އަލްޖަޒާއިރާއި ލީބިޔާއަށް އެމެރިކާއިން ޖިޒްޔަ ދައްކަންޖެހުނު ތާރީޚީ ދުވަސްތައް ހަނދާނަށް ގެންނަމާ ހެއްޔެވެ.
1786 ވަނަ އަހަރާއި 1815 ވަނަ އަހަރާ ދެމެދު، އެމެރިކާއާއި އުސްމާނީ ދައުލަތުގެ ދަށުގައިވާ އަލްޖަޒާއިރާއި ލީބިޔާއާ ދެމެދު ހިނގި ހަނގުރާމަތަކަކީ އެމެރިކާގެ ތާރީޚުގައި މުހިންމު ބާބެކެވެ. އެ ދުވަސްވަރު އުސްމާނީ ދައުލަތުގެ ކަނޑުގެ އުޅަނދުފަހަރުން މެޑިޓެރޭނިއަން ކަނޑުގެ ވިޔަފާރި މަގުތައް ކޮންޓްރޯލް ކުރިއެވެ.
މެޑިޓެރޭނިއަން ކަނޑުން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ޔޫރަޕްގެ ކަނޑު ފޭރޭ މީހުން މިބައިން ރައްކާތެރިކަން ދޭތީ އެކަމުގެ ބަދަލުގައި، އުސްމާނީ ދައުލަތުންނާއި އުތުރު އެފްރިކާގެ ދައުލަތްތަކުން ޤަވާއިދުން ފީއެއް ނުވަތަ ޖިޒްޔައެއް އަތުލިއެވެ. އިނގިރޭސިވިލާތާއި، ޑެންމާކާއި، ނެދަލޭންޑްސްއާއި، ސްޕެއިން އަދި ޕޯޗުގަލް ފަދަ ވިލާތުގެ ބޮޑެތި ބާރުތަކުންވެސް މި ފީ ދެއްކިއެވެ.
1776 ވަނަ އަހަރު އިނގިރޭސިންގެ އަތުން އެމެރިކާ މިނިވަންވުމަށްފަހު، އެމެރިކާގެ އުޅަނދުފަހަރު އަމިއްލަ ދިދައިގައި ދަތުރުކުރަން ފެށިއެވެ. ނަމަވެސް، ރައްކާތެރިކަމުގެ ފީ ދެއްކުމުގެ ބަދަލުގައި އެމެރިކާއިން މަސައްކަތްކުރީ އިއްތިހާދެއް ހަދައިގެން ޖިޒިޔަ ނުދައްކާ ބާރުގެ ބޭނުންކުރުމަށެވެ. މީގެ ރައްދުގައި އަލްޖަޒާއިރުން އެމެރިކާގެ އުޅަނދުފަހަރަށް ހަމަލާދީ، 1785 ވަނަ އަހަރު އެމެރިކާގެ ދެ އުޅަނދެއް ހިފެހެއްޓިއެވެ.
މި ހަމަލާތަކާ ގުޅިގެން އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ ސަރުކާރުން އަލްޖަޒާއިރާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން އަލްޖަޒާއިރަށް އުޅަނދުފަހަރު ބަނދެދިނުމަށާއި، ކަނޑުމަގުން ދަތުރުކުރުމުގެ ރައްކާތެރިކަމަށް އަހަރީ ފީއެއް ދެއްކުމަށް އެއްބަސްވިއެވެ.
ހަމައެއާއެކު، ލީބިޔާގެ ތަރާބުލުސް / ޓްރިޕޮލީ ގެ ވެރިޔާ ޔޫސުފް ބާޝާ އަލްޤަރަމާންލީވެސް އެމެރިކާގެ އުޅަނދުފަހަރަށް މެޑިޓެރޭނިއަން ކަނޑުން ދަތުރުކުރެވޭނީ ޖިޒްޔަ ދައްކައިގެން ކަމަށް އެންގިއެވެ. 1801 ވަނަ އަހަރު ޔޫސުފް ބާޝާ އެމެރިކާއިން ދައްކަންޖެހޭ ފީ 225000 އެމެރިކާ ޑޮލަރަށް ބޮޑުކުރިއެވެ.
އެމެރިކާގެ ތިންވަނަ ރައީސް ތޯމަސް ޖެފަސަން މި އަދަދު ދެއްކުމަށް ދެކޮޅު ހެއްދެވުމުން، 14 މޭ 1801 ގައި ޔޫސުފް ބާޝާ އެމެރިކާއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރެއްވިއެވެ. އަދި ތުރާބުލުސްގައި ހުންނަ އެމެރިކާ ކޮންސިއުލޭޓް ކުރިމަތީގައި ހުރި އެމެރިކާގެ ދިދަ ދަނޑި ބިންދާލުމަށް އަމުރުކުރެއްވިއެވެ.
މި ހާދިސާއަށްފަހު، ލީބިޔާގެ ކަނޑުގެ ސިފައިން މެޑިޓެރޭނިއަން ކަނޑުގައިވާ އެމެރިކާގެ ވިޔަފާރި އުޅަނދުފަހަރު ހިފަހައްޓައި، ވޮޝިންގްޓަން ސަރުކާރަށް މަޖުބޫރުކުރުވީ އެމެރިކާގެ އިޤްތިޞާދީ އަދި ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖިޒްޔަ ދެއްކުމަށެވެ.







