ބަލުޗިސްތާންގެ ޓެރަރިޒަމްގެ މައްސަލަ އަދިވެސް ހައްލު ނުކުރެވޭ

ޕާކިސްތާނުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަށް އެ ގައުމުގެ ބަލުޗިސްތާން ޕްރޮވިންސްގައި އުފެދިފައިވާ ސަލާމަތީ އަދި ސިޔާސީ ހަމަނުޖެހުންތައް ކޮންޓްރޯލު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޕާކިސްތާން މީޑިއާ ފާހަގަކުރެއެވެ. ބަލުޗިސްތާންގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތްތަކާއި ޓެރަރިސްޓުންނާއި ބާޣީ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުގެ ނުފޫޒު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ކާމިޔާބުވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބަޔާންކުރާގޮތުގައި، ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން ބަލުޗިސްތާންގައި ހިންގާ އޮޕަރޭޝަންތަކާއި އަސްކަރީ ހަރަކާތްތަކުން އެކަށީގެންވާ ނަތީޖާއެއް ނުނުކުތުމުގެ ސަބަބުން، އަސްކަރީ އިސްވެރިންނަށް ވަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލާންޖެހިފައެވެ. އަދި ހަނގުރާމަވެރިންގެ ހަމަލާތައް ހުއްޓުވުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ވެރިންނަށް ވަނީ މުވައްޒަފުންނާއި ކޮމާންޑަރުންނަށް ހަރުކަށި އިންޒާރުތައް ވެސް ދޭންޖެހިފައެވެ.

މި މައްސަލައިގައި ހަމައެކަނި އަސްކަރީ ބާރު ބޭނުންކުރުމުގެ ބަދަލުގައި، ސިޔާސީ މަޝްވަރާތަކާއި، އިގުތިސާދީ އިސްލާހުތައް ގެނައުމާއި، އަދި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން މުހިންމު ކަމަށް މީޑިއާގައި އެކި ފަރާތްތަކުން ޚީޔާލު ފާޅު ކުރެއެވެ. ބަލުޗިސްތާންގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަމާއި އިގުތިސާދީ ގޮތުން ފަހަތަށްޖެހިފައިވުމުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!