އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ދެކުނުގައިވާ އިޒްނާ އަވަށުގެ ނަބީ ޞާލިޙު މިސްކިތަށް ހަމަލާދީ، އެއަށްފަހު ހިންގި އޮޕަރޭޝަންތަކުގައި ފަލަސްތީނުގެ ހަތް މީހަކު ހައްޔަރުކޮށްފިއެވެ. ފަލަސްތީނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ވަނީ ރެފިއުޖީ ކޭމްޕްތަކަށް ކަރުނަގޭސް އުކައި، އާންމުންގެ އުޅަންދުތަކަށް ގެއްލުންދީފައެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އޭޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އިޒްނާ އަވަށުގެ ނަބީ ޞާލިޙު މިސްކިތަށް ހަމަލާދީފައެވެ. އަދި އެއަށްފަހު އަލް-ޖަލާތިޔާ އަވަށަށް ވަދެގަނެ ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ހަތް މީހަކު ހައްޔަރުކުރިއެވެ.
އެ އޭޖެންސީން ބުނީ ސިފައިން މިސްކިތުން މީހުން ނެރުމުގެ ކުރިން މިސްކިތުގެ ތެރެއަށް ބަޑިޖަހައި، އަޑުގަދަ ބޮމާއި ކަރުނަގޭސް އުކައި ހެއްޖެވެ. މީގެއިތުރުން އިސްރާއީލު ސިފައިން ވަނީ ފަލަސްތީނު މީހުންގެ އުޅަނދެއް ވެސް ހަލާކުކޮށްލާފައެވެ.
ބައިތުލަޙުމްގައި، އިސްރާއީލު ސިފައިން ވަނީ އެ ސިޓީގެ ދެކުނުގައިވާ ދެހީޝެހް ރެފިއުޖީ ކޭމްޕަށް ވަދެގަނެ، އާންމުންނަށް އަމާޒުކޮށް ކަރުނަގޭސް އުކާފައެވެ. މީގެ ސަބަބުން ފަލަސްތީނުގެ ގިނަ މީހުންނަށް ނޭވާލާން އުނދަގޫވިއެވެ.
ސިފައިން ވަނީ އެ އޮޕަރޭޝަނުގައި މީހުންގެ ކާރުތަކުގެ ބިއްލޫރިވެސް ތަޅާލާފައެވެ. އެއާއެކު، އިސްރާއީލުގެ އަސްކަރީ ފައުޖެއް ވަނީ ހުޅަނގު އައްސޭރީގެ މެދުތެރޭގައިވާ އަލް-ބީރާގެ މެދަށް ވަދެ، ބަޑިޖަހައި، އަޑުގަދަ ބޮމާއި ކަރުނަގޭސް ބޭނުންކުރުމަށްފަހު، އެތަނުންވެސް ދެކޮޅުވެރިކަން ދެއްކި މީހަކު ހައްޔަރުކޮށްގެން ގެން ގޮސްފައެވެ.






