ބައެއް ފަހަރު އަގު ހެޔޮކޮށް އިންޓަރނެޓްގެ ޚިދުމަތް ހޯދަން ވެގެން މީހުން ކިޔަވާ ކުދިންގެ ނަމުގައިވެސް ޚިދުމަތް ނަގައެވެ. އެއީ އޮޅުވާލުމެއް ކަމަށް ނުބަލައެވެ. ނަމަވެސް އަމިއްލަ މަންފާއެއް ނަގާފައި ހުންނަ އިންޓަރނެޓުން ވިޔަފާރި ކޮށްގެން ފައިދާ ނެގުމަކީވެސް ހުއްދަ ކަމެއް ނޫން ކަމަށް ބުނެ މި ވަނީ ފަތުވާ ނެރެފައެވެ.
އިންޓަނެޓް ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ލިޔެކިޔުމުން އޮންނަ ހުއްދަ ނެތި، އަވަށްޓެރިންނާ އެ ޚިދުމަތް ޙިއްސާކޮށްގެން ފައިސާ ނެގުމަކީ ޝަރުޢީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށް މިސްރުގެ ދާރުލް އިފްތާއިން ކަނޑައަޅައިފިއެވެ. އެ އިދާރާއިން ބުނާ ގޮތުގައި މިއީ އެއްބަސްވުމާ ޚިލާފުވުމެއް ކަމަށާއި މިއީ، މާލީ ޙައްޤުތަކަށް އަރައިގަތުމެކެވެ.
ދާރުލް އިފްތާއިން ނެރުނު ފަތުވާއެއްގައި (ނަންބަރު 8942) ބުނެފައިވަނީ، ވައިފައި ޕާސްވޯޑް އަވަށްޓެރިންނަށް ދިނުމާއި، ނުވަތަ މަހު ފީއެއް ނަގައިގެން ދާއިމީ ގޮތެއްގައި އެމީހުންނަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، ޚިދުމަތް ފޯރުކޮށްދޭ ކުންފުނީގެ ރުހުން ނެތްނަމަ ޝަރުޢީ ގޮތުން މަނާކަމެއް ކަމަށެވެ.
މިސްރުގެ މުފްތީ ޑރ. ނަޒީރު އައްޔާދު ވިދާޅުވީ، އިސްލާމްދީނުގައި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރުއަޅާ ކަމަށާއި، އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ރިވެތި އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް، އެކަމަށްޓަކައި އެއްބަސްވުންތަކާ ޚިލާފުވުމާއި، އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަތުން ހުއްދަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމާ ޚިލާފުވުމާއި މާލީ ޙައްޤުތަކަށް އަރައިގަތުން
މުފްތީ ފާހަގަކުރެއްވި ގޮތުގައި، ކުންފުނިތަކުން އިންޓަނެޓްގެ އަގު ކަނޑައަޅަނީ ވަކި އެއް ގެއަކުން ބޭނުންކުރުމުގެ ޝަރުތުގެ މައްޗަށެވެ. ވުމާއެކު، އެއް އިންޓަނެޓް ޚިދުމަތެއް އެތައް ގެއަކުން ބޭނުންކޮށް، އޭގެ ބަދަލުގައި ފައިސާ ހޯދުމަކީ ކުންފުންޏަށް ލިބެންޖެހޭ މާލީ ޙައްޤުން އެ ކުންފުނި މަޙުރޫމް ކުރުމެކެވެ. މިއީ އެ ކުންފުނީގެ މުދަލަށް އަރައިގަތުމެކެވެ.
އަދި މީގެ އިތުރުން، މިފަދަ ޢަމަލުތަކަކީ އޮޅުވާލުމާއި މަކަރު ހެދުން އެކުލެވޭ ކަމެއް ކަމަށާއި، މިއީ އެއްބަސްވުންތައް ތަންފީޛު ކުރުމުގައި އޮންނަންޖެހޭ އިޚްލާސްތެރިކަމުގެ އުޞޫލާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދާރުލް އިފްތާއިން ބުނަނީ ކުންފުނީގެ ލިޔުމުން އޮންނަ ހުއްދައެއް ނެތި، ފައިސާގެ ބަދަލުގައި އަވަށްޓެރިންނާ އިންޓަނެޓް ޚިދުމަތް ޙިއްސާ ކުރުމަކީ، އޭގައި އޮޅުވާލުމާއި މަކަރު ހެދުމާއި އަދި ކުންފުނީގެ މާލީ ޙައްޤަކަށް އަރައިގަތުން ކަމަށް ވާތީ ޝަރުޢީ ގޮތުން އެއީ ހުއްދަ ނޫން ކަމެއް ކަމަށެވެ.






