އާޖެންޓީނާއާ ދެކޮޅަށް އެމްބޯލޯއަށް ދެއްކި ރަތް ކާޑަކީ ގޯސްނިންމުމެއް: އައިއެފްއޭބީ

ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުގައި ސްވިޒަލޭންޑުގެ ފޯވާޑް ބްރީލް އެމްބޯލޯއަށް ދެއްކި ރަތް ކާޑަކީ ދޭން ނުޖެހޭ ކާޑެއް ކަމަށް އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑު އިން ބުނެފިއެވެ.

މެޗުގެ ނަތީޖާ 1-1 ގައި އޮއްވައި، ދެވަނަ ހާފުގައި އެމްބޯލޯއަށް ދެވަނަ ރީނދޫ ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. ކެންސަސް ސިޓީގައި ކުޅުނު މި މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާއިން ދެ ލަނޑު ޖަހައި 3-1 އިން މެޗު ކާމިޔާބު ކުރިއެވެ.

އުމުރުން 29 އަހަރުގެ މި ފޯވާޑް ބިންމައްޗަށް ވެއްޓުނީ އާޖެންޓީނާގެ ލިންޑްރޯ ޕަރެޑޭސް ކުރި ފައުލަކާ ގުޅިގެންނެވެ. މެޗުގެ ރެފްރީ ޕިންހޭރޯ ފުރަތަމަ ރީނދޫ ކާޑު ދެއްކީ ޕަރޭޑޭސްއަށެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ އިން ރެފްރީއަށް އެންގީ ޕަރޭޑޭސް އެއްވެސް ކުށެއް ކޮށްފައި ނުވާ ކަމަށެވެ. އެއާއެކު ރެފްރީ ޕިންހޭރޯ ވަނީ ޕަރޭޑޭސްއަށް ދިން ކާޑު ބާތިލުކޮށް، "ވެއްޓިގެން އުޅޭކަމަށް" ތުހުމަތުކޮށް އެމްބޯލޯއަށް ރީނދޫ ކާޑު ދައްކާފައެވެ.

ފުޓޫބޯޅައިގެ ގަވާއިދުތައް ކަނޑައަޅާ އައިއެފްއޭބީން ބުނީ، ކާޑެއް ދައްކާއިރު ކުޅުންތެރިއަކު އޮޅިގެން ދެވޭ ކާޑު ރަނގަޅުކުރުމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީއަށް ވަދެވިދާނެ ކަމަށެވެ. ނަމަވެސް، ކުރި ފައުލު ނުވަތަ ކުށް މުރާޖައާ ކުރުމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ ބޭނުން ނުކުރެވޭނެ ކަމަށެވެ.

"ދެވަނަ ރީނދޫ ކާޑެއްގެ ގޮތުގައި ނުބެލެވޭ ރީނދޫ ކާޑެއް މުރާޖައާ ކުރެވޭނީ ހަމައެކަނި އެ ކުށް ކުރި ކުޅުންތެރިޔާ ކާކުކަން ކަށަވަރު ކުރުމަށް. އެ ކުށް ކުރިތޯ ބެލުމަށް ނުވަތަ ނިންމުން ބަދަލު ކުރުމަށް އެ ޓެކްނޮލޮޖީ ބޭނުން ނުކުރެވޭނެ،" އއިއެފްއޭބީގެ ބަޔާނުގައިވެއެވެ.

އިތުރަށް ބުނެފައިވަނީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މިފަދަ ހާލަތްތަކުގައި ބޭނުންކުރުން ފާހަގަކުރެވިފައިވާ ކަމަށާއި، ނަމަވެސް މުރާޖައާ ކުރުންތައް ނިމެންދެން އެ ގޮތަށް އަމަލު ކުރުން ހުއްދަ ނޫން ކަމަށެވެ.

ހިއްސާ ކުރައްވާ!