ހޫނުގަދަވުމުން ޔޫރަޕިއަން ޔޫނިއަންގެ އިގްތިސާދަށް 180 ބިލިއަން ޔޫރޯގެ ގެއްލުމެއް

މި އަހަރުގެ ހޫނު މޫސުމުގައި ހޫނު ގަދަވުމުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައުމުތަކުގެ އިގްތިސާދަށް 180 ބިލިއަން ޔޫރޯގެ ގެއްލުމެއް ލިބޭނެކަމަށް "ޓްރައިއޯޑޯސް" ބޭންކުން ނެރުނު އާ ދިރާސާއަކުން ދައްކާއެވެ. މިއީ އީޔޫގެ ޖުމްލަ އުފެއްދުންތެރިކަމުގެ 1 އިންސައްތައާ ގާތްކުރާ އަދަދެކެވެ. އަދި މިއީ 2026 ވަނަ އަހަރު އީޔޫގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރެވެ.

މި ދިރާސާއިން އެނގޭ ގޮތުގައި، އެންމެ ހޫނުގަދަ ގައުމުތަކަށް ލިބުނު ގެއްލުމާއެކު އެހެން ގައުމުތަކަށްވެސް މިކަމުގެ އަސަރު  ކުރެއެވެ. އެގޮތުން، ސްޕޭނާއި އިޓަލީއަކީ އެންމެ ހޫނުގަދަ ދުވަސްތައް ތަހައްމަލުކުރާ ދެ ގައުމު ކަމަށްވީ ނަމަވެސް، ގިނަ އަހަރުތަކެއް ވަންދެން ވަކި މިންވަރަކަށް ހޫނަށް އާދަވެފައިވުމުން އެ އަސަރު ކުޑަކުރެވެއެވެ. ނަމަވެސް ފްރާންސްގެ އިގްތިސާދީ ކުރިއެރުމުން 1.4 އިންސައްތަ ދަށަށް ގޮސް، 0.6 އިންސައްތައިގެ ހީނަރުކަމެއް އަތުވެދާނެއެވެ. އަދި ނެދަލޭންޑްސްގެ ކުރިއެރުމުން 0.8 އިންސައްތަ ދަށަށް ގޮސް، އެ ގައުމަށް ލަފާކުރި އިގްތިސާދީ ކުރިއެރުން މުޅިން ހުއްޓުމަކަށް އައުން އެކަށީގެންވެއެވެ.

އެންމެ ބޮޑު ގެއްލުމެއް ލިބެނީ ގަދަ ހޫނުގައި މަސައްކަތްތެރިންގެ މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވުމުގެ ސަބަބުންނެވެ. ޓްރައިއޯޑޯސް ބޭންކުން އަންދާޒާކުރާ ގޮތުގައި މަސައްކަތުގެ އުފެއްދުންތެރިކަން ދަށްވުމުން އެކަނިވެސް އީޔޫގެ ޖީޑީޕީން 0.6 އިންސައްތަ ދަށަށް ދާނެއެވެ. އަދި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން 3 އިންސައްތައާއި 7 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެއެވެ.

180 ބިލިއަން ޔޫރޯގެ ގެއްލުމާ ބެހޭގޮތުން ބޭންކުން ބުނީ، މިއީ ފެންނަ ފެނުމަށް ކުޑަ އަދަދެއްހެން ހީވި ނަމަވެސް، މިއީ މުޅި މި އަހަރު އީޔޫގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މުޅި ޖުމްލަ މިންވަރު ކަމަށެވެ.

މި ހޫނު މޫސުމުގައި ލިބޭ ގެއްލުންތައް އިގްތިސާދީ އުފެއްދުންތެރިކަމަށްވުރެ ބޮޑަށް އެހެން ދާއިރާތަކަށްވެސް ފެތުރިފައިވެއެވެ. ޖޫން މަހުގެ މެދުތެރެއިން ޖުލައި މަހުގެ ކުރީކޮޅަށް ދެމިގެންދިޔަ ރެކޯޑު ހޫނުމިނުގެ ސަބަބުން، ޔޫރަޕުގެ އެންމެ ބޮޑަށް އަސަރުކުރި 6 ގައުމުން މަދުވެގެން 14000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިއްސާރަ ވުމެއް ނެތި ގަދައަށް ހޫނުވުމުގެ ސަބަބުން ޔޫރަޕުގެ ހަކަތައިގެ ނިޒާމަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ޑެނިއުބް ކޯރުގެ ކަނޑުގެ ފެންގަނޑު ހިނދުމުގެ ސަބަބުން ހަންގޭރީގެ "ޕަކްސް" ނިއުކްލިއަރ ޕަވާ ޕްލާންޓުން ކަރަންޓު އުފައްދާ މިންވަރު މަދުކުރަން ޖެހުނެވެ. އަދި ރޫމޭނިއާއިން ވަނީ އެ ގައުމުގެ ނިއުކްލިއަރ ރިއެކްޓަރަށް ފެން ހޯދުމަށްޓަކައި ހިލަތައް ގޮއްވައިގެން ފެންގަނޑުގެ މިސްރާބު ބަދަލުކޮށްފައެވެ. މީގެއިތުރުން ރައިން އާއި ޑެނިއުބް ކޯރުގައި ދުއްވާ އުޅަންދުފަހަރު ދަތުރުކުރަނީ އަޑިއަށް ނުދާވަރަށް ލުއިކޮށް މުދާ މަދުން ބަރުކޮށްގެންނެވެ.

އޮސްޓްރިއާގައި ވާރޭނުވެހި ގަދައަށް ހޫނުވުމުގެ ސަބަބުން ދަނޑުވެރިކަމަށް 1 ބިލިއަން ޔޫރޯގެ ގެއްލުން ވެފައިވެއެވެ. އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ޖޫން މަހުގެ މެދުތެރެއިން ފެށިގެން ވާރޭވެހުނު މިންވަރު ވަނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ 75 އިންސައްތަ ދަށްވެފައެވެ.

ޓްރައިއޯޑޯސް ބޭންކުން އިންޒާރުދޭ ގޮތުގައި، ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމާއެކު މިފަދަ ގަދަ ހޫނުމޫސުންތަކަކީ އާންމުކަމަކަށް ވެގެންދާނެއެވެ. ނަމަވެސް ދަނޑުވެރިކަމަށް ފެންދިނުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، އިމާރާތްތައް ފިނިކުރެވޭނެ ގޮތްތައް ހެދުމާއި، މަސައްކަތްކުރާ ގަޑިތަކަށް ބަދަލުގަނެގެން ސަރުކާރުތަކަށް މި ގެއްލުންތައް ކުޑަކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!