އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، މި މަގާމަށް ކުރިމަތިލާ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- އުމުރުން 35 އަހަރު ފުރިފައިވާ ދިވެއްސަކަށް ވުން.
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން.
- ޤާނޫނުއަސާސީއެއް ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުން.
- ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން، އަދި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.
- ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމާ ގުޅުންހުރި ދާއިރާއަކުން 7 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ބޭފުޅެކެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ ހަމަ އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.




