އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިހާބުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް އެ އޮތޯރިޓީން ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެލްޖީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެ އޮތޯރިޓީގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އިންތިޚާބު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ އިންތިޚާބާ ގުޅިގެން ކުރަންޖެހޭ މުހިންމު އިދާރީ މަސައްކަތްތައް އަދި ނުނިމޭތީ ކަމަށް އެލްޖީއޭއިން ބުނި ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކުރިން ތާވަލުކޮށްފައި އޮތީ އަންނަ ހޮނިހިރު ދުވާލު މި އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް، އިންތިހާބު ބާއްވާނެ އާ ތާރީހެއް އިއުލާނުކުރުމެއް ނެތް ގޮތަށް ފަސްކުރުމުން އިދިކޮޅު ފަރާތްތަކުގެ ނުރުހުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި ގަބޫލުކޮށް، ބަލި އިއުލާނުކުރުން ކަމަށެވެ. އަދި ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ރައީސް ނަޝީދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!