ބަންގްލަދޭޝްގެ ރިއާސަތާއި އިސްތިއުފާ

ބަންގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިން މިހާތަނަށް 55 އަހަރު ފާއިތުވެގެންދާއިރު، އެ ޤައުމުގެ ރިޔާސީ ނިޒާމާއި ރައީސުންގެ މަޤާމަށް އައިސްފައިވާ ބަދަލުތަކަކީ ދިރާސާކުރާ ފަރާތްތަކާއި ރައްޔިތުން ފުންކޮށް ވިސްނާލަންޖެހޭ މުހިންމު މައުޟޫއެކެވެ. ޚާއްޞަކޮށް، ރައީސް މުޙައްމަދު ޝިހާބުއްދީން މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ރިޔާސީ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ މަޤާމުގެ ތާރީޚުގައި ހިނގާފައިވާ މުހިންމު ހާދިސާތައް ވަނީ އަލުން ފެންމަތިވެފައެވެ.

ބަންގްލަދޭޝްގެ ތާރީޚުގައި ޤާނޫނުއަސާސީއާއި ޕާލަމެންޓް ސަސްޕެންޑްކޮށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ބާރުތައް އަމިއްލަފުޅަށް ނަންގަވާފައިވާ ބޭފުޅުން މަދެއް ނޫނެވެ.

  • ބަންގާބަންދު ޝެޚް މުޖީބުއްރަޙްމާން: 1971 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި ޕާކިސްތާނުގައި ހައްޔަރުކޮށްފައި ހުންނެވި ނަމަވެސް، ސަރުކާރުން މުޖީބަކީ ރައީސް ކަމަށް ކަނޑައެޅިއެވެ. ނަމަވެސް 1972 ޖެނުއަރީ 12 ގައި އެ މަޤާމުން ދުރުވެ، ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. އޭގެފަހުން ޖަސްޓިސް އަބޫ ސަޢީދު ޗައުދުރީ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ.

  • 1975 ގެ ބަދަލުތައް: 1975 ގެ ޖެނުއަރީ މަހު ޤާނޫނުއަސާސީއަށް ގެނެވުނު 4 ވަނަ އިސްލާޙާއެކު، މުޖީބު ބަދަލު ވެވަޑައިގަތީ ބާރުގަދަ ރައީސަކަށެވެ. އަދި އޭގެފަހުން އަސްކަރީ ބަޣާވާތްތަކާއި ޚުދުމުޚުތާރު ވެރިކަމުގެ ތެރެއިން ޖެނެރަލް ޟިޔާއުއްރަޙްމާނާއި، ޖެނެރަލް ޙުސައިން މުޙައްމަދު އިރްޝާދު ފަދަ ބޭފުޅުން ވަނީ ވެރިކަމަށް އިސްވެވަޑައިގެން ރިޔާސީ ބާރުތައް ނަންގަވާފައެވެ.

1975 ގެ އޮގަސްޓް 15 ގައި މުޖީބު އަވަހާރަކޮށްލުމަށްފަހު ޚޮންދޮކަރ މުޝްތާޤު އަޙްމަދު ރައީސްކަމާ ހަވާލުވި ނަމަވެސް، ތިން މަސް ދުވަސް ހަމަނުވަނީސް އޭނާއަށް މަޤާމު ދޫކޮށްލި އެވެ. އޭގެފަހުން ވެރިކަމަށް އައި ޖަސްޓިސް އަބޫ ސާދާތު މުޙައްމަދު ޞާޔިމްއާއި، ފަހުން ވެރިކަމަށް އައި ޖެނެރަލް ޟިޔާއާއި ޖެނެރަލް އިރްޝާދުގެ ދުވަސްވަރު ވެސް ރިޔާސީ ނިޒާމަށް ބޮޑެތި ލޮޅުންތައް އެރިއެވެ.

ޑިމޮކްރެޓިކް ވެއްޓަކަށް ބަދަލުވުން

1990 ވަނަ އަހަރު ޖެނެރަލް އިރްޝާދު އިސްތިއުފާދެއްވުމުން، އުއްތަމަ ފަނޑިޔާރު ޖަސްޓިސް ޝިހާބުއްދީ އަޙްމަދު ވަނީ ވަގުތީ ރައީސްކަމާ ހަވާލުވެވަޑައިގެން އިންތިޚާބެއް ބާއްވާފައެވެ. އޭގެފަހުން ޤައުމު އަލުން ޕާލަމެންޓަރީ ނިޒާމަކަށް ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ މައިގަނޑުގޮތެއްގައި ރަމްޒީ މަޤާމަކަށް ވެގެންދިޔައެވެ.

ނަމަވެސް، ޑރ. އޭ.ކިއު.އެމް ބަދްރުއްދުޖާ ޗައުދުރީ (2001) އަދި ރައީސް އިޖުއްދީން އަޙްމަދު (2006) ގެ ވެރިކަމުގައި ވެސް ސިޔާސީ އެކި މައްސަލަތަކާއި ވަގުތީ ސަރުކާރު އެކުލަވާލުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުން ރިޔާސީ މަޤާމަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެވެ. ރައިސް ކަމުގެ މަގާމުގައި ޟިއްލުރު ރަޙްމާން އަދި އަބްދުލް ޙާމިދު ފަދަ ބޭފުޅުން ވަރަށް ޤަދަރާއި ޒިންމާދާރުކަމާއެކު މި މަޤާމު އަދާކުރައްވާފައިވެއެވެ.

މިހާރުގެ މަސްރަޙު

ރައީސް މުޙައްމަދު ޝިހާބުއްދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ޤާނޫނުއަސާސީގައިވާ ގޮތުގެމަތިން ޤައުމުގެ ކަންކަން ހިންގުމާ ވަގުތީގޮތުން ޙަވާލުވެވަޑައިގެން ހުންނެވީ ޤާނޫނު ހަދާ މަޖިލީހުގެ މިހާރުގެ ރައީސެވެ. ޤައުމުގެ އެންމެހައި ސިޔާސީ ފަރާތްތަކާއި ރައްޔިތުން މިހާރު ތިބީ ޤައުމު ހިންގުމުގައި ހުރިހާ ޕާޓީއެއްގެ އިތުބާރު ލިބިގެންވާ ޤާބިލު ބޭފުޅަކު ރައީސްކަމަށް އިންތިޚާބުކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ހިއްސާ ކުރައްވާ!