ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ރަން ވަނަތަކެއް

މަތީ ސާނަވީ އަދި ސާނަވީ އިމްތިޙާނުތަކުން މުޅި ދުނިޔެއާއި ރާއްޖެއިން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު" މި މަހުގެ 11 އަދި 12 ވަނަ ދުވަހު ވަނީ ކުލަގަދަ ގޮތެއްގައި ބާއްވާފައެވެ. ޖުމްލަ ފަސް ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި، ޤައުމީ ގަދަ 10 އެއްގައި ހިމެނުނު އެތައް ދަރިވަރުންނަކަށް ވަނީ އެވޯޑާއި، ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މިފަހަރުގެ ރަސްމިއްޔާތުގައި އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، އެޑެކްސެލްގެ އައުޓް ސްޓޭންޑިންގ ޕިއަރސަން ލާރނާސް އެވޯޑް ހާސިލުކުރި ހަތަރު ދަރިވަރުންނަށެވެ. މަތީ ސާނަވީގެ އެކި މާއްދާތަކުން ރާއްޖެއާއި މުޅި ދުނިޔެއިން އެއްވަނަ ހޯދި މި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މި ޝަރަފުވެރި އެވޯޑު ހޯދި ދަރިވަރުންނަކީ، ސީއެޗްއެސްއީގެ ޢަލީ މާއިޒު މުފީދު (އިކޮނޮމިކްސް)، ލީން އަހްމަދު ޠޯރިގު (ބިޒްނަސް)، ނިޝްޔާ ވަހީދު (ބިޒްނަސް) އަދި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބާ އަޙްމަދު ޢަލީ (ކެމިސްޓްރީ) އެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް މިފަހަރު ހަތް ދަރިވަރުންނަށް ވަނީ ލިބިފައެވެ. ފަސް މާއްދާއިން 'އޭ ސްޓަރ' ހޯދައިގެން މި ޝަރަފު ހޯދި ދަރިވަރުންގެ ތެރޭގައި ހިމެނެނީ، ސީއެޗްއެސްއީ ހުޅުމާލޭގެ ހަތަރު ދަރިވަރުންނާއި، ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރަކާއި، އަރަބިއްޔާ ސްކޫލުގެ ދަރިވަރެއްގެ އިތުރުން ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރެކެވެ.

ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުން ވަނީ ދިވެއްސާއި އިސްލާމް ހިމެނޭހެން ހުރިހާ މާއްދާއަކުން އެންމެ މަތީ ނަތީޖާ ހޯދާފައެވެ. މިއީ، ދިވެހިވަންތަކަމާއި ދީނީ ޢިލްމުގެ ތެރެއިންވެސް ދިވެހި ދަރިންނަކީ ކުޅަދާނަ ބައެއްކަން ސާބިތުކޮށްދިން ކަމެކެވެ.

ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާއަށް ބަލާއިރު، އެކި މާއްދާތަކުން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ހާސިލުކޮށްގެން 67 ދަރިވަރުން ވަނީ، އައުޓްސްޓޭންޑިންގ ކެމްބްރިޖް ލާރނާސް އެވޯޑް ހާސިލުކޮށްފައެވެ. މީގެ އިތުރުން 2025 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުތަކުން 23 ދަރިވަރުން މުޅި ރާއްޖެއިން އެއްވަނަ ހޯދާފައިވާކަން ފާހަގަކުރެވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވަނީ، މަތީ ސާނަވީގެ މުހިންމުކަން ދަރިވަރުންނަށް އޮޅުންފިލުވައިދީ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކާއެކު، މިހާރު 48 އިންސައްތަ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުންދާކަން ފާހަގަކުރައްވާފައެވެ.

އަދި އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން، މާލޭގައި ވޮކޭޝަނަލް ހައިސްކޫލެއް އުފައްދައި، އެތަނަށް ބޭނުންވާ އައު އިމާރާތް އެޅުމުގެ މަސައްކަތް އޮގަސްޓް މަހު ހަވާލުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިފަދަ ފުރުޞަތުތައް ފުޅާވުމުން، ގްރޭޑް 10 ނިންމާ ގިނަ ދަރިވަރުންނަށް މަތީ ސާނަވީގެ ތެރެއިން އެކި ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ހިއްސާ ކުރައްވާ!