ޕާކިސްތާނުގެ އުތުރުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސްގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީންނާ ދެކޮޅަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގާ އޮޕަރޭޝަންތައް ވަރަށް ބޮޑަށް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން، ގާނޫނީ އެއްވެސް ލިޔެކިޔުމެއް ނެތި ދިރިއުޅޭ ކަމަށް ބުނާ، ރެފިއުޖީންގެ ގެދޮރު ތަޅާލުމާއި، ޗެކްޕޮއިންޓުތައް ހަދައިގެން މީހުންގެ ލިޔެކިޔުންތައް ބެލުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފްރާންސް ޕްރެސް އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެޝާވަރު ކައިރީގައި އޮންނަ މަޓާނީ ކިޔާ އަފްޣާނިސްތާނުގެ ރެފިއުޖީން ދިރިއުޅޭ ސަރަހައްދުގައި ހުރި ގިނަ ގެތަކެއް ކަމާބެހޭ ފަރާތްތަކުން ވަނީ ތަޅާލާފައެވެ. މިއީ ގައުމުގައި ތިބި ގާނޫނީ ލިޔެކިޔުން ނެތް މީހުން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމަށް ޕާކިސްތާނު ސަރުކާރުން ފަށާފައިވާ ފުޅާ ކެމްޕޭނެއްގެ ދަށުން ހިންގާ ހަރަކާތްތަކެކެވެ. މި ސަރަހައްދުގައި އެކަނިވެސް 200 އަށްވުރެ ގިނަ ގެ ހުރިއިރު، އޭގެ ތެރެއިން ގިނަ ގެތައް މިހާރުވަނީ ބިމާ ހަމަކޮށްލާފައެވެ.
ގެދޮރު ތަޅާލުމުގެ ސަބަބުން ހާލުގައި ޖެހުނު ރެފިއުޖީން ބުނާގޮތުގައި، އެމީހުންގެ އަމިއްލަ މުދަލާއި ޒަރޫރީ ތަކެތި ނަގަންވެސް ފުރުސަތު ދީފައެއް ނުވެއެވެ. އުމުރުން 50 އަހަރުގެ ނަޖީބު ރަހްމާން ނަމަކަށް ކިޔާ މީހަކު ބުނިގޮތުގައި، އޭނާގެ ބައްޕަގެ ބޭހާއި ކުދިންގެ ސްކޫލު ސެޓުފިކެޓުތައް ފަދަ މުހިންމު ތަކެތި ނެގުމުގެ ފުރުސަތުވެސް އޮފިޝަލުން ނުދިނެވެ. އަދި ގެއިން އެއްޗެއް ނުނެގި ނަމަވެސް ގެދޮރު ތަޅާލަން އަންގާފައިވާ ކަމަށް އޭނާ ކިޔައިދީފައިވެއެވެ.
ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓްރީން ޖޫން މަހު ނެރުނު އަމުރަކާ ގުޅިގެން، ޖުލައި 10 ވަނަ ދުވަހުން ފެށިގެން ވީސާއެއް ނެތި އުޅޭ އަފްޣާނިސްތާނުގެ ރައްޔިތުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އދގެ ތަފާސްހިސާބުން ދައްކާގޮތުގައި ޖުލައި މަހުގެ ކުރީކޅު އެކަނިވެސް އެތައް ހާސް އަފްޣާނިސްތާނުގެ ރައްޔިތުން ވަނީ ޕާކިސްތާނުން އަނބުރާ ގައުމަށް ގޮސްފައެވެ.
ޕާކިސްތާނުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފެށި އަފްޣާން މީހުން ބޭރުކުރުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 2.4 މިލިއަނަށްވުރެ ގިނަ އަފްޣާނިސްތާނުގެ ރައްޔިތުން ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ. ނުވަތަ ބޭރުކޮށްލެވިފައެވެ. ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުންނާއި އދ އިން ވަނީ މިފަދަ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އަފްޣާނިސްތާނަށް އިތުރު އިންސާނީ ކާރިސާއަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރުދީފައެވެ.




