އެމެރިކާގެ މަނަވަރުގެ ފަޅުވެރިންގެ އާއިލާތައް ރުޅިގަދަވެއްޖެ

އީރާނާ ދެކޮޅަށް ކުރިއަށްދާ މިލިޓަރީ ހަރަކާތްތަކުގައި ބައިވެރިވާ އެމެރިކާގެ މަނަވަރު "ޔޫއެސްއެސް އަބްރަހާމް ލިންކަން ގެ ފަޅުވެރިން އެނބުރި ޤައުމަށް އަންނާނެ ވަކި ތާރީޚެއް ނޭނގި، މަނަވަރުގައި ހޭދަކުރަންޖެހޭ މުއްދަތު ދިގުލައިގެން ދިއުމާ ގުޅިގެން އެ މީހުންގެ އާއިލާތަކުން އެމެރިކާގެ ސިފައިންގެ އިދާރާއާ ދެކޮޅަށް ނުރުހުން ފާޅުކޮށްފިއެވެ.

ކެލިފޯނިޔާގެ ސެން ޑިއޭގޯގައި ހުންނަ ނޯތު އައިލެންޑް ނޭވަލް އެއާ ސްޓޭޝަންގައި އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި، މަނަވަރުގައި ތިބި 5،000 އަށްވުރެ ގިނަ ފަޅުވެރިންގެ އާއިލާތަކުން ވަނީ އެމެރިކާގެ ނޭވީގެ އިސް ވެރިންނާ ކުރިމަތިލައި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

އާއިލާތަކުން ފާހަގަކުރި މުހިންމު ކަންބޮޑުވުންތައް:

  • ނަފްސާނީ ދުޅަހެޔޮކަން ދަށަށް ދިއުން: ދިގު މުއްދަތަކަށް ކަނޑުމަތީގައި ތިބެންޖެހުމުން ފަޅުވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށާއި، ބައެއް ފަޅުވެރިން އެނބުރި ގެއަށް އާދެވޭނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ކަމަށް އާއިލާތަކުން ބުނެފައިވެއެވެ.
  •  އަސާސީ ޚިދުމަތްތަކުގެ ދަތިކަން: މަނަވަރުގައި ކާބޯތަކެއްޗާއި ވަސީލަތްތައް މަދުވުމުގެ އިތުރުން، ބޯފެން ތަޣައްޔަރުވުމުގެ މައްސަލަތަކާއި، އާއިލާތަކުން ފޮނުވާ ސިޓީއާއި ސާމާނު މަނަވަރަށް ނުލިބި މަސްތަކެއް ވަންދެން ހުއްޓިފައިވާ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ.
  •  މިޝަންއާ މެދު ސުވާލު އުފެއްދުން: ބައެއް އާއިލާތަކުން ވަނީ މި ހަނގުރާމައިގައި އާންމުން މަރުވަމުންދާތީ، އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ސިފައިންގެ ކުރާ މަސައްކަތާމެދު ސުވާލު އުފައްދާފައެވެ.

އާއިލާތަކުގެ ނުރުހުންތަކާ ގުޅިގެން އެމެރިކާގެ ނޭވީގެ އެކްޓިން ސެކްރެޓަރީ ހޮންގް ކާއޯ ވަނީ "ޔޫއެސްއެސް ތިއޮޑޯ ރޫޒްވެލްޓް" މަނަވަރު އިސްވެ އޮންނަ އައު މަނަވަރުތަކުގެ ފްލީޓެއް "އެބްރަހާމް ލިންކަން" ގެ ބަދަލުގައި މެދުއުރަމައްޗަށް ފޮނުވުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ސެކިއުރިޓީ ސަބަބުތަކަށްޓަކައި "އަބްރަހާމް ލިންކަން" އެނބުރި އަންނާނެ ސީދާ ތާރީޚެއް ހާމަކުރަން އޭނާ ދެކޮޅު ހެއްދެވިއެވެ.

ނޮވެމްބަރު 21 ގައި ސަން ޑިއޭގޯއިން ފުރި "އަބްރަހާމް ލިންކަން" ވަނީ ކަނޑުމަތީގައި މެދުކެނޑުމެއްނެތި 259 ދުވަސް ހޭދަކޮށް، އީރާނާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި އެންމެ ދިގު މުއްދަތެއް ކަނޑުމަތީގައި ހޭދަކުރި މަނަވަރުގެ ރެކޯޑް ޤާއިމުކޮށްފައެވެ.

ހިއްސާ ކުރައްވާ!