ސްރީލަންކާއަކީ ޗައިނާގެ ސައިބާ ކްރައިމް އަދި ބައިނަލްއަގުވާމީ ކުށްކުރާ ގޭންގުތަކުގެ މާފިއާ މަރުކަޒަކަށް ވަމުންދާ ތަނެއް ކަމަށާއި، މީގެ ސަބަބުން އެ ގައުމުގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުކޮށްފިއެވެ.
މި މައްސަލަ ބޮޑުވެގެން ދިޔައީ ޖުލައި 23 ވަނަ ދުވަހު ސްރީލަންކާގެ އިހެލިޔަގޮޑަ ސަރަހައްދުން ޗައިނާގެ ރައްޔިތެއްގެ ހަށިގަނޑު ފެނުމާ ގުޅިގެންނެވެ. ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި، މަރާލާފައިވާ މީހާއަކީ ސައިބާ ކުށްތައް ކުރާ ޗައިނާގެ ނެޓްވޯކެއްގެ އިސް މެންބަރެކެވެ. އޭނާ ސްރީލަންކާއަށް އެތެރެވީ ކެމްބޯޑިއާގެ ސައްހަ ނޫން ޕާސްޕޯޓެއްގައެވެ. އޭނާ މަރާލާފައިވަނީ ޗައިނާގެ އެހެން ކްރިމިނަލް ގްރޫޕަކުން ސްރީލަންކާއަށް އެތެރެވުމަށްފަހު ހިންގި ބަދަލުހިފުމުގެ މާރާމާރީއެއްގައެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި، ޗައިނާގެ މިފަދަ ގޭންގުތަކުން ސްރީލަންކާގެ ވިސާ ސިސްޓަމްގެ ނާޖާއިޒު ފައިދާ ނަގަނީ މައިގަނޑު ތިން ގޮތަކަށެވެ:
ކޮލަމްބޯ ޕޯޓް ސިޓީގައި ހަމައެކަނި ކަރުދާހުގައި އޮންނަ ކުންފުންޏެއް ރަޖިސްޓްރީކޮށްގެން ޑިރެކްޓަރުންގެ ގޮތުގައި ވިސާ ހޯދުން.
ޕޯޓް ސިޓީއިން ބޭރުގައި ވިޔަފާރިކުރުމުގެ ހުއްދަ ހޯދައި، ރެގިއުލޭޓަރީ އިދާރާތަކަށް ނުފެންނާނެހެން ހޮޓާތަކާއި ކުއްޔަށް ނަގާ އިމާރާތްތަކުގައި ސައިބާ ކްރައިމް ސެންޓަރުތައް ހެދުން.
ފަތުރުވެރިންގެ ގޮތުގައި އެތެރެވުމަށްފަހު މާލީ އޮޅުވާލުންތަކާއި ސައިބާ އެކިއެކި ކުށްތައް ހިންގުން.
މިފަހުން ސްރީލަންކާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި، ޗައިނާ، ކެމްބޯޑިއާ، މިޔަންމާ އަދި ވިއެޓްނާމަށް ނިސްބަތްވާ 1,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. ސްރީލަންކާގެ ފުލުހުންގެ އިސް ވެރިން ވަނީ މިއީ ކަންބޮޑުވާންޖެހޭ ފަދަ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށް، އަވަސް ފިޔަވަޅުތަކެއްެ އަޅައިދިނުމަށް ސަރުކާރުގެ އިސް ވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ..



