ފީފާ ވާލްޑް ކަޕްގެ ވިޔަފާރި އޮޕަރޭޝަންތަކުން ބައެއް، އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅޭ ވިސްނުމާ ދެކޮޅަށް ނިކުތުމަށް އުތުރާއި މެދުތެރޭ އެމެރިކާ އަދި ކެރީބިއަންގެ ފުޓްބޯޅަ ކޮންފެޑެރޭޝަން (ކޮންކާކާފް) އިން އެއްބަސްވެއްޖެވެ. މިއީ ފީފާގެ މި ރޭވުމަށް ލިބުނު އިތުރު ބޮޑު ނާކާމިޔާބީއެކެވެ.
ކޮންކާކާފްގެ 41 މެންބަރ އެސޯސިއޭޝަނުން އިއްތިފާޤުން އިންފެންޓީނޯއާ ދެކޮޅު ހަދައި މުބާރާތްތައް ބޯއިކޮޓް ކުރަން ނިންމި ނަމަވެސް، ޔޫރަޕްގެ ފުޓްބޯޅަ އިއްތިހާދު (ޔޫއެފާ) އިން ފީފާގެ މި ނިންމުމާ ދެކޮޅަށް މުބާރާތްތައް ބޯއިކޮޓް ކުރަން ނިންމި ނިންމުމުގައި އަދި ސީދާ ބައިވެރިއެއް ނުވެއެވެ.
ކޮންކާކާފްގެ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދަ ބޮޑު ކަމެއް ނިންމުމުގައި ފީފާގެ ކަމާބެހޭ ގަވަރނިންގ ބޮޑީތަކުގެ ހުއްދައާއި ބައިވެރިވުން ހޯދާފައި ނުވާތީއާއި، ކަންކަން ނިންމުމަށް ކުރު މުއްދަތެއް ދީފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި ތާރީޚުގައިވެސް އެންމެ ބޮޑު މާލީ ފައިދާއެއް ހޯދި ވާލްޑް ކަޕަކަށްފަހު، ފުޓްބޯޅަ ތަރައްޤީކުރުމުގެ ފީފާ ފޯވާޑް ޕްރޮގްރާމްތަކަށް ފައިސާ ހޯދަން އަމިއްލަ އިންވެސްޓްމަންޓް ފަންޑުތަކަށް ބަރޯސާވާންޖެހޭ ސަބަބާމެދު ސުވާލު އުފައްދައި، ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށްގެންދިއުމަށް ވަނީ ގޮވާލާފައެވެ.
އިންފަންޓީނޯ ރޭއްވެވީ ވާލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތައް ހިންގުމަށް ވަކި ކުންފުންޏެއް އުފައްދައި، އޭގެ ހިއްސާ އަމިއްލަ ފަންޑުތަކަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް މިކަމާ ދެކޮޅަށް ސިޔާސީ އަދި ފުޓްބޯޅައިގެ ދާއިރާއިން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ކޮންކާކާފްގެ މެންބަރުން ވަނީ ފީފާގެ ވަސީލަތްތަކާއި މިހާރު ހުރި މާލީ ރިޒަރވް ބޭނުންކޮށްގެން ސަރަޙައްދީ ފުޓްބޯޅަ ތަރައްޤީކުރުމަށް ފީފާއަށް ގޮވާލާފައެވެ. އަދި ފުޓްބޯޅައިގެ އެންމެ އަގުހުރި މި ރައުސްމާލު ވިއްކާލުމުގެ ބަދަލުގައި، ފުޓްބޯޅައިގެ މުޅި އާއިލާގެ އަތްމަތީގައި އޭގެ މިލްކުވެރިކަން އޮންނަންޖެހޭނެކަމަށް ބުނެ ބަޔާން ނިންމާލާފައިވެއެވެ.






