ދުނިޔޭގެ ފެންވަރުގައި ނާޒުކު މައުދަންތަކާއި މަދުން ފެންނަ މައުދަންތައް އުފެއްދުމާއި ސަޕްލައިކުރުމުގެ ދާއިރާގައި ޗައިނާއިން ގެންގުޅޭ ސިޔާސަތުތައް ބައްޓަންވަމުންދާ ގޮތް ވަރަށް ބޮޑަށް ބަދަލުވަމުންދާ ކަމަށް މާހިރުން ފާހަގަކުރެއެވެ. ޗައިނާއަކީ މިހާރު ހަމައެކަނި އެ ގައުމުގެ އެތެރޭގައި ރެއާ އާތު އުފެއްދުން މަތިކުރާ ގައުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެ އުނދަގޫ ސިނާއަތުގައި ވާދަކުރުމަށް ބޭނުންވާ ޓެކްނޮލޮޖީއާއި، ފަންނީ މީހުންނާއި، އަދި ބާޒާރަށް ވަނުމުގެ ފުރުސަތު ލިބޭނީ ކޮން ގައުމުތަކަކަށް ކަން ކަނޑައަޅަނީވެސް ޗައިނާއިންނެވެ. މި ކަމުގެ ޒަރީއާއިން މުޅި ދުނިޔޭގެ މި ސިނާއަތް ޗައިނާއިން ކޮންޓްރޯލްކުރުމެވެ.
މިކަމުގައި މެލޭޝިއާއާއި އިންޑޮނޭޝިއާ ވެގެންދަނީ މައިގަނޑު ދެ ޓެސްޓް ކޭސް އަށް ކަމަށް ކްރިޓިކްލް މައިނަރަލްސް އިންސްޓިޓިއުޓްގެ ކޯ-ޗެއާމަން ޖެކް ލިފްޓަން ވިދާޅުވެފައިވެއެވެ.
ޗައިނާއާއެކު މެލޭޝިއާގައި ހިންގާ މަސައްކަތްތަކަކީ ހަގީގީ އަދި ސިއްރުވެރިކަމުގެ ގޮތުން ނުހަނު މުހިންމު މަސައްކަތެއް ކަމަށް ފެނެއެވެ. ޗައިނާއިން ވަނީ މެލޭޝިއާއަށް ރެއާ އާތު ޕްރޮސެސްކުރުމުގެ ޓެކްނޮލޮޖީއާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް، އެ އެއްބާރުލުން ދެވޭނީ ދައުލަތާ ގުޅުންހުރި ކުންފުނިތަކެއްގެ ތެރެއިންކަމަށް ޝަރުތުކޮށްފައިވެއެވެ. ފަހުން އާންމުވި ރިޕޯޓުތަކުން އެނގުނުގޮތުގައި މެލޭޝިއާގެ މާލީ ފަންޑާއި ޗައިނާއާ ދެމެދު މެލޭޝިއާގެ ރެއާ އާތު ރިފައިނަރީއަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށްދިޔައެވެ.
މިފަދަ ޝަރުތުތަކުން ދައްކުވައިދެ ޗައިނާގެ ފިޔަވަޅު ތަކަކީ އާދައިގެ ވިޔަފާރި މުއާމަލާތެއް ނޫން ކަމެވެ. އެއީ ސަރުކާރުން ބަލަހައްޓައިގެން ކުރިއަށް ގެންދާ ސިނާއީ ގުޅުމެކެވެ. ޗައިނާއިން ބޭނުންވަނީ ބަދަލުކުރެވޭ ޓެކްނޮލޮޖީއާއި، ފޮނުވާ ޗައިނާގެ ފަންނީ މީހުންނާއި، ފޯރުކޮށްދޭ ސާމާނާއި، އުފައްދާ އުފެއްދުންތަކާއި އަދި އެންމެ ފަހުން ޚިދުމަތްލިބޭ ފަރާތްތައް ކޮންޓްރޯލްކުރުމަށެވެ. މީގެއިތުރުން އެންމެ މުހިންމު ކަމަކީ މެލޭޝިއާގެ އޮޕަރޭޝަން މުސްތަގުބަލުގައި ބަދަލެއް ގެނައުމެވެ.
