ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ޢަރަބި-އިސްލާމީ ތަޢުލީމުގެ އެންމެ މުހިންމު އެއް މަރުކަޒު ކަމަށްވާ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ (ޢަރަބިއްޔާ ސްކޫލު) އަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ސީދާ މައިދާނަށް ވަޑައިގެން ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ހިނގަމުންދާ ސަރަޙައްދަށް ވަޑައިގެން، މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

ޢަރަބިއްޔާ ސްކޫލު ބިނާކުރާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ ކަމަށްވާ އާރްސީސީ ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ރަޝީދެވެ.

މި ޒިޔާރަތުގެ ތެރެއިން، ޢިމާރާތުގެ އިންޖިނިއަރިން އަދި މައިގަނޑު އޮނިގަނޑުގެ މަސައްކަތްތައް ހުރި ހިސާބު ކޮންޓްރެކްޓަރުން ވަނީ ރައީސަށް ވިދާޅުވެދެއްވާފައެވެ. އަދި މި ބައްދަލުވުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ސްކޫލުގެ ބައެއް ދަރިވަރުންނާއި މަތީ ތަޢުލީމަށް ތައްޔާރުވަމުންދާ ޒުވާނުންނާ ރައީސް ބައްދަލުކުރެއްވުމެވެ. އެ ކުދިންގެ ޝުޢޫރުތަކާއި އުންމީދުތައް އަޑުއައްސަވައި، ސަރުކާރުން އެ ކުދިންގެ ކުރިމަގަށްޓަކައި ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ރައީސް ދެއްވާފައިވެއެވެ.

މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން އާރްސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން ބިނާކުރަނީ އަށް ފަންގިފިލާގެ ޢިމާރާތެކެވެ. ރާއްޖޭގެ ތަޢުލީމީ ސިޔާސަތުގައި ޢަރަބި ބަހާއި އިސްލާމީ ތަރުބިޔަތަށް ދެވޭ މުހިންމުކަން ދައްކުވައިދޭ މި ޢިމާރާތުގައި، ޒަމާނީ ފެންވަރުގެ ކްލާސްރޫމްތަކާއި، ލެބޯޓްރީތަކާއި، އަދި ކިޔަވައިދިނުމަށް ބޭނުންވާ އެންމެ ފަހުގެ ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރުގެ ނިޔަލަށް މި ޢިމާރާތުގެ މަސައްކަތް މުޅިން ނިންމައި، އަންނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުމާއެކ ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އެ ތަނުގައި ޒަމާނީ ފެންވަރަކަށް ކިޔަވައިދޭން ފެށުމަށެވެ. މާލެއިން އެކަށޭނަ ބޮޑު ބިމެއް ހަމަޖައްސައި، ޢަރަބިއްޔާ ސްކޫލަށް ދާއިމީ އަދި ޖާގަ ތަނަވަސް ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.

ހިއްސާ ކުރައްވާ!