ސްޕެއިންގެ ބާރުގެ ދަށުގައި އޮންނަ ސަބްތާއަށް މޮރޮކޯއިން ކަނޑުމަގުން އެތެރެވާން އުޅުނު ހިޖުރަވެރިންތަކެއްގެ ތެރެއިން 9 މީހެއްގެ ހަށިގަނޑު ފެނުމާއެކު، އެ ސަރަޙައްދުގައި އިންސާނީ އަދި ސިޔާސީ ކާރިސާއެއް ކުރިމަތިވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ފުލުހުންނަށް އެހީތެރިވުމަށް ސިފައިން ނެރެފައިވާއިރު، އިޓަލީގެ ޚާރިޖީ ވަޒީރު ވަނީ ޔޫރަޕްގެ 'ޝެންގެން' ސަރަޙައްދުން ސްޕެއިން ސަސްޕެންޑް ކުރުމަށް ގޮވާލައްވާފައެވެ.
ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި 1،500 އަށްވުރެ ގިނަ މީހުން ފަތާފައި ސަބްތާއަށް އެތެރެވުމާ ގުޅިގެން، ސްޕެއިންގެ ދާޚިލީ ވުޒާރާއިން ވަނީ ބޯޑަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ހަރަކާތްތެރިވަމުން ދާނެކަން ކަށަވަރުކޮށްދީފައެވެ.
ސަބްތާގެ ގަވަރުނަރު ޚުއާން ޚެސޫސް ވިވާސް ސްޕެއިންގެ ޤައުމީ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ "އިންސާނީ އަދި އިޖުތިމާޢީ ކުއްލި ނުރައްކަލުގެ ހާލަތެއް" ކަމަށެވެ. އަދި މިހާރު މީހުން އެތެރެވަމުންދާ ނިސްބަތުގައި މިކަން ކުރިއަށްދާނަމަ، 2021 ވަނަ އަހަރު ކުރިމަތިވި ފަދަ ބޮޑު ކާރިސާއަކާ އަލުން ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މިއީ 2021 ވަނަ އަހަރު މޮރޮކޯއާއި ސްޕެއިންއާ ދެމެދުގައި އުފެދުނު ސިޔާސީ ނުތަނަވަސްކަމެއްގެ ތެރެއިން 10،000 އެއްހާ މީހުން ސަބްތާއަށް އެތެރެވި ފަހުން، މިހާ ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ އެތެރެވާން މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.
އާންމުންނާ ޙަވާލާދީ ނޫސްތަކުން ބުނާގޮތުގައި، މިހާ ގިނަ ޢަދަދެއްގެ ޒުވާނު ފިރިހެނުން އެއްފަހަރާ ސްޕެއިންގެ ބޯޑަރު ސަރަޙައްދަށް ޖަމާވީ ބޯޑަރު ހުޅުވާލަން އުޅޭކަމަށް ފެތުރުނު ދޮގު ޚަބަރަކާ ގުޅިގެންނެވެ.
މޮރޮކޯއާއި ސަބްތާއާ ދެމެދު ކަނޑުމަގުން އޮންނަނީ ގާތްގަނޑަކަށް 2 ނުވަތަ 3 ކިލޯމީޓަރުގެ ރާސްތާއެކެވެ.







