ކަންގަނާގެ ހަމަލާ އިންޑިއާގެ ކުރަފި ޒުވާނުންނަށް

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ނަމުގައި އިންޑިއާގެ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދާ ވަރުގަދަ އިސްލާހީ ހަރަކާތްތަކާ ދެކޮޅަށް، ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރު އަދި ބޮލީވުޑްގެ އެކްޓްރެސް ކަންގަނާ ރަނައުތު ހަރުކަށި އިބާރާތުން ފާޑުކިޔައިފިއެވެ.

އިންޑިއާގެ ތައުލީމީ ނިޒާމު އިސްލާހުކުރުމަށާއި، މީޓް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި އިންސާފު ހޯދުމަށް "ޖެން-ޒީ" ގެ ދަރިވަރުން ފެށި މި ހަރަކާތަކީ، ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބި، މުޅި ގައުމުގެ ސަމާލުކަން ހޯދާފައިވާ އުންމީދީ ހަރަކާތެކެވެ. މަންދީ ދާއިރާގެ މެންބަރު ކަންގަނާ ރަނައުތު އިންސްޓަގްރާމް މެދުވެރިކޮށް ދެއްވި ރައްދުގައި، ދަރިވަރުން ސޯޝަލް މީޑިއާގައި އާންމުކުރާ ވީޑިއޯތަކަށް ފުރައްސާރަކޮށް، އެއީ ހޮޑުލަވާ ޒާތުގެ މަންޒަރުތަކެއް ކަމަށް ބުނެފައިވެއެވެ. އަދި އެއީ ކޮން ބަޔަކު ވިހާއި ބޮޑުކޮށްފައިވާ ދަރިންތަކެއް ތޯ އޭނާ ސުވާލު ކުރެއްވި އެވެ.

ކަންގަނާ މީޑިއާގައި ފާހަގަކުރި މައިގަނޑު ނުކުތާތައް:

ޒުވާނުންގެ އަޑު ކަނޑުވާލުމުގެ މަސައްކަތް: އިހުތިޖާޖުކުރާ ދަރިވަރުން ބޭނުންކުރާ ބަސްމަގަށާއި ހަރަކާތްތަކަށް ފާޑުކިޔަމުން، "އެކުދިން ބޮޑެތިކުރީ ކިހިނެއްތޯ" ސުވާލުއުފައްދައި، ޒުވާނުންގެ  އުފެއްދުންތެރި އިހުތިޖާޖުތަކުން އޭނާ "ސިއްސައިގެން ގޮސްފައިވާ" ކަމަށް ބުންޏެވެ.

ނަމަށް ފާޑުކިއުން: ސީޖޭޕީގެ "ކޮކްރޯޗް" ނަމަށް މަލާމާތްކޮށް، އެ ކުދިން އުޅެނީ "ގޮނޑެއްގެ ތެރޭގައި" އުޅޭ ކުރަފިތަކެއާ ހެން ކަމަށް ބުނެ ކަންގަނާ ވަނީ ހަރުކަށި ބަސްމަގަކުން ވާހަކަދައްކާފައެވެ.

ކަންގަނާގެ މި ހަރުކަށި ފާޑުކިއުންތައް އައިސްފައިވަނީ، ޒުވާނުން ކުރިއަށްގެންދިޔަ 36 ދުވަހުގެ ވަރުގަދަ އިހުތިޖާޖުގެ ނަތީޖާއެއްގެ ގޮތުން، އިންޑިއާގެ ތައުލީމީ ވަޒީރު ދަރުމެންދުރަ ފްރަދާން އިސްތިއުފާ ދެއްވައި، މަރުކަޒީ ސަރުކާރާއެކު ކާމިޔާބު މަޝްވަރާތަކެއް ބޭއްވުމަށްފަހު، ސީޖޭޕީއިން ވަގުތީގޮތުން އިހުތިޖާޖުތައް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިއުންތަކަށް ބެލުމެއްނެތި، އިންޑިއާގެ ޒުވާނުން ދަނީ އެމީހުންގެ ހައްގުތަކާއި ތައުލީމީ ނިޒާމުގެ ދެފުށްފެންނަކަން ކަށަވަރުކުރުމަށްޓަކައި ސާބިތުކަމާއެކު ވަކާލާތުކުރަމުންނެވެ.

ހިއްސާ ކުރައްވާ!