މެލޭޝިއާއަކީ އެ ގައުމުގައި މައުދަންތައް ވަކިކޮށް ހިންގާ ބޮޑު ސެޕަރޭޝަން އޮޕަރޭޝަނެއް އޮތުމާއި، އަދި އިތުރު މައިނިންގް އާއި މެގްނެޓް އުފެއްދުމުގެ ގާބިލުކަން ތަރައްގީކުރަމުންދާތީ ވަރަށް ޝައުގުވެރި ގައުމެކެވެ.
މެލޭޝިއާއިން ވަނީ ޕްރޮސެސް ނުކުރާ މައުދަން ބޭރުކުރުން މަނާކޮށްފައެވެ. ނަމަވެސް އެ ގައުމުން ވަނީ ޗައިނާއާއި އަދި ޗައިނާ ނޫން އެހެން ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށްވެސް މަރުޚަބާ ކިޔާފައެވެ.
އިންޑޮނޭޝިއާގެ ހާލަތު މެލޭޝިއާއާ ތަފާތެވެ. އެ ގައުމުން ރެއާ އާތު ވަސީލަތްތައް ތަރައްގީކުރަން ބޭނުންވާކަމުގެ ހެކިތައް ފެނުނު ނަމަވެސް، ޗައިނާއިން އެ ގައުމުގައި ޚާއްސަ ރެއާ އާތު ސެޕަރޭޝަން ނުވަތަ މެގްނެޓް މަޝްރޫއެއް ފަށާފައިވާކަމުގެ ސާފު ހެކިތައް އަދި ފެންނާކަށް ނެތެވެ. އިންޑޮނޭޝިއާއިން ވަނީ ރެއާ އާތު ހިމެނޭ ސަރަހައްދުތަކެއް ފާހަގަކޮށްފައެވެ. އަދި އާ ދައުލަތުގެ އިދާރާއެއް މެދުވެރިކޮށް މިކަން ބެލެހެއްޓުން ވަނީ ހަވާލުކޮށްފައެވެ.
އިންޑޮނޭޝިއާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމަށް ރެއާ އާތު ޕްރޮސެސްކުރުމުގެ މަސައްކަތް ދަސްކުރަންޖެހެއެވެ. އެގޮތުން ޗައިނާއާއި ޖަޕާނާއި އަދި ދެކުނު ކޮރެއާއަކީ އެކަން ދަސްކުރާނެ ގައުމުތައް ކަމަށް އިންޑޮނޭޝިއާއިން ފާހަގަކޮށްފައިވެއެވެ. އެ ގައުމުގެ ސަރުކާރުން ވަނީ ރެއާ އާތު ދިރާސާކުރުމާއި ޕްރޮސެސްކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތަކަށް ތަކުރާރުކޮށް ދައުވަތު ދީފައެވެ.
ޗައިނާއިން އިންޑޮނޭޝިއާގައި ނިކަލް، ބެޓަރީ އަދި އުމްރާނީ ވަސީލަތްތަކުގެ ދާއިރާގައި ވަރުގަދަ މަގާމެއް މިހާރުވެސް ހޯދާފައިވެއެވެ. ރެއާ އާތު މައްސަލަތައް މިހާރު ހުރި ޗައިނާ އިންޑޮނޭޝިއާ ސިނާއީ އޮނިގަނޑާ ގުޅުވާލެވިދާނެއެވެ. ޗައިނާއިން ކެތްތެރިކަމާއެކު އިންޑޮނޭޝިއާގެ ދައުލަތުގެ ކުންފުނިތަކުން ހިންގާ ދިރާސާތައް ބަލަމުންދާނެއެވެ. އަދި ފައިދާހުރި ވަސީލަތެއް ފެނުމުން ހެޔޮއަގުގައި ޕްރޮސެސްކުރާ އާލާތްތަކާއި، މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.






