އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާ ހޮޅި އިންޒާރުތަކަށް ރައްދުދެއްވަމުން، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤްޗީ ވިދާޅުވީ، އިރާނާ ދެކޮޅަށް ހިންގާ ކޮންމެ ފަދަ ޢުދުވާނަކަށްވެސް ވަރުގަދަ އަދި ފަނާކުރަނިވި ރައްދެއް ދެވޭނެ ކަމަށެވެ. އިރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢިރާޤްޗީ އަނެއްކާވެސް ވަނީ، އެ ޤައުމުގެ ބިމަށް ދޭ ކޮންމެ ޙަމަލާއަކަށް ރައްދުދޭނެކަން ސާފުކޮށްދެއްވާފައެވެ.
ސޯޝަލް މީޑިއާގައި ޢާންމުކުރެއްވި ބަޔާނެއްގައި އަރަގްޗީ ވިދާޅުވީ، "އިރާނަށް ނުވަތަ އެ ޤައުމުގެ އަސާސީ ވަސީލަތްތަކަށް އަމާޒުކޮށްދޭ ކޮންމެ ފަދަ ޢުދުވާނަކަށްވެސް ވަރުގަދަ އަދި ނިންމާލަނިވި ރައްދެއް ދެވޭނެ،" ކަމަށެވެ. އަދި "މިފަދަ ޢުދުވާނަކަށް ކޮންމެ ސިފައެއްގައި އެހީތެރިވެދޭ ހުރިހާ ފަރާތްތަކަކީ ވެސް ރައްދު ހަމަލަ ދިނުން ސައްހަ ހުއްދަ އަމާޒު ތަކެއްގެ ގޮތުގައި އިރާނުން ބަލާނެ،" ކަމަށް 'އެކްސް' ގައި ޢައްބާސް ޢަރާޤްޗީ ލިޔުއްވާފައިވެއެވެ.
ޓްރަމްޕް ދަނީ އީރާނަށް ހަމަލަ ދިނުން ތަކުރާރުކޮށް އިތުރަށް އިންޒާރުތައް ދެމުންނެވެ. ޓްރަމްޕް އަމާޒު ހިފާފައި ވަނީ އީރާން ނައްތާލާ ށެވެ. އެމެރިކާއިން އީރާނަށް ނިއުކްލިއަރ ހަމަލައެއް ނުދޭނެ ކަމަކަށް ނުބެލެވެއެވެ. އެމެރިކާއަކީ މީގެ ކުރިން ޖަޕާނަށް ނިއުކްލިއަރ ހަމަލަ ދިން ގައުމެވެ. ނަމަވެސް އީރާނުން ބުނެފައި ވަނީ އީރާނަށް ގަނާ ކުރާނަމަ އެމެރިކާ ގައުމީ ފެންވަރުގައި ހިތާމަ ކުރަން ޖެހޭފަދަ ކަމެއް މެދުވެރި ވެދާނެ ކަމަށެވެ. އެކަމުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.
އެމެރިކާއިން މި ފަހުން ގައުމީ ފެންވަރުގައި ހިތާމަ ފާޅުކޮށްފައި ވަނީ 11 ސެޕްޓެމްބަރު ގައި މަތިންދާބޯޓު ނިއުޔޯކްގެ ދެ ޓަވަރަށް ވަނުމަށްފަހު އެތަންތަން ގޮއްވާލި ހާދިސާގައެވެ.
އީރާނަށް އިންޒާރު ދިނުމަކީ މިހާރު ޓްރަމްޕްގެ ކޮންމެ ދުވަހެއްގެ އާދައެކެވެ. އީރާނާ ހަނގުރާމަ ކުރުމަށް އެމެރިކާ ކޮންގްރެސްއިން ވަނީ 1 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއްވެސް ފާސްކޮށްފައެވެ. މިހާތަނަށް މި ހަނގުރާމައަށް 37 ބިލިއަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
މި އަދަދު އަންދާސާ ކުރާނަމަ މިއީ ދުނިޔޭގެ އާބާދީގެ ކޮންމެ މީހަކަށް 5 ޑޮލަރު މަގުން ކޮށްފައިވާ ހޭދައެކެވެ. އަދި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާނަމަ މިއީ ރާއްޖޭގެ 5 އަހަރުގެ ގައުމީ އުފެއްދުންތެރިކަމާ އެއްވަރުގެ އަދަދެކެވެ.
ޓްރަމްޕްގެ ހޮޅި އިންޒާރުތަކަށް ރައްދުދެމުން، އިރާނުގެ ނިއުސް އެޖެންސީއާ ވާހަކަ ދައްކަވަމުން އިރާނުގެ އަސްކަރީ އޮފިޝަލެއް ވިދާޅުވީ، އެމެރިކާއިން އިރާނުގެ ކޮންމެ ބްރިޖަކަށް ނުވަތަ ކަރަންޓު އުފައްދާ މަރުކަޒަކަށް ޙަމަލާދީފިނަމަ، އެމެރިކާގެ މަޞްލަޙަތުތައް ހުރި ސަރަޙައްދުތަކުގައިވާ ސަރަޙައްދީ އަސާސީ ވަސީލަތްތަކަށާއި، ބްރިޖުތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކަށް އިރާނުންވެސް ޙަމަލާދޭނެ ކަމަށެވެ.



