ވެނެޒުއޭލާއިން އިސްރާއީލާއެކު ސިޔާސީ ގުޅުން އަލުން ގާއިމުކޮށްފި

ވެނެޒުއޭލާ ސަރުކާރުން އިސްރާއީލާއެކު ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ނިޒާމެއް ގާއިމުކުރަން އެއްބަސްވެއްޖެއެވެ. މިއީ 2009 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކަނޑާލިފަހުން އައި ބޮޑު ބަދަލެކެވެ.

ވެނެޒުއޭލާ ސަރުކާރުން ހާމަކުރި ގޮތުގައި، ދެގައުމުގެ އިސް މަސްއޫލުވެރިންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު، ކޮންސިއުލަރ ޚިދުމަތްތައް އަލުން ފެށުމަށް ވަނީ ނިންމާފައެވެ.

ޖެނޮސައިޑް ރެޖީމްގެ ޚާރިޖީ ވުޒާރާއިންވެސް ނެރުނު ބަޔާނެއްގައި، އިސްރާއީލާއި ވެނެޒުއޭލާގައި ތިބި ޔަހޫދީ އާބާދީއާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން ދެގައުމުގެ ސަރުކާރުން ގަބޫލުކުރާކަން ފާހަގަކުރިއެވެ. އަދި މިއީ ދެގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ތާރީޚީ މުހިންމު ފާލަމެއްކަމަށް ބަޔާނުގައިވެއެވެ.

ޣައްޒާއަށް އިސްރާއީލުން ދިން ޖެނޮސައިޑް ހަމަލާތަކާ ގުޅިގެން 17 އަހަރު ކުރިން ގުޅުން ކަނޑާލި ވެނެޒުއޭލާއަކީ ތާރީޚީގޮތުން އީރާނުގެ ބައިވެރިއެކެވެ. ނަމަވެސް، ޖެނުއަރީ މަހު އެމެރިކާއިން ރައީސް ނިކޮލަސް މަދޫރޯ ވަގަށްނެގިފަހުން، ވެނެޒުއޭލާގެ އާ ސަރުކާރުން ދަނީ ވޮޝިންޓަނާއެކު ގާތް ގުޅުމެއް ގާއިމުކުރަމުންނެވެ.

2009 ވަނަ އަހަރުގެ ކުރީކޮޅު ވެނެޒުއޭލާއިން އިސްރާއީލާއެކު އޮތް ގުޅުން ކަނޑާލީ، ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ހިންގި އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ގުޅިގެންނެވެ. އެއަށްފަހު ކަރާކަސްގައި އިސްރާއީލުގެ މަސްލަހަތުތައް ކެނެޑާއިން ބެލެހެއްޓިއިރު، ތެލް އަވީވްގައި ވެނެޒުއޭލާގެ މަސްލަހަތުތައް ބެލެހެއްޓީ ސްޕެއިނުންނެވެ.

ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން އެންމެ ފުރަތަމަ ގާއިމުކުރީ 1948 ވަނަ އަހަރުއެވެ. ނަމަވެސް 1999 ވަނަ އަހަރު ރައީސް ހޫގޯ ޗާވޭޒްގެ ވެރިކަމުގައި، ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް، އިސްރާއީލުގެ ޖެނޮސައިޑް އަސްކަރީ އަމަލުތަކަށް ފާޑުކިޔުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހީނަރުވިއެވެ.

މަޑޫރޯގެ ވެރިކަން ނިމުމަކަށް އައުމަށްފަހު، ވެނެޒުއޭލާގެ އާ ސަރުކާރުން ވަނީ އިސްރާއީލާއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި 2026 ވަނަ އަހަރުގެ މެދުތެރޭގައި ވެނެޒުއޭލާއަށް އައި ބިންހެލުމާ ގުޅިގެން އިސްރާއީލުން ފޮނުވި އެހީތެރިކަމުގެ ޓީމަށް، ވެނެޒުއޭލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިއްސާ ކުރައްވާ!