us
us

އިންތިޚާބު ކާމިޔާބު ކޮށްގެން ޓްރަމްޕްގެ ވިޔަފާރި މުއާމަލާތްތައް ތަހުގީގު ކުރަނީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓުން، ކުރިއަށް އޮތް އިންތިޚާބުގައި މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތެއް ވަގުތުން ފެށުމުގެ ބަދަލުގައި، އޭނާއާ ގުޅުންހުރި ވިޔަފާރި ކުންފުނިތަކާއި މާލީ މުއައްސަސާތަކަށް އަމާޒުކޮށް ފުޅާ ދާއިރާއެއްގައި ތަހުގީގުތަކެއް ހިންގުމުގެ ޕްލޭނެއް އެކުލަވާލަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރާގޮތުގައި، ޑިމޮކްރެޓުން ވިސްނާފައިވަނީ ވައިޓް ހައުސާ ސީދާ ގޮތުން ކުރިމަތިލުމަކަށް ދިއުމަށް ވުރެ، ބޮޑަށް ޓްރަމްޕްގެ ސިޔާސީ އަދި ވިޔަފާރީގެ ދާއިރާއާ ގުޅިފައިވާ ކުންފުނިތަކުން ލިޔކިޔުން ހޯދުމަށް ކޮމިޓީތަކުގެ އަޑުއެހުންތަކާއި، ކޮމިޓީއަށް ހާޒިރުވުމުގެ އޯޑަރުތައް ބޭނުންކުރުމަށެވެ.

މިކަމަށް ވައިޓް ހައުސްއިން ހުރަސްއަޅާނެ ކަމަށް ބެލެވޭތީ އެފަރާތްތަކުން ވަނީ ބޭރުގެ ކުންފުނިތައް މެދުވެރިކޮށް މައުލޫމާތު ހޯދުން މާ ބޭނުންތެރިކަމަށް ނިންމާފައެވެ.

މިފަދަ ޚާއްޞަ ސްޓްރީޓަޖީއެއް ގެންގުޅެން ނިންމީ ޓްރަމްޕްގެ ފުރަތަމަ ދައުރުގެ ވެރިކަމުގައި ކަންކަން ހިނގާދިޔަގޮތުން ޑިމޮކްރެޓުންނަށް ލިބުނު ފިލާވަޅުތަކުގެ މައްޗަށް ބަލައިގެންނެވެ. އެގޮތުން، މަގާމުން އަޒުލު ކުރުމުގެ މަސައްކަތްތަކަކީ ކޮންގްރެސްގެ ވަގުތުތައް ބޭކާރުވެ، ޓްރަމްޕަށް ސިޔާސީގޮތުން ކާމިޔާބީއެއްގެ ގތުގައި ސިފަ ކުރުމަށް ފުރުޞަތު ލިބިގެންދާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ނޮވެމްބަރު މަހު ބާއްވާ ދައުރުގެ މެދުތެރޭ އިންތިޚާބަށްފަހު، ޑިމޮކްރެޓުންނަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ، ޓްރަމްޕްގެ ސަރުކާރުން ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވޭތޯ ބެލުމަށާއި އެނާ ޖަވާބިު ދާރީ ކުރުމަށް ވަނީ ރާވާފައެވެ. ޑިމޮކްރެޓުންގެ އަމާޒަކީ ޓްރަމްޕްއާ ދެކޮޅަށް އަޒުލު ކުރުމުގެ ވޯޓަކަށް ނުގޮސް ސާބިތު ހެކިތަކެއް އެއްކޮށްގެން އޭނާ ޖަވާބުދާރީކުރުވުމެވެ.

ހައުސްގެ އަޣުލަބިއްޔަތު ލިބިއްޖެނަމަ ޑިމޮކްރެޓުން ތަހުގީގުކުރުމަށް ވިސްނާފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި އެޕަލް، އަލްފަބެޓް، ޕަލަންޓީއަރ، ބްލެކްސްޓޯން، ބްލެކްރޮކް އަދި އީލޮން މަސްކްގެ ޓެސްލާ ފަދަ ކުންފުނިތައް ހިމެނެއެވެ.

އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކަކީ ސަރުކާރާއެކު ބޮޑެތި ކޮންޓްރެކްޓްތައް ހަދާފައިވާ އަދި ގަވާއިދުތަކުން ރެކެންވެގެން ޓްރަމްޕަށް ފައިދާ ވާގޮތަށް އެހީވެރި ވެފައިވާ ކުންފުނިތަކެކެވެ. މީގެ އިތުރުން، ޑިމޮކްރެޓް ލީޑަރުން ވަނީ މިހާރުވެސް ކުންފުނިތަކަށާއި ކޮންޓްރެކްޓަރުންނަށް ސިޓީ ފޮނުވައި، އިންތިޚާބަށްފަހު އެމީހުން ކޮމިޓީއަށް ހާޒިރު ކުރުމުގެ ކުރިން ރެކޯޑުތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މިކަމާ ގުޅޭގޮތުން ވައިޓް ހައުސްއިން ބުނެފައިވަނީ ރައީސް ޓްރަމްޕް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ސިޔާސީ ފަންތީގައި ވާތު ފިޔާގެ ޒުވާނުންގެ އެޖެންޑާ ނައްތާލުމަށް ކަމަށާއި، ކޮންގްރެސްގެ މެޖޯރިޓީ ރިއޭނާގެ ރިޕަބްލިކަން ޕާޓީއަށް ހޯދައި ދެވޭނެ ކަމަށެވެ.

ކޮންމެ ބަޔަކު ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ނެގި ނަމަވެސް، ސަރުކާރުން އޮތީ ރަގަޅަށް ފާރަވެރިވުމުގެ ފިޔަވަޅުތަކަށް ރައްދުދޭން ތައްޔާރަށް ކަމަށް ވެސް ވައިޓު ހައުސްއިން ބުނެފައިވެއެވެ.

ޑިމޮކްރެޓުން ބުނާގޮތުގައި، ޓްރަމްޕްގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއަރ ބައިވެރިވާ "1789 ކެޕިޓަލް" ފަދަ މާލީ އިދާރާތަކާއި، ޕެންޓަގަންގެ ކޮންޓްރެކްޓްތަކާއި، އަދި ވައިޓް ހައުސްގައި ބިނާކުރަން ރާވާފައިވާ ކޮންސާޓް ހޯލް ފަދަ ކަންކަންވެސް މި ތަހުގީގުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!