އީރާނަށް ބޮން އެޅުމުގައި ކުވެއިތު ބައިވެރިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

އީރާނާ ދެކޮޅަށް ހިންގި އަސްކަރީ ހަމަލާތަކެއްގައި ކުވޭތުން ބައިވެރިވިކަމަށް އެމެރިކާގެ މީޑިއާގައި ފަތުރާފައިވާ ޚަބަރުތައް ކުވޭތު ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ދޮގުކޮށްފިއެވެ. އެޤައުމުން ބުނީ އެފަދަ އެއްވެސް ވާހަކައަކީ އެއްވެސް އަސްލެއް ހުރި ވާހަކައެއް ނޫން ކަމަށެވެ.

ކުވޭތުގެ ރަސްމީ ނިއުސް އެޖެންސީ (ކޫނާ) އިން ރިޕޯޓުކުރާ ގޮތުގައި، އެމެރިކާގައި ހުންނަވާ ކުވޭތުގެ ސަފީރު ޝެއިޚާ އައްޒައިން އައްސަބާހް ވަނީ 'ވޯލް ސްޓްރީޓް ޖާނަލް' ގެ އެޑިޓަރުންނަށް ރަސްމީ ސިޓީއެއް ފޮނުއްވައިފައެވެ. އެ ސިޓީގައި ވިދާޅުވީ، ޖުލައި 24 ވީ ބުރާސްފަތި ދުވަހު އެ ނޫހުގައި "ބަހުރޭނާއި ކުވޭތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އީރާނަށް ހަމަލާދީފި" މި ސުރުޚީގެ ދަށުން ޝާއިއުކުރި ރިޕޯޓަކީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެއް ކަމަށެވެ.

ސަފީރުގެ ބަޔާން:

ކުވޭތުގެ ސަފީރު ޔަގީންކޮށްދެއްވި ގޮތުގައި، އީރާނާ ދެކޮޅަށް ހިންގި އެއްވެސް އަސްކަރީ އޮޕަރޭޝަނެއްގައި ކުވޭތުން ބައިވެރިވެފައި ނުވާނެއެވެ. އަދި އީރާނާ ދެކޮޅަށް ހަމަލާ ދިނުމަށް ކުވޭތުގެ ބިމުގެ ސަރަހައްދެއް، ވައިގެ ސަރަހައްދެއް، ނުވަތަ ކަނޑުގެ ސަރަހައްދެއް އެއްވެސް ފަރާތަކަށް ބޭނުންކުރަން ހުއްދަ ދީފައި ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުވޭތުގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ ބައިނަލްއަޤްވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމާއި، ގައުމުތަކުގެ ސިޔާދަތު ހިފެހެއްޓުމާއި، އަވަށްޓެރި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރުމާއި، އަދި ޑިޕްލޮމެޓިކް މަޝްވަރާތަކުގެ ތެރެއިން މައްސަލަތައް ހައްލުކުރުމުގެ މައްޗަށް،" ސަފީރު ފާހަގަކުރެއްވިއެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓު:

’ވޯލް ސްޓްރީޓް ޖާނަލް' އިން ރިޕޯޓުކޮށްފައިވަނީ، އީރާނުގެ ބައެއް ސަރަހައްދުތަކަށް ބަހުރޭނާއި ކުވޭތުން ސިއްރިޔާތުގައި ހަނގުރާމަމަތީ މަތިންދާބޯޓު ފޮނުވައިގެން ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި އީރާނުގެ ޑްރޯން އަދި މިސައިލް ގުދަންތަކަކަށް އަމާޒުކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

ނަމަވެސް، ކުވޭތުން ވަނީ މި ވާހަކަތައް މުޅިން ދޮގުކޮށް، މިފަދަ ދޮގު ހަބަރުތައް ފެތުރުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، މި ރިޕޯޓު އަނބުރާ ގެންގޮސް އިސްލާހު ކުރުމަށް އެ ނޫހަށް ގޮވާލައިފައެވެ.

ހިއްސާ ކުރައްވާ!