އިސްރާއީލުގެ ޖާސޫސީ އިދާރާ، މޮސާޑުގެ ކުރީގެ ރައީސް ޔޮސީ ކޯހެން ބުނާ ގޮތުގައި، އިސްރާއީލުގެ އޭޖެންޓުން ވަނީ އީރާނުގެ ފޯރްދޯ ނިއުކްލިއާ މަރުކަޒުގެ އެތެރޭގައި އެތައް ފަހަރެއްގެ މަތިން ހަރަކާތްތެރިވެ، އެ މަރުކަޒުގެ މައުލޫމާތުތައް އެއްކޮށްފައެވެ. ސަފަދު ސިޓީގައި ބޭއްވި ސެކިއުރިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޯހެން ބުނީ، 2025 ވަނަ އަހަރު އެމެރިކާއިން ފޯރްދޯ މަރުކަޒަށް ދިން ބޮމުގެ ހަމަލާއަކީ އޭނާގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ވެގެންދިޔަ ކަމެއް ކަމަށެވެ.
އިސްރާއީލުން މިފަދަ ވާހަކަތައް އިޝްތިހާރު ވުމަށްވެސް ދައްކައެވެ. އެހެންވެ، މި ވާހަކައިގައި ކޮންމެވެސް ވަރެއްގެ ތެދެއް އޮވެދާނެއެވެ. އަދި އޮޅުވާލުންތަކެއް ވެސް އޮވެދާނެ ކަމަށް ބަލަން ވާނެއެވެ. އޭނާ ބުނާ ވާހަކަތައް ޚުލާސާކޮށް:
- ފޯރްދޯ މަރުކަޒަށް ވަދެގަތުން:
މޮސާޑުގެ އޭޖެންޓުން ވަނީ ފޯރްދޯ ނިއުކްލިއާ މަރުކަޒުގެ ސިއްރު މައުލޫމާތު ހޯދުމަށް އެތަނުގެ އެތެރޭގައި ދިގު މުއްދަތަކަށް ހަރަކާތްތެރިވެފައެވެ. - އެމެރިކާގެ ބޮމުގެ ހަމަލާ:
ފޯރްދޯ މަރުކަޒު ހުންނަނީ ފަރުބަދަތަކުގެ އަޑީގައި ކަމަށްވުމުން، އެތަން ހަލާކުކޮށްލުމަށް އެމެރިކާގެ ބީ-2 ބޮމާ ބޯޓުތައް ބޭނުންކުރިއެވެ. - ސައިބާ ހަމަލާތައް:
ނަތަންޒް މަރުކަޒަށް ދިން "ސްޓަކްސްނެޓް" ވައިރަސް ހަމަލާގައި 1000 އަށްވުރެ ގިނަ ސެންޓްރިފިއުޖް ހަލާކުކޮށްލިއެވެ. - ނިއުކްލިއާ އާކައިވް:
2018 ވަނަ އަހަރު މޮސާޑުން ވަނީ ތެހެރާންގެ ގުދަނަކުން 55000 އަށްވުރެ ގިނަ ސަފުހާގެ ނިއުކްލިއާ ބެހޭ ސިއްރު ލިޔެކިޔުން ވަގަށް ނަގާފައެވެ.
ފޯރްދޯ މަރުކަޒަށް ހަމަލާދިނުމުގެ ކުރިން ހިންގި އޮޕަރޭޝަންތައް
އީރާނުގެ ސަރުކާރުން 2022 ވަނަ އަހަރުގެ މާޗު މަހު އިއުލާނުކުރި ގޮތުގައި، ފޯރްދޯ މަރުކަޒަށް ހަމަލާދޭން އުޅުނު މޮސާޑުގެ ގްރޫޕެއްގެ މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ. މޮސާޑުގެ އޮފިސަރުން ވަނީ އެ މަރުކަޒުގެ ފެންވަރު މަތީ ސެންޓްރިފިއުޖްތަކުގައި މަސައްކަތްކުރާ ފަންނީ އެހީތެރިންނާ ގުޅުން ގާއިމުކޮށްގެން މައުލޫމާތު ހޯދަން މަސައްކަތްކޮށްފައެވެ.
އިސްރާއީލުން 2025 ވަނަ އަހަރުގެ ޖޫން މަހު "ރައިޒިންގ ލަޔަން" އޮޕަރޭޝަން ފެށި ނަމަވެސް، ފޯރްދޯ މަރުކަޒު ފަރުބަދައިގެ އަޑީގައި ހުރުމުގެ ސަބަބުން އިސްރާއީލަށް އެކަނި އެތަން ހަލާކެއް ނުކުރެވުނެވެ. އެހެންކަމުން 2025 ޖޫން 22 ގައި އެމެރިކާއިން ވަނީ ބީ-2 ބޯޓުތައް ބޭނުންކޮށްގެން ފޯރްދޯ، ނަތަންޒް އަދި އިސްފަހާންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
ނަތަންޒް މަރުކަޒާއި ސައިބާ ހަމަލާތައް
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ހުރަސްއެޅުމަށް އިސްރާއީލާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ 2008 ވަނަ އަހަރު ނަތަންޒް މަރުކަޒަށް ސައިބާ ހަމަލާއެއް ދީފައެވެ. "ސްޓަކްސްނެޓް" ނަމުން ދެވުނު ކޮމްޕިއުޓާ ވައިރަސް ބޭނުންކޮށްގެން ނަތަންޒް މަރުކަޒުގެ 1000 ސެންޓްރިފިއުޖް ހަލާކުކޮށްލިއެވެ. މި އޮޕަރޭޝަން ހިންގުމުގައި ހޯލަންޑުގެ އިންޖީނިއަރެއްގެ އެހީތެރިކަން ހޯދިކަން ފަހުން ވަނީ ތަހުގީގުތަކުން އެނގިފައެވެ.
ތެހެރާންގެ ގުދަނުން ސިއްރު ލިޔެކިޔުންތައް ނެގުން
ޔޮސީ ކޯހެން މޮސާޑުގައި އިސްވެ ހުރި ދުވަސްވަރު، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު މޮސާޑުގެ އޭޖެންޓުން ވަނީ ތެހެރާންގެ ދެކުނުގައި ހުރި ގުދަނަކަށް ވަދެގަނެފައެވެ. އެ އޮޕަރޭޝަނުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ 55000 ސަފުހާގެ ލިޔެކިޔުމާއި 183 ސީޑީ ވަގަށް ނެގިއެވެ. އެމެރިކާއިން އީރާނާއެކު އެއިރު ހަދާފައ އޮތް ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ލިޔެކިޔުންތައް ބޭނުންކޮށްގެން ޓްރަމްޕަށް ބާރުއަޅާފައެވެ.
ނިއުކްލިއާ ސައިންސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާތައް
އީރާންގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާދިނުމުގެ އިތުރުން، އިސްރާއީލުން ވަނީ އީރާނުގެ މުހިންމު ނިއުކްލިއާ ސައިންސްވެރިންނަށް އަމާޒުކޮށްގެން ހަމަލާތައް ހިންގާފައެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުހްސިން ފަޚްރީޒާދާ ޝަހީދު ކޮށްލުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އީރާނުގެ 11 ނިއުކްލިއާ ސައިންސްވެރިއަކު ޝަހީދުކޮށްލާފައެވެ. މި ހަމަލާތަކަކީ އަހަރުތަކެއް ވަންދެން މައުލޫމާތު އެއްކޮށްގެން ދިން ރޭވުންތެރި ހަމަލާތަކެއް ކަމަށް ޔަހޫދީ ރެޖީމުން ބުނެއެވެ.






