ލޭބަރ ޕާޓީގެ ލީޑަރުކަމަށާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ކިއަރ ސްޓާމަރަށް ފަހު އެންމެ ބޮޑު ފުރުސަތެއް އޮތް ކަމަށް ބެލެވޭ އެންޑީ ބާންހަމް، ޣައްޒާ ހަނގުރާމައާ ގުޅޭގޮތުން ލޭބަރ ޕާޓީން އެންމެ ފުރަތަމަ ގެންގުޅުނު ސިޔާސަތަށް މާފަށް އެދިވަޑައިގެންފިއެވެ.
’ދަ ގާޑިއަން' ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ބާންހަމް ވިދާޅުވީ، އިސްރާއީލު ސަރުކާރާމެދު މާ ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާނެ ކަމަށެވެ. މީގެ ތެރޭގައި ވަކިވަކި ފަރާތްތަކަށާއި މުއައްސަސާތަކަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމާއި، އިސްރާއީލުގެ ގާނޫނާ ޚިލާފު އާބާދީތަކުން އަންނަ މުދާ އެތެރެކުރުން މަނާކުރުމާމެދު ވިސްނުން ހިމެނެއެވެ.
"ޣައްޒާގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ފެށުނުއިރު، އަޅުގަނޑުގެ ޕާޓީން އަމަލުކުރީ ރަނގަޅަށް ނޫންކަން ގިނަ ބަޔަކަށް އިހުސާސް ކުރެވޭ. އެކަމަށް އަޅުގަނޑު މާފަށް އެދެން. އަޅުގަނޑުމެންގެ ރައްދު ދިނުން އެވަގުތު އޮތީ އެކަށީގެންވާ ވަރަށްވުރެ ދަށްކޮށް،" ބާންހަމް ވިދާޅުވިއެވެ.
ހިނގަމުންދާ ކަންކަމަކީ ޖެނޮސައިޑެއް ކަމަށް ސިފަކުރަން ބާންހަމް ދެކޮޅު ހެއްދެވިއެވެ. އޭނާ ވިދާޅުވީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމުގެ "ހެކިތައް އިތުރުވަމުންދާ" ކަމަށާއި، ނަމަވެސް އެކަން ކަނޑައަޅަން ޖެހޭނީ ބައިނަލްއަގުވާމީ ކޯޓުތަކުން ކަމަށެވެ.
ނަމަވެސް، ލޭބަރ ޕާޓީގެ މި ވާހަކަތަކަށް ގްރީން ޕާޓީގެ ޑެޕިއުޓީ ލީޑަރު މޫތިން އަލީ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާކަން އިނގިރޭސި ސަރުކާރަށް އެނގޭނަމަ، ވަގުތުން ހަތިޔާރު ވިއްކުން ހުއްޓާލަން ގާނޫނީ ގޮތުން ލާޒިމުވާނެ ކަމަށެވެ.
ބާންހަމްގެ މި މާފަށް އެދި ވަޑައިގަތުމަކީ، މިހާރުގެ ލީޑަރު ކިއަރ ސްޓާމަރަށް ކުރިމަތިވެދާނެ އުނދަގޫ ހާލަތެކެވެ. 2023 ގެ އޮކްޓޯބަރު 7 ގެ ހަމަލާތަކަށްފަހު، ޣައްޒާއިން ކަރަންޓާއި ފެން ކަނޑާލުމުގެ "ހައްގު" އިސްރާއީލަށް އޮތް ކަމަށް ސްޓާމަރު ވިދާޅުވުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. ލޭބަރ ޕާޓީގެ ގިނަ އަދަދެއްގެ މުސްލިމް އަދި ޕްރޮގްރެސިވް ވޯޓަރުން އެ ޕާޓީ ދޫކޮށް އެހެން ޕާޓީތަކަށް ދާން ފެށީ އެ މައްސަލައިގެ ސަބަބުންނެވެ.
ބާންހަމް ވަނީ، އިސްރާއީލު ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ޔަހޫދީންނާ ދެކޮޅުވެރިވުން ނޫން ކަމަށް ވިދާޅުވެފައެވެ. ބާންހަމް އިތުރަށް ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަށް ލިބެމުންދާ ހިތްދަތިކަމަކީ "އިންސާނީ ޟަމީރުގެ ލަދުވެތިކަމެއް" ކަމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހައްގުތައް ނެގެހެއްޓުމުގައި އިނގިރޭސިވިލާތުން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.






