އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ވަޞީލަތްތަކާއެކު ދުނިޔޭގެ އިޤްތިޞާދާއި ވެރިކަން ކުރުމުގެ ނިޒާމުތައް ބަދަލުވަމުންދާއިރު، އިންޑިއާއިން ދަނީ މި ދާއިރާގެ އެންމެ ނުފޫޒުގަދަ އެއް ޤައުމުގެ ގޮތުގައި ކުރިއަރަމުންނެވެ. ކުރިން ހަމައެކަނި ސޮފްޓްވެއަރގެ މަރުކަޒެއްގެ ގޮތުގައި މަޝްހޫރުވި އިންޑިއާއިން މިހާރު ދަނީ އީޖާދީ އުފެއްދުންތަކާއި، ހެޔޮ އަގުތަކާއި، އަދި ދިމުޤްރާޠީ ހަމަތައް އެއްކޮށްލައިގެން އޭ.އައި ދާއިރާގެ ދުނިޔޭގެ ލީޑަރަކަށް ވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
މި ކުރިއެރުމުގެ އެންމެ މުހިންމު އެއް މަސައްކަތަކީ 10,372 ކްރޯޑު ރުޕީސްގެ ބަޖެޓަކާއެކު ފެށި "އިންޑިއާ އޭ.އައި މިޝަން" އެވެ. މި މިޝަންގެ މަޤްޞަދަކީ ކޮމްޕިއުޓިންގ އިންފްރާސްޓްރަކްޗަރއާއި، ރިސާޗާއި، ސްޓާޓްއަޕްތަކާއި، އަދި މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމެވެ. އެހެން ކުންފުނިތަކުން އޭ.އައި ވަޞީލަތްތައް ވަކި ބައެއްގެ ކޮންޓްރޯލް ގައި ބަހައްޓާއިރު، އިންޑިއާއިން ވަނީ 38,000 އަށްވުރެ ގިނަ ޖީ.ޕީ.ޔޫ އެކުލެވޭ ކޮމްޕިއުޓިންގ ވަޞީލަތްތައް އާންމުކޮށް ބޭނުންކުރެވޭނެ ގޮތް ހަދައި، ސްޓާޓްއަޕްތަކަށާއި ދިރާސާކުރާ ފަރާތްތަކަށް ހެޔޮ އަގުގައި އެ ވަޞީލަތްތައް ފޯރުކޮށްދީފައެވެ.
އިންޑިއާގެ އެންމެ ބޮޑު އެއް ބާރަކީ އެޤައުމުގެ ހުނަރުވެރި އިންސާނީ ވަޞީލަތެވެ. ސްޓޭންފޯޑް ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ގްލޯބަލް އޭ.އައި ވިބްރަންސީ ރޭންކިންގގައި އެމެރިކާއާއި ޗައިނާއަށްފަހު އިންޑިއާ އޮތީ 3 ވަނައިގައެވެ. އިންޑިއާގެ 87 އިންސައްތަ ކުންފުނިތަކުން މިހާރުވެސް އޭ.އައި ވަޞީލަތްތައް ބޭނުންކުރާއިރު، 2032 ވަނަ އަހަރާ ހަމައަށް އިންޑިއާގެ އޭ.އައި މާކެޓް 131.31 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ލަފާކުރެވެއެވެ.
އިންޑިއާގެ ޚާރިޖީ ސިޔާސަތުގައިވެސް އޭ.އައި ވަނީ އިސް ދައުރެއް އަދާކުރަން ފަށާފައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ފްރާންސަށް ކުރެއްވި ދަތުރުފުޅުގައާއި ޖީ 7 ސަމިޓްގެ ބައްދަލުވުންތަކުގައި، ޒިންމާދާރު ޓެކްނޮލޮޖީއާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި "ބާރަތު އިންނޮވޭޓްސް 2026″ ހަރަކާތުގައި އިންޑިއާއިން ވަނީ އޭ.އައި، ފިންޓެކް، އަދި ޞިއްޙީ ދާއިރާގެ ޤާބިލުކަން ދުނިޔެއަށް ދައްކާލާފައެވެ.
އޭ.އައި ގަވަރނަންސް ނުވަތަ އޭ.އައި ބެލެހެއްޓުމުގައި އިންޑިއާއިން ގެންގުޅެނީ ތަފާތު އުޞޫލެކެވެ. ހަރުކަށި ޤަވާޢިދުތަކެއް ހެދުމުގެ ބަދަލުގައި، އިންޑިއާއިން ބާރުއަޅަނީ އީޖާދީ މަސައްކަތްތަކަށް ފުރުޞަތު ދިނުމާއެކު، ނިވާކަމާއި، ސައިބަރ ސެކިއުރިޓީ، އަދި ދޮގު މަޢުލޫމާތު ފެތުރުން ހުއްޓުވުމުގެ ހަމަހަމަ އުޞޫލަކަށެވެ. މީގެއިތުރުން، އާދާރު، ޔޫ.ޕީ.އައި، ޑިޖީލޮކަރ އަދި ބާޝިނީ ފަދަ ޑިޖިޓަލް ޕްލެޓްފޯމްތަކުން އިންޑިއާގެ ޚިދުމަތްތައް ކުރިއަރުވައި، ޔޫ.އޭ.އީ އާއި ސަޢޫދީ ޢަރަބިއްޔާ ފަދަ ގަލްފު ޤައުމުތަކާއެކު އޭ.އައި ދާއިރާއިން ގުޅުން ބަދަހިކުރަމުންދެއެވެ.






