ފަލަސްތީނުގެ ދިދަ ފެނިގެން އިޓަލީގެ ރެސްޓޯރެންޓަކުން ކާން ޔަހޫދީން ބިރުގަނެއްޖެ

އިޓަލީގެ ޕަޑޯވާ ސިޓީގެ ރެސްޓޯރެންޓެއް ކަމަށްވާ "އޮސްޓީރިއާ ފޯރީ ބޯޓާ" ގެ ކުރިމަތީގައި ފަލަސްތީނުގެ ބޮޑު ދިދައެއް ނަގާފައި ހުރުމުން އެރެސްޓޯރަންޓަށް ކާން އަންނަން އުޅުނު އިޒްރޭލުގެ ގްރޫޕެއް އެމީހުންގެ ރިޒަވޭޝަން ކެންސަލް ކޮށްފިއެވެ.

އިޓަލީގެ ނިއުސް އެޖެންސީތަކުން ރިޕޯޓުކުރާ ގޮތުގައި، ރެސްޓޯރެންޓުގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، ހަ މީހުންނަށް ކެއުމަށް ބުކިން ހެދުމަށްފަހު، ފަހުން އެ މީހުން އެ ބުކިން ކެންސަލްކުރީ ރެސްޓޯރެންޓުގެ ބޭރުގައި ފަލަސްތީނުގެ ދިދަ ނަގާފއި ހުރި ކަން އެނގުމުން ނެވެ.

ބުކިން ހެދި މީހާ ފަހުން ރެސްޓޯރެންޓަށް ގުޅައި ބުނެފައިވަނީ، އޭނާގެ އެކުވެރިއަކު ރެސްޓޯރެންޓް ކުރިމަތިން ދިޔައިރު ފަލަސްތީނުގެ ދިދަ ފެނިފައިވާ ކަމަށާއި، އެއީ އެ މީހުންނަށް، ޚާއްސަކޮށް އެ މީހުންނާއެކު ތިބި އިޒްރޭލުގެ ވަފުދަށް "މައްސަލައަކަށް" ވާ ކަމަށެވެ.

މިކަމާ ގުޅިގެން ރެސްޓޯރެންޓުގެ ވެރިމީހާ ބުނެފައިވަނީ: "އަހަރެމެންގެ ސްޓޭންޑް ހާމަކުރުމަކީ އަހަރެމެންނަށް އެއްވެސް މައްސަލައެއް ނޫން. އަހަރެމެން ފަލަސްތީނުގެ ދިދަ ނެގީ ވަރަށް ޔަގީންކަމާއެކު. މިދިޔަ އަހަރު ވެސް އަހަރެމެން ވަނީ މުޒާހަރާތަކާއި ހަޅުތާލުތަކުގައި ބައިވެރިވެފައި." ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، "އަހަރެމެން މި ތާއީދު ކުރަނީ ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ، އަދި އެތައް ހާސް ކުޑަކުދިންނާއި އާންމުން މަރުވަމުންދާ ރައްޔިތަކަށް. މިކަން ބަޔަކަށް މައްސަލައަކަށް ވާނަމަ، އަހަރެމެން ބުނާނީ: މިތަނަށް ކާން އަންނާނެ ކަމެއް ނެތް." ކަމަށެވެ.

ހިއްސާ ކުރައްވާ!