ހާލުގައިޖެހުނު އުޅަނދަކަށް އެހީވާން މާކް ޒަކަބާގްގެ ސުޕަޔޮޓުން ދެކޮޅުހަދައިފި

އެމެރިކާގެ އަލަސްކާގެ ކަނޑުގެ ސަރަހައްދުން ތެޔޮ ހުސްވެގެން ހާލުގައިޖެހުނު ކުޑަ އުޅަނދަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، މެޓާގެ ސީއީއޯ މާކް ޒަކަބާގްގެ 300 މިލިއަން ޑޮލަރުގެ ސުޕަޔޮޓް "ލޯންޗްޕެޑް" އިން ދެކޮޅު ހެދި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

އަލަސްކާގެ ކަނޑުގެ ސަރަހައްދުން 21 ފޫޓުގެ ކުޑަ ޑިންގީއެއްގެ ތެޔޮ ހުސްވުމުން، އެ އުޅަނދުން ވަނީ އެމެރިކާގެ ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައެވެ. ކޯސްޓްގާޑުން ބެލި ބެލުމުގައި އެ އުޅަނދަށް ކުއްލި ނުރައްކަލެއް ނެތް ކަމަށް ނިންމައި، ކައިރީގައިވާ އުޅަނދުފަހަރުން އެހީތެރިވެދިނުމަށް އާންމު މެސެޖެއް ފޮނުވިއެވެ.

އެ ވަގުތު ހާލުގައިޖެހުނު އުޅަނދާ އެންމެ ކައިރީގައި އޮތީ ޒަކަބާގްގެ "ލޯންޗްޕެޑް" ޔޮޓެވެ. ނަމަވެސް އެ ޔޮޓުން އެހީތެރިކަން ފޯރުކޮށް ދޭން ދެކޮޅު ހެދުމުން މާ ދުރުގައި އޮތް ކްރޫޒްޝިޕަކުން ވަނީ އެ އުޅަނދު ސަލާމަތްކޮށްދީފައެވެ.

ކްރޫޒްޝިޕްގައި ހުރި ސޮފްޓްވެއާ ޑިވެލޮޕަރަކު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ޒަކަބާގްގެ ސުޕަޔޮޓް ކައިރީގައި އޮތް ނަމަވެސް އެހީވާން ދެކޮޅުހެދި ކަމަށް ކެޕްޓަން އެންގުމުން، ކްރޫޒްޝިޕްގައި ތިބި އާންމުން ވަނީ ޒަކަބާގްގެ ޔޮޓަށް ނުރުހުން ފާޅުކޮށް އަޑުގަދަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ޒަކަބާގް އަދި އޭނާގެ އަންހެނުން ޕްރިސިއްލާ ޗާންގެ ތަރުޖަމާނު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. ތަރުޖަމާނު ބުނި ގޮތުގައި، ހާދިސާ ހިންގި ވަގުތު ޒަކަބާގް އަދި އޭނާގެ އާއިލާވެސް ޔޮޓްގައި ނޫޅެއެވެ. އަދި ކޯސްޓްގާޑުން ފޮނުވި މެސެޖު ޔޮޓުގެ ފަޅުވެރިންނަށް ފުރަތަމަ ނުލިބުނީ އެ މީހުން އެހެން ރޭޑިއޯ ޗެނަލެއް ބޭނުންކުރަމުންދިއުމުން ކަމަށާއި، މެސެޖު ލިބުނުއިރު އެހެން އުޅަނދަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!