ޤައުމުގެ މާލީ ނިޒާމަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު %51 އިތުރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
މި ނިންމުމަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަހިކޮށްދީ، ވިޔަފާރިތަކަށް މުދާ އިމްޕޯޓްކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި ބަދަލު މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަކަށް ތަންފީޒުކުރަމުންދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.
ކުރިއަށް އޮތް ފަތުރުވެރިކަމުގެ އޮފް-ސީޒަނަށް ރިއާޔަތްކޮށް، މާކެޓަށް ބޭނުންވާ ލުއި ހޯދައިދިނުމަށް މަރުކަޒީ ބޭންކުން މީގެ ކުރިންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ޑޮލަރު ދޫކުރާ މިންވަރު %32 އިތުރުކޮށްފައިވާއިރު، ޖޫން މަހުގެ ތެރޭގައިވެސް ވަނީ %26 ގެ ކުރިއެރުމެއް ގެނެސްފައެވެ.
މިދިޔަ ފެބުރުއަރީ މަހުން ފެށިގެން، މެދުއިރުމަތީގެ މަސްރަހު ގޯސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް މަޑުޖެހުމެއް އައިސް، ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. މީގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް މަރުކަޒީ ބޭންކުން އަންނަނީ ސްޓްރެޓެޖިކް ފިޔަވަޅުތައް އަޅަމުންނެވެ.






