އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ޖެނޮސައިޑް ހަނގުރާމައިގެ ތެރޭގައި މުސާރަ ނުލިބި، މާލީ ދަތިކަން އިންތިހާއަށް ބޮޑުވުމާ ގުޅިގެން ޣައްޒާގެ ސަރުކާރު މުވައްޒަފުން އިޙްތިޖާޖަށް ނުކުމެ، ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓާލައިފިއެވެ. ސިވިލް ސަރވިސް އާއި އާންމު މުވައްޒަފުންގެ ޔޫނިއަނުން އިންތިޒާމުކުރި މި އިޙްތިޖާޖުގެ ސަބަބުން ޣައްޒާގެ ދާޚިލީ ވުޒާރާއާއި، ޝަރުޢީ ކޯޓުތައް އަދި ޕާސްޕޯޓާ ބެހޭ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.
ޣައްޒާގެ ގިނަ އަދަދެއްގެ އާންމުން ޚިދުމަތްތައް ހޯދުމަށް އަވީގައި އެތައް ކިލޯމީޓަރެއް ފައިމަގުގައި ކަޑައްތުކޮށްފައި އައި ނަމަވެސް، އޮފީސްތައް ބަންދުކޮށްފައި ހުރުމުން އެނބުރި ދާންޖެހުނީ ބޭނުންވި ޚިދުމަތެއް ނުލިބިއެވެ. ނަމަވެސް، ޚިދުމަތް ހޯދަން އައި އާންމުންގެ ތެރޭގައި ހިމެނޭ ގިނަ މީހުން ވަނީ މުވައްޒަފުންގެ މި ނިންމުމަށް ތާއީދުކޮށް، އެ މީހުންގެ ކަންބޮޑުވުންތައް ބަލައިގަންނަކަމަށް ބުނެފައެވެ. ސަބަބަކީ ހަނގުރާމައިގެ ނުރައްކާތެރި ހާލަތުގައިވެސް ސިއްޙީ، ތަޢުލީމީ އަދި ސަލާމަތީ ދާއިރާގެ މުވައްޒަފުން މެދުކެނޑުމެއްނެތް ޚިދުމަތް ދެމުންދާއިރު، އެ މީހުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭތީއެވެ.
ޕަބްލިކް އެމްޕްލޯއީސް ޔޫނިއަންގެ ތަރުޖަމާނު ޚަލީލް ޙަމާދާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ގާތްގަނޑަކަށް 45،000 މުވައްޒަފުން، މާލީ ކާރިސާއެއްގެ ތެރޭގައި އުޅެމުންދާއިރު، އެ މީހުންގެ މައްޗަށް ބަރޯސާވާ އާއިލާތަކުގެ އާބާދީ 400،000 އަށް އަރައެވެ.
މިއަހަރުގެ ފުރަތަމަ 7 މަސްދުވަހުގެ ތެރޭގައި މުވައްޒަފުންނަށް އެލަވަންސެއްގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 650 އެމެރިކާ ޑޮލަރެވެ. މިއީ ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި އަސާސީ ބޭނުންތައް ފުއްދުމަށްވެސް ނުހަނު މަދު އަދަދެކެވެ.
ޔޫނިއަނުން ފާހަގަކުރި ގޮތުގައި މި އިޙްތިޖާޖުގެ މައިގަނޑު އަމާޒަކީ އާންމުންގެ މަސައްކަތްތަކަށް ހުރަސްއެޅުމެއް ނޫނެވެ. މިއީ ހަމާސްއިން އެކުލަވާލި އިމަރޖެންސީ ކޮމިޓީ މި ޖުލައި މަހުގެ 6 ވަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެން، މިހާރު ޣައްޒާ ހިންގުމާ ހަވާލުވެގެން ތިބި ވަގުތީ ކޮމިޓީއަށް މުވައްޒަފުންގެ ހާލަތު އަންގައިދީ، މުސާރަ ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ބާރުއެޅުމެވެ.





