ކުރިއަށް އޮތް 2026 ވަނަ އަހަރުގެ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ދިމާކޮށް، ގައުމީ ފެންވަރުގައި ނެގި ދެ ބޮޑު ޕޯލެއްގެ ނަތީޖާ ދައްކާގޮތުން، ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް ތާއީދު ރެކޯޑް މިންވަރަކަށް ދަށަށް ހިނގައްޖެއެވެ.
މި ޖުލައި މަހުގެ ކުރީކޮޅު ކުރިއަށްގެންދިޔަ "ސީއެންބީސީ އޯލް-އެމެރިކާ އިކޮނޮމިކް ސާވޭ" އަދި "ވޮޝިންގޓަން ޕޯސްޓް–އިޕްސޮސް" ޕޮލުން އެނގޭ ގޮތުގައި، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި އިގްތިސާދީ ކުރިމަގާ މެދު އާންމުން ކުރާ ކަންބޮޑުވުންތަކުގެ ސަބަބުން، ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކަށް އޮތް ތާއީދު ވަނީ ތާރީޚީ ގޮތުން އެންމެ ދަށް ފެންވަރަކަށް ވެއްޓިފައެވެ.
މާކެޓްތަކަށް ހެޔޮ ބަދަލުތަކެއް އައިސް، އިންފްލޭޝަން ކުޑަކޮށް މައިތިރިވަމުންދިޔަ ނަމަވެސް، ގިނަ އެމެރިކާ ރައްޔިތުން އަދިވެސް ތިބީ ގައުމުގެ މާލީ ހާލަތާ މެދު މާޔޫސްވެފައެވެ.
ސީއެންބީސީގެ ޚިޔާލު ހޯދުމުގައި ޓްރަމްޕަށް އޮތް ޖުމްލަ ތާއީދަކީ 40 އިންސައްތައެވެ. އަދި ވޮޝިންގޓަން ޕޯސްޓް-އިޕްސޮސް ޕޯލްގައި އެއީ 37 އިންސައްތައެވެ. ދެ ޕޯލްގައިވެސް ނުރުހުންތެރިކަމުގެ ނިސްބަތް އުޅެނީ ތާއީދަށްވުރެ މާ މަތީގައެވެ.
ޚާއްޞަކޮށް އިގްތިސާދީ ދާއިރާއަށް ބަލާއިރު، ސީއެންބީސީގެ މައުލޫމާތުތަކުން ދައްކާގޮތުގައި ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރަނީ އެންމެ 38 އިންސައްތަ މީހުންނެވެ. އަދި 60 އިންސައްތަ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ވޮޝިންގޓަން ޕޯސްޓް-އިޕްސޮސްއިން ދައްކަނީ 33 އިންސައްތަ ތާއީދާއި 65 އިންސައްތަ ނުރުހުމެވެ.
މި ހިތްހަމަނުޖެހުންތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ޑޭވިސް އިންގްލް ވިދާޅުވީ، ތާރީޚުގައިވެސް އެހެން އެއްވެސް ރައީސަކު އެމެރިކާގެ ރައްޔިތުންނަށްޓަކައި ޓްރަމްޕަށްވުރެ ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިނުވާ ކަމަށެވެ. އަދި ވަޒީފާ އުފެއްދުމަށާއި، އިންފްލޭޝަން ދަށްކުރުމަށާއި، ބޯހިޔާވަހިކަމުގެ އަގުތައް ހެޔޮކުރުމަށް ރައީސް ޓްރަމްޕް ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާންމުކޮށް އެމެރިކާގެ އިންތިޚާބުތަކުގެ ނަތީޖާ ކަނޑައެޅުމުގައި އިގްތިސާދީ ހާލަތު ބޮޑު ދައުރެއް ކުޅޭއިރު، މިހާރު ފެންނަމުންދާ އިގްތިސާދީ މާޔޫސްކަމުގެ ސަބަބުން ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިޚާބުގައި ވެރިކަންކުރާ ޕާޓީއަށް ބޮޑެތި ސިޔާސީ ނަތީޖާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.






