ރާވަލްކޯޓުގައި ދިން ހަމަލާތަކުގައި 6 މީހުން މަރުވެ، މުޒާހަރާ 51 ވަނަ ދުވަހަށް؛

ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ކަޝްމީރުގައި ކުރިއަށްދާ މުޒާހަރާތަކަށް 51 ދުވަސް ވެފައިވާއިރު، ޕާކިސްތާނުގެ ރޭންޖަރުންނާއި ފްރޮންޓިއާ ކޯޕްސް (އެފްސީ) އިން ދިން ހަމަލާތަކެއްގައި ރާވަލްކޯޓުން އިތުރު 6 މީހަކު މަރުވެއްޖެއެވެ. މިއާއެކު ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި މީރުޕޫރާއި ރާވަލްކޯޓުގައި ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 42 އަށް އަރާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު 7:00 އެހާކަންހާއިރު ރާވަލްކޯޓުގެ ޗިނާރު ޗޯކްގައި އަމާންކަމާއެކު ތިބި އާންމުންނަށް އަމާޒުކޮށް ސިފައިން ވަނީ ބަޑީގެ ހަމަލާތައް ދީފައެވެ. ގާތްގަނޑަކަށް ގަޑިއިރެއްހާއިރަށް ދެމިގެންދިޔަ މި ހަމަލާތަކުގައި ހަ މީހުން މަރުވެފައިވާއިރު، ރާވަލްކޯޓުގެ ޑީ-ޗޯކް ސަރަހައްދުގައި 200،000 އަށްވުރެ ގިނަ އާންމުން ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނު ސިފައިން ދަނީ ކޮންމެފަދަ ހަރަކާތެއް ހިންގި ކަމުގައިވީނަމަވެސް އާންމުންނަށް އަމާޒުކޮށް ބަޑި ޖަހަމުންނެވެ.

މީރުޕޫރާއި ރާވަލްކޯޓުގައި ހިންގި ޖަރީމާތަކާ ދެކޮޅަށް ނަކްޔާލް، ޚޮއި ރަައްޓާ، ދަދްޔާލް އަދި ކޮޓްލީ ފަދަ ސިޓީތަކުގައިވެސް ވަނީ ބޮޑެތި މުޒާހަރާތަކެއް ކުރިއަށްގޮސްފައެވެ. ކޮޓްލީގެ ވޯޓަރފޯލް ޗޯކްގައި އަންހެނުން އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާއެއް ރޫޅާލުމަށް ޕާކިސްތާނު ރޭންޖަރުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހައި، އާންމުންގެ ގެތަކަށް ވަދެ  ފައެވެ. މީގެއިތުރުން، އަނިޔާވި މީހުންނަށް އެހީތެރިވުމަށް އައި އަމިއްލަ ޖަމްޢިއްޔާއެއްގެ އެމްބިއުލަންސަކަށްވެސް ސިފައިން ވަނީ ސީދާ އަމާޒުކޮށް ބަޑިޖަހައި ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިންތިޚާބު ބޯއިކޮޓްކުރުމާއި ޖައްމޫ އެންޑް ކަޝްމީރަށް ކުރި އިލްތިމާސް

މުޒާހަރާގެ ލީޑަރުންގެ ތެރޭގައި ހިމެނޭ އަވާމީ އެކްޝަން ކޮމިޓީގެ މެންބަރު ރާޖާ އަބްރާރުލް ޙައްޤު މިންހާސްގެ ބޭބެ ރާވަލްކޯޓު ހަމަލާގައި މަރުވުމާ ގުޅިގެން، ކަށުނަމާދަށްފަހު އޭނާ ވަނީ އޮގަސްޓް 2 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ފޭސް ބޭއްވިޔަނުދޭނެ ކަމަށް އިއުލާނުކޮށްފައެވެ.

މުޒާހަރާ އިންތިޒާމުކުރާ މައިގަނޑު އެކަކު ކަމަށްވާ ސަރުދާރު އަމާން ޚާން ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް، ޖައްމޫ އެންޑް ކަޝްމީރުގެ ރައްޔިތުންނާއި، މީރުވާއިޒް އުމަރު ފާރޫޤް ފަދަ ދީނީ އަދި ސިޔާސީ ލީޑަރުން ޕާކިސްތާނު ސިފައިންގެ މި އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި، މުޒާހަރާއަށް ނުކުތުމަށް އިލްތިމާސްކޮށްފައެވެ.

ހިއްސާ ކުރައްވާ!