ބޮލީވުޑްގެ ތަރިންގެ ދަފްތަރުން އެކަކު އުނިވެއްޖެ

އިންޑިއާގެ މަޝްހޫރު އަދި ފާހަގަކޮށްލެވޭ އެކްޓަރު ޕްރަދީޕް ރާވަތު އުމުރުން 74 އަހަރުގައި މަރުވެއްޖެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އެކްޓަރުގެ މެނޭޖަރު ސިދާތު ތިވާރީ ވަނީ ޕްރަދީޕް ރާވަތު ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދިޔަ ކަމަށާއި، މަހަކަށްވުރެ ގިނަ ދުވަހު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ކަމަށް ކަށަވަރުކޮށްދީފައެވެ. ކުއްލިއަކަށް ހާލު ގޯސްވުމާ ގުޅިގެން އޭނާއަށް ސަލާމަތް ކުރެވިފައިނުވާ ކަމަށާއި، އަންގާރަ ދުވަހު ހޮސްޕިޓަލުގައި އޭނާމަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ޕްރަދީޕް ރާވަތު ފިލްމީ ކެރިއަރު ފެއްޓީ 1985 ވަނަ އަހަރެވެ. ބޮލީވުޑްގެ އިތުރުން އެކި ބަސްބަހުން އުފެއްދި އިންޑިއާ ފިލްމުތަކުގައި ވެސް މޮޅު އެކްޓިންއެއް ދައްކަވާފައިވެއެވެ. ފިލްމީ ދާއިރާގައި ނުބައި ބަތަލުގެ ރޯލުތަކުން އޭނާ ހޯއްދި މަޝްހޫރުކަން ބެލުންތެރިންގެ ހިތްތަކުގައި އަބަދަށް ހަރުލާފައި ހުންނާނެއެވެ. ބީ.އާރު ޗޯޕްޅާގެ މަޝްހޫރު ޑްރާމާ 'މަހާބާރަތު' ގައި 'އަޝްވަތާމާ' ގެ ރޯލު ކުޅެގެން އޭނާ ވަނީ ކޮންމެ ގެއެއްގައިވެސް ބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައެވެ.

އޭނާ ވަނީ ބޮލީވުޑްގެ އެތައް ލެޖެންޑަރީ އެކްޓަރުންނަކާ އެކު ސްކްރީން ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އަމީތާބް، ރާޖް ބައްބަރު ވިނޯދު ކަންނާ އަދި އާމިރް ޚާން ފަދަ މަޝްހޫރު ފަންނާނުން ހިމެނެއެވެ. ޕްރަދީޕް ރާވަތު ވަނީ އާމިރު ޚާނާއެކު 'ލަގާން' އަދި 'ގަޖިނީ' ފަދަ ކާމިޔާބު ފިލްމުތަކުގައި މޮޅު އެކްޓިންއެއް ދައްކަވާފައެވެ. ފިލްމު 'ގަޖިނީ' ގައި އޭނާ ކުޅުނު މައިގަނޑު ވިލަންގެ ރޯލާއި، 'ލަގާން' ގައި ކުޅުނު 'ދޭވާ' ގެ ރޯލަކީ އޭނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަގުބޫލު ރޯލުތަކުގެ ތގޮތުގައި ގުނާލެވޭ ރޯލުތަކެކެވެ.

ހިންދީ ފިލްމުތަކުގެ އިތުރުން ތެލެގޫ، އަދި ދެކުނު އިންޑިއާގެ އެހެނިހެން ބަސްބަހުގެ ފިލްމުތަކުގައި ވެސް އޭނާގެ ހުނަރު ދައްކަވާފައި ވެއެވެ.

ހިއްސާ ކުރައްވާ!