މިއަދު ދިވެހިރާއްޖޭގެ ޢިލްމީ އުދަރެހުން ފެންނަން ހުރި އެންމެ އުޖާލާ އެއް ތަރިއަކީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ އެވެ. އެމަނިކުފާނަށް 'ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން' (ނ.ޢ.ޢ.ވ.) މިއަދު އެރުވުމަކީ، ޙައްޤުވެރި ފަރާތަށް ލިބުނު ފުރިހަމަ ޝަރަފެކެވެ. އެމަނިކުފާނުގެ އަރިހުން ފިލާވަޅުތައް ޙާޞިލުކުރި ކޮންމެ ދަރިވަރަކުވެސް ހެކިވާނެ ފަދައިން، ކޮންމެ ފަންނެއްގައި މިއަދު ޚިދުމަތް ކުރާ އިންޖިނިއަރެއް ޑޮކްޓަރެއް އުސްތާޒެއް ނުވަތަ ޝެއިޚެއް ހުރިނަމަ، އެމީހަކީ ޔަޤީނުންވެސް އިބްރާހީމް ރަޝީދު މޫސާގެ ދަރިވަރެކެވެ.
މުރައްބީއެއްގެ ސިފަ
އޭނާއަކީ ހަމައެކަނި އުގަންނައިދެއްވި މުދައްރިސެއް ނޫނެވެ. އެއީ މި ޖީލުގެ މުރައްބީއެވެ. އުގަންނައި ދިނުމުގެ އިތުރުން، ފޮތްތެރިކަމަށް ކުދިން ޝައުޤުވެރިކުރުވުމުގައި އޭނާ އަދާކުރެއްވީ ޚާއްޞަ ދައުރެކެވެ. ފާރު ނޫހާއި މަޖައްލާތަކުން ފެށިގެން ގޮސް، ފޮތް ކިޔުމުގެ ދާއިރާއިން އެތައް ޒުވާނުންނެއް އޭނާ ބިނާކޮށްދެއްވިއެވެ. ކޮންމެ މީހަކަށްވެސް އޭނާ ވީ ޚާއްޞަ މުރުޝިދަކަށާއި ގައިޑަކަށެވެ. ލޯބިން އެކުވެރިން "ޕިރާޑް"ގެ ނަން އޭނާއަށް ދިނެވެ.
ޢިލްމީ ދަތުރު
ރ. އަތޮޅު އުނގޫފާރަށް އުފަން، މި ސާދާ ބޭފުޅާ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ބެޗެލަރ އޮފް ސައިންސް ހާސިލު ކުރެއްވީ މެތެމެޓިކްސްގެ ދާއިރާއިންނެވެ. ހިސާބު އިލްމަށް މޮޅު ބޭފުޅެކެވެ. އަދި، ދީނީ ތަޢުލީމާއި، ނޫސްވެރިކަމާއި، ލިޔުންތެރިކަމާއި، ވަގުތުން ތަރުޖަމާކުރުމުގެ ދާއިރާގައި އެމަނިކުފާނު ފާހަގަކުރެވުނީ ފުންނާބު އުސް ބޭފުޅެއްގެ ގޮތުގައެވެ.
އެމަނިކުފާނުގެ މުތާލިއާ ކުރުމުގެ އާދައާމެދު، އެކުގައި ކިޔެވި ބޭފުޅުން ވިދާޅުވަނީ، ޤާހިރާގެ މަދީނަތުލްބުޢޫޘް (ފޮރިން ސްޓޫޑެންޓްސް ސިޓީ)ގައި އޭނާ ދިރިއުޅުއްވި ޢިމާރާތުގެ ޓެރަސް މަތީގައި ފޮތް މުތާލިއާ ކުރައްވަމުން ހިންގަވާ މަންޒަރު އަދިވެސް ހަނދާނުގައި ހުންނަ ކަމަށެވެ. އޭނާ ފޮތް މުތާލިއާ ކުރައްވަމުން ހިންގެވި މަގު، އެ ޢިމާރާތުގެ ޓެރަސްގައި އަދިވެސް ފެންނާން އެބަ ހުއްޓެވެ.
މަޢުހަދުގެ ބާނީ
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު، ރާއްޖޭގައި އުފެއްދެވި 'މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ' އުފެއްދެވުމުގައި އިބްރާހީމް ރަޝީދުގެ ޙިއްޞާ ވަރަށް ބޮޑެވެ. މަޢުހަދު ހިންގެވުމާ ޙަވާލުވެވަޑައިގެން، ފަށާތަޢުލީމުން ފެށިގެން މަތީ ސާނަވީއާ ހަމައަށް ޢަރަބިބަހުން ކިޔަވައިދިނުން ފުޅާކުރެއްވިއެވެ. އެއީ މިހާރުގެ އިސްލާމީ ޔުނިވަރސިޓީގެ ފީޑަރ އިންސްޓިއުޓެވެ. އަދި އިބްރާހީމް ރަޝީދު އެތަން ހިންގެވިއިރު އެއީ މެދުމިނުގެ އިސްލާމީ ތައުލީމުގެ ދަންމަރެކެވެ.
ރާއްޖެ ބަދަލުވަމުން ދިޔަ ފައްތަރެއްގައި ސިޔާސީ އޮއިވަރެއްގައި، ބަޔަކު މީހުން ނިކުމެ އެމަނިކުފާނާ ދެކޮޅަށް ރޭވުންތައް ރާވައި، އޭނާ ބިނާކުރެއްވި މުއައްސަސާއިން ހަސަދަވެރިކަމާއެކު އޭނާ ބޭރުކޮށްލިއެވެ. އިބްރާހީމް ރަޝީދާ މެދު އެއިރު ކަން ކުރީ ވަރަށް އިހާނެތިކޮށެވެ. ނަމަވެސް، އެމަނިކުފާނުގެ އުސޫލުތަކުގައި ހިފެހެއްޓެވިއެވެ. ޤައުމި ޚިދުމަތަކުން ދުރަށް ވަޑައެއް ނުގެންނެވައެވެ. އަދި އަމިއްލަ ގޮތްތަކުގައި ހުންނެވީ ވަރަށް ސާބިތުކަމާއެކުއެވެ.
ޚިދުމަތުގެ ދިގު ރާސްތާ
43އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވި އިރު، 11 ފޮތް ތަރުޖަމާކުރައްވައި، 50 އަށްވުރެ ގިނަ ފޮތް ލިޔުއްވިއެވެ. "ޤުރްއާން ކިޔަވަން ދަސްކުރަމާތޯ" ގެ (365 ޕްރޮގްރާމް) އާއި، "ޤުރްއާނާއި ސައެންސް" އަދި "މުޙައްމަދު ރަސޫލު ﷲ" ސިލްސިލާ ފަދަ އެތައް މަސައްކަތެއް ޤައުމީ ފެންވަރުގައި ކުރެއްވިއެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ، ނޫސްވެރިކަމުގެ ރޮނގުންވެސް ޚާއްޞަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ތަފާތު މަޖައްލާތަކާއި ނޫސްތަކުގެ މަސްއޫލުވެރިކަމުގެ އިތުރުން، ސެކްރެޓެރީކަމާއި، މުޤައްރިރުކަންވެސް ކުރައްވައިފައި ވެއެވެ. "އަމާޒު" މަޖައްލާއަށާއި، "ފަތްތޫރަ" މަޖައްލާއަށާއި، އަދި އެހެނިހެން މަޖައްލާތަކަށްވެސް އެކިއެކި ލިޔުންތައް ލިޔުއްވަމުން ގެންދެވިއެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، 2018 ވަނަ އަހަރު ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އެމަނިކުފާނު ހުންނެވީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ރައީސްގެ މަގާމުގައެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން" (ނ.ޢ.ޢ.ވ.) އަރުވައިފައެވެ. މިއީ އެމަނިކުފާނު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ ބަދަލުގައި ދެއްވި ޝަރަފެކެވެ.
އެމަނިކުފާނަކީ ސާދާ ބޭފުޅެކެވެ. އެންމެނާވެސް ހިނިތުންވުމާއެކު ބައްދަލުކުރެއްވި ނަމަވެސް، އެމަނިކުފާނުގެ އުސޫލުތަކުގައި ސާބިތު ބޭފުޅެކެވެ. އިބްރާހީމް ރަޝީދު މޫސާއަކީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ އުސްތާޒުންގެ ތެރެއިން ޚާއްޞަ ނަމެކެވެ.
އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ ޤައުމު ދެކެ ލޯބިވާ، އަދި އެ ލޯބި ޢިލްމީ ޚިދުމަތުން ދައްކުވައިދެއްވި މަތިވެރި އިންސާނެކެވެ. މިއަދު އެމަނިކުފާނަށް ލިބުނު މި ޢިއްޒަތަކީ، އެމަނިކުފާނުގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ.







