ޔޫކޭގައި ސުޕަޔުނިވާސިޓީއެއް ހަދައިފި

ޔުނައިޓެޑް ކިންގްޑަމްގައި އެ ޤައުމުގެ ފުރަތަމަ ސުޕަރ ޔުނިވަރސިޓީ އުފެއްދުމުގެ ގޮތުން ޔުނިވަރސިޓީ އޮފް ގްރެނެޗްއާ ޔުނިވަރސިޓީ އޮފް ކެންޓް އެއްކޮށްލާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ލަންޑަން އެންޑް ސައުތު އީސްޓް ޔުނިވަރސިޓީ ގްރޫޕްގެ ނަމުގައި އުފެއްދި މި އައު މުއައްސަސާއާއެކު އެ ސަރަހައްދުގެ ކެމްޕަސްތަކުގައި ފަންސާސް ހާސް ދަރިވަރުން ކިޔަވަމުންދާނެ ކަމަށާއި މިއީ އިނގިރޭސިވިލާތުގެ މަތީ ތައުލީމދޭ ތިންވަނައަށް އެންމެ ބޮޑު މުއައްސަސާއަށް ވެގެންދާނެ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ދެ ޔުނިވަރސިޓީ އެއްކޮށްލި ނަމަވެސް، ކުރިއެކޭ އެއްގޮތަށް ވަކިވަކި ނަންތަކާއި އެކެޑަމިކް ދާއިރާތަކުގެ ގޮތުގައި ވަކިން ހިންގަމުންދާނެ ކަމަށާއި، ދަރިވަރުން ސެޓުފިކެޓު ހާސިލުކުރާނީ އެ ކުއްޖަކު ހޮވާފައިވާ ވަކި ޔުނިވަރސިޓީއަކުން ކަމަށް ބުނެފައިވެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރަސްމީކޮށް ލޯންޗުކުރުމަށް ހަމަޖެހިފައިވާ މި އައު ގްރޫޕް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ މަތީ ތައުލީމދޭ ދާއިރާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، ވަސީލަތްތައް އެކަށީގެންވާ ގޮތަކަށް ބޭނުންކޮށް ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދިނުމެވެ.

ހިއްސާ ކުރައްވާ!