އިނގިރޭސި ކުދިންނަށް ރޭގަނޑު ސޯޝަލް މީޑިއާ މަނާކޮށްފި

އިނގިރޭސިވިލާތުގައި އުމުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ރޭގަނޑުގެ ވަގުތުތަކުގައި ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރަން އިނގިރޭސި ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ އެ ގައުމުގެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ކިއާ ސްޓާމާ، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނިންމެވި ނިންމެވުމާ ގުޅިގެން އަޅާ އިތުރު ފިޔަވަޅެކެވެ.

ކުޑަކުދިންނާއި ޒުވާނުން ސޯޝަލް މީޑިއާގެ ދެވިހިފާ ފޭސްބުކް އާއި އިންސްޓަގްރާމްފަދަ އިބްލީސީ އެޕްލިކޭޝަންތަކަށް ވަނުން ހަނިކުރުމުގެ ގޮތުން ސަރުކާރުން ބުނީ، އިންސްޓަގްރާމް އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތައް ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް ކުޑަކުދިން ބޭނުންކުރުން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން، ފުރާވަރަށް އަރާ ކުދިންނަށް ވެސް، ސޯޝަލް މީޑިއާގައި ދެވިހިފާ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ނިމުމެއް ނެތި އިސްކިރީނަށް ފިތަމުން ބަލަމުންދާ ގޮތަށް ހަދާފައި ކޮންޓެންޓް ފަދަ އުފެއްދުންތައް އުފައްދާ ފީޗާތައް އޮޓޮމެޓިކުން ވަގި ގަޑިއެއް ހަމަވުމުން ބަންދުވާނެ ގޮތް ހެދުމަށް ވެސް ސަރުކާރުން ރާވާފައިވެއެވެ. ނަމަވެސް، ޔޫޒަރުންނަށް މި ސެޓިންގްތައް އަމިއްލައަށް ބަދަލުކުރެވޭނެތީ، މިކަމުން ފައިދާއެއް ކުރާނެތޯ ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި މި ފިޔަވަޅުތައް އަމަލީ ގޮތުން ތަންފީޒު ކުރާނެ ގޮތެއް އަދި ސާފެއް ނޫނެވެ.

މިދިޔަ މަހު އިނގިރޭސިވިލާތުން ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސްނެޕްޗެޓް، ޓިކްޓޮކް، ޔޫޓިއުބް، އިންސްޓަގްރާމް އަދި ފޭސްބުކް ބޭނުންކުރުން މަނާކޮށްފައެވެ. މި ގަވާއިދު 2027 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ތަންފީޒު ކުރަން ފަށާނެއެވެ.

ޓެކްނޮލޮޖީ މިނިސްޓަރު ލިޒް ކެންޑަލް ވިދާޅުވީ، "16 އަހަރު ފުރުމުން ކުދިންނަށް އިތުރު މިނިވަންކަމެއް ލިބުނު ނަމަވެސް، އެކުދިންގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށްފާނެ ފަދަ ދެވިހިފާ ޑިޖިޓަލް ފީޗާތަކުން ރައްކާތެރިކުރަން ޖެހޭނެ" ކަމަށެވެ. "މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންނަށް ބޭނުންވާ ނިދި ލިބުމަށާއި، ކިޔެވުމަށް ސަމާލުކަން ދިނުމަށާއި، އާއިލާއާއި ރައްޓެހިންނާއެކު އިތުރު ވަގުތު ހޭދަކުރުމަށް އެހީތެރިވެދޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ.

އާ ފިޔަވަޅުތަކުގެ ތެރޭގައި އޭއައި ޗެޓްބޮޓްތައް ބޭނުންކުރުން މޮނިޓާ ކުރުން ވެސް ހިމެނެއެވެ. އެގޮތުން 18 އަހަރުން ދަށުގެ ކުދިން އެފަދަ ޚިދުމަތްތައް ބޭނުންކުރާއިރު ގަވާއިދުން ބްރޭކެއް ނަގަން ޖެހޭނެއެވެ.

ކުޑަކުދިންގެ ހައްގާ ގުޅޭ ޖަމިއްޔާތަކުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ބައެއް ފަރާތްތަކުން އިންޒާރު ދެނީ މީގެ ސަބަބުން ކުދިން އިންޓަނެޓް ބޭނުންކުރުމުގައި އިތުރަށް ނުރައްކާތެރި ގޮތްތައް ހޯދަފާނެ ކަމަށެވެ.

މީގެ ކުރިން އޮސްޓްރޭލިއާއިން ވަނީ މިދިޔަ ޑިސެންބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކޮށްފައެވެ. އަދި ކެނެޑާއާއި ޔޫއޭއީން ވެސް އެފަދަ ފިޔަވަޅުތަކެއް އިއުލާންކޮށްފައިވާއިރު، އިންޑޮނޭޝިއާއިން ވަނީ މިދިޔަ މާރިޗު މަހުން ފެށިގެން މިފަދަ މަނާކުރުމެއް އަމަލީ ގޮތުން ފަށާފައެވެ.

ހިއްސާ ކުރައްވާ!