އެސްއީސީޕީގެ ކުރީގެ ޗެއަރމަން އާކިފް ސައީދު ވިދާޅުވީ ގައުމުގައި އަދިވެސް ބޭނުންކުރަނީ ފޮޓޯކޮޕީއާއި ތައްގަނޑު ޖެހި ލިޔެކިޔުންތައް ކަމުން، ހަގީގީ ޑިޖިޓަލް ބަދަލެއް ނުގެނެސް އޭއައިގެ އެދެވޭ ނަތީޖާއެއް ނުފެންނާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!