ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ބިނާކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވީ، މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އިންޖީނުގެ އިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެއާ އިންވެގެން އޮތް ބިމުގައެވެ. މިއީ އެ ކުންފުނީގެ ފިފްތު ޕަވަ ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
ޑރ. އަޒުވަރު އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިންތިހާއަށް އިތުރުވަމުންދާތީ، އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ގާއިމުކުރުމަށްވެސް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
މީގެއިތުރުން، މާލެ ސަރަހައްދަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިން ނިންމާފައިވަނީ ސިކްސްތު ޕަވަ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި 100 މެގަވޮޓުގެ މަޝްރޫއެއް ކުރިއަށްގެންދިއުމަށެވެ. ނަމަވެސް، އެ މަޝްރޫއުގެ ކެޕޭސިޓީ އިތުރު 100 މެގަވޮޓާއެކު ޖުމްލަ 200 މެގަވޮޓަށް ބޮޑުކޮށް، އެ މަޝްރޫއު ގުޅިފަޅަށް ބަދަލުކޮށްގެން ކުރިއަށްގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.